މުގާބޭ އާއި ގްރޭސްއަށް ދައުވާ ނުކުރާނަން، ޙިމާޔަތް ދޭނަން- ސިފައިން

President Robert Mugabe kisses his wife and first lady Grace Mugabe during during the country's 37th Independence Day celebrations at the National Sports Stadium in Harare April 18, 2017. / AFP PHOTO / Jekesai NJIKIZANA (Photo credit should read JEKESAI NJIKIZANA/AFP/Getty Images)

ޒިމްބާބުވޭގެ ކުރީގެ ރައީސް މުގާބޭ އާއި އަނބިކަނބަލުން ގްރޭސްގެ މައްޗަށް ކުރެވިފައިވާ އެއްވެސް ތުހުމަތެއްގައި ދައުވާނުކޮށް އެ ދެބޭފުޅުންނަށްވެސް އެ ގައުމުން ޙިމާޔަތް ދިނުމަށް ޒިމްބާބުވޭގެ ސިފައިން ނިންމައިފިއެވެ.

ސިފައިންގެ އިސް ޖެނެރަލަކު ވިދާޅުވީ މިގޮތަށް ނިންމީ އަސްކަރިއްޔާގެ އެންމެ އިސްވެރިންނާއި މުގާބޭއާއެކު ކުރެވުނު މަޝްވަރާ ތަކުގައި ދެފަރާތަށްވެސް އެގޮތަށް އެއްބަސްވުމަކަށް އާދެވުމުން ކަމަށެވެ. ބަޔެއް ފަރާތްތަކުން ބުނެފައި ވަނީ އެންމެ ފަހު ވަގުތާ ހަމައަށްވެސް މުގާބޭ އިސްތިއުފާ ނުދެއްވައި ގަދަހެއްދެވީ އޭނާގެ މައްޗަށް ދައުވާ ނުކުރި ނަމަވެސް އަނބިކަނބަލުން ގްރޭސްގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ބެލެވޭތީ ކަމަށެވެ. އެހެންވެ އިސްތިއުފާ ދެއްވުމުގެ ކުރިން ގްރޭސްއަށްވެސް ސިފައިންގެ ޔަގީން ބަސް ހޯއްދަވަން މަޝްވަރާ ތަކުގައި މުގާބޭ ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ކަމަށް ބަޔެއް ފަރާތްތަކުން ގަބޫލު ކުރެއެވެ.

ސިފައިންގެ ބާރުގެ ދަށަށް އެގައުމު ގޮސް މުގާބޭގެ ބާރު ކެނޑުމާއެކު ގްރޭސް ވަނީ ފިއްލަވައިގެން ގައުމުން ބޭރަށް ވަޑައިގެންފައެވެ. ނަމަވެސް މުގާބޭ އޭރު ހުންނެވީ ގޭބަންދު ކުރެވިފައެވެ. ސިފައިން ބުނީ މުގާބޭ އަށާއި ގްރޭސްއަށް އަދި މުގާބޭގެ އާއިލާއަށް އެގައުމުން ބޭރަށް ވަޑައިނުގެން ގައުމުގައި އެއްވެސް ނުރައްކަލެއް ނެތި ދިރިއުޅުއްވޭނެ އިންތިޒާމް ބޭނުންފުޅުނަމަ ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ. ނަމަވެސް ގްރޭސް އަދި އެނބުރި ޒިމްބާބުވޭއަށް ވަޑައިނުގަންނަވައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.