ނަޝީދުގެ ބަރުލަމާނީ ޓީމުގެމައްޗަށް ކުރި ހޯދީ ރައީސްގެ ޓީމު

ވެރިކަންކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބު އިއްޔެ ނިމިގެންދިޔައިރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރައްވާ ކެނޑިޑޭޓުން ބޮޑު އަޣުލަބިއްޔަތަކުން ކުރިހޯދައިފިއެވެ.

މިއިންތިޚާބު ވެގެންދިޔައީ އެމްޑީޕީގެ އެންމެ އިސް 2 ލީޑަރުންގެ މެދުގައި ވަރަށް ވާދަވެރިކަން ބޮޑު އިންތިޚާބަކަށެވެ. އެގޮތުން ޕާޓީގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ތާޢީދުކުރައްވާ ކެނޑިޑޭޓުން ނުކުންނެވީ ބަރުލަމާނީ ނިޒާމަށް ތާޢީދުކުރައްވަމުންނެވެ. ރައީސް ނަޝީދުވަނީ އެމަނުގެ ތާޢީދު އޮންނާނީވެސް ބަރުލަމާނީ ނިޒާމަށް ތާޢީދުކުރައްވާ ކެނޑިޑޭޓުންނަށްކަން ކުރިއްސުރެ ހާމަކުރައްވާފައެވެ.

އިއްޔެ ނިމިގެންދިޔަ އިންތިޚާބުގެ އެންމެ ފަހުގެ ނަތީޖާ ދައްކާގޮތުން އިންތިޚާބުގައި ވާދަކުރެއްވި ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ވަނީ ކާމިޔާބުކުރައްވާފައެވެ. އެގޮތުން މެދު ދެކުނު ޕްރޮވިންސްގެ ރައީސްކަމަށް ވާދަކުރެއްވި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ލ.ގަމު ދާއިރާއަށް ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ކާމިޔާބު ކުރެއްވިކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކާއި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީވެސް ވަނީ ކާމިޔާބުކުރައްވާފައެވެ. އަދި އެންމެ ވާދަވެރި އެއް ދާއިރާކަމަށްވާ މާލެ ދާއިރާއިން ކާމިޔާބުކުރެއްވީ މާލެ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުހައްމަދެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޖުމްލަ 97 ދާއިރާއަކުން 730 ކެންޑިޑޭޓުން ވާދަކުރިއެވެ. އެއިންތިޚާބުގައި 90،000އަށްވުރެ ގިނަ މީހުންނަށް ވޯޓު ލެވޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.