ވައި ނުސާފުވުމުގެ ސަބަބުން ދުނިޔޭގައި އަހަރަކު 7 މިލިއަން މީހުން މަރުވޭ: ޑަބްލިޔުއެޗްއޯ

ފްރާންސްގެ ވެރިރަށް ޕެރިހުގެ ޖައްވު ނުސާފުވެފައި: ޖައްވު ނުސާފުވުމުގެ ސަބަބުން ދުނިޔޭގައި އަހަރަކު 7 މިލިއަން މީހުން މަރުވޭ

ވައި ނުސާފުވުމަކީ ދުނިޔޭގެ ތިމާވެށްޓަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކާ ކަމަށާއި، ވައި ނުސާފުވުމުގެ ސަބަބުން އަހަރަކު 7 މިލިއަން މީހުން މަރުވާކަށް ބުނެ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވައިގެ ސާފުކަމާ ބެހޭ ގައިޑްލައިންތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމާ، ސިއްހީ ގޮތުން ގެއްލުން ހުރި ކާނާ ކެއުމާ އެއްހަމައެއްގައި ނުުސާފު ވަޔަށް ހުށަހެޅުމުން އިންސާނުންނަށް ލިބޭ ގެއްލުން މިހާރު ހުރިއިރު، ޑަބްލިޔުއެޗްއޯއިން ވަކީ މިކަމާމެދު އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވައިލާފައެވެ.

"ޑަބްލިޔުއެޗްއޯއިން ވަނީ ވައިގެ ސާފުކަމުގެ ފެންވަރާ ގުޅޭ ހުރިހާ މިންގަނޑުތަކެއް ދަށްކޮށްފައި.... އެ މިންގަނޑުތަކަށްވުރެ މައްޗަށް ދިއުމަކީ ސިއްހަތަށް ބޮޑު ނުރައްކަލެއް ހުރިކަމެއް. އަދި އެ މިންގަނޑުތަކުގައި ހިފެހެއްޓުމަކީ އެތައް މިލިއަން ފުރާނައެެއް ސަލާމަތްކުރެވޭނެ ކަމެއް." ޑަބްލިޔުއެޗްއޯއިން ބުނެފައި ވެއެވެ.

2005 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވައިގެ ސާފުކަމުގެ މިންގަނޑުތަކަށް ޑަބްލިޔުއެޗްއޯއިން ބަދަލު ގެނެސްފައި މިވަނީ ގައުމުތަކުން ތިމާވެށްޓާ ރައްޓެހި ހަކަތަ ބޭނުންކޮށް، ޖައްވުގެ ނުސާފުކަން ކުޑަކޮށް، އެކަމުން ބަލި ޖެހުމާއި، މީހުން މަރުވުން މަދުކުރަން މަސައްކަތްކުރާނެ ކަމުގެ އުއްމީދުގައެެވެ. އެ ޖަމްއިއްޔާގެ އުއްމީދަކީ މެންބަރު 194 ގައުމުން ބޯޓުދެއްޔާއި، ތެޔޮ ދޫކޮށް، ތިމާވެށްޓާ ރައްޓެހި ހަކަތައާއި ދިމާއަށް އެނބުރުމެވެ.

ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމަށް މަަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ ގްރީންޕީސްއިން ބުނިގޮތުގައި ދުނިޔޭގެ ބޮޑެތި ގިނަ ރަށްތަކެއް މިހާރުވެސް ވަނީ ޑަބްލިޔުއެޗްއޯއިން 2005 ވަނަ އަހަރު ކަނޑައެޅި މިންގަނޑު ފަހަނައަޅައި ގޮސްފައެވެ. އެހެންކަމުން، އާ މިންގަނޑުތަކަށް އަމަލުކުރުމަށް އަމަލީގޮތުން ގިނަ މަސައްކަތްތަކެއް ކުރަން ޖެެހެއެވެ.

"އެންމެ ބޮޑަށް ބަލަންވީ ކަމަކީ ޖައްވުގެ ތެެރެއަށް ބޭރުވާ ނުސާފު މާއްދާތައް މަދުކުރުމަށް ހަގީގީ އަސަރުކުރާނޭ ސިޔާސަތުތަކެއް ސަރުކާރުތަކުން ތަންފީޒުކުރޭތޯ. އެއީ، ބޯޓުދެއްޔާއި، ތެލާއި، ގޭހަށް އިންވެސްޓުކުރުން ދޫކޮށްލައި ސާފު ހަކަަތަައަށް އިސްކަންދީގެން. ކުރިން ވީހެން ޑަބްލިޔުއެޗްއޯގެ މިންގަނޑުތައް ފަހަނައަޅައިދިއުން ތަކުރާރުވެގެން ނުވާނެ." ގްރީންޕީސް އިންޓަނޭޝަނަލްގެ އެއާ ޕޮލޫޝަން ސައިންޓިސްޓު އައިޑަން ފެރޯ ވިދާޅުވިއެެވެ.

ޑަބްލިޔުއެޗްއޯއިން 2005 ވަނަ އަހަރު ކަނޑައަޅާފައިވާ މިންގަނޑަކީ ޖައްވުގެ ތެރެއަށް ބޭރުވާ ދުމުގައި ހުންނަ ޕީއެމް2.5 ގެ މިންވަރު ކޮޑިމީޓަަރަކަށް 10 މައިކްރޯގްރާމަށްވުރެ އިތުރު ނުވުމެވެ. މިފަހަރު ކަނޑައެޅި މިންގަނޑަކީ ކޮޑިމީޓަރަކަށް 5 މައިކްރޯގްރާމަށްވުރެ އިތުރު ނުވުމެވެ.

ދުނިޔޭގައި ވައި އެންމެ ނުސާފު އެއް ގައުމު ކަމަށްވާ ޗައިނާގައި މި އަހަރުގެ ފުރަތަމަ 6 މަސްދުވަހު ޕީއެމް2.5 ގެ އެވްރެޖް ހުރީ ކޮޑިމީޓަރަކަށް 34 މައިކްރޯގްރާމުގައެވެ. ވެރިރަށް ބެއިޖިންގގައި މިއައަދު 41 މައިކްރޯގްރާމަށް އަރައެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.