ސިވިލް ކޯޓުގެ ޤާޟީ ޢަލީ ނަސީރާ ބެހޭ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބެއްލެވި މައްސަލަ ސާބިތުވެ އޭނާއަށް އަދަބެއްގެގޮތުން ޑީމޯޓުކޮށް މެޖިސްޓްރޭޓަކަށް ބަދަލުކޮށްފިއެވެ.
ޖޭއެސްސީން ތަޚްޤީޤުކުރި ޤާޟީ ޢަލީ ނަޞީރުގެ ސުލޫކީ މައްސަލަ ތަޚްޤީޤުކޮށް ނިންމައި އޭނާއާ މެދު ސުލޫކީ ފިޔަވަޅު އަޅަން ނިންމާފާފައިވަނީ މިއަދުއެވެ.
ސިވިލް ކޯޓުގެ ދެ ޤަޟިއްޔާއެއްގައި ހިމެނޭ ޚަޞްމުން، އެ ދެ ޤަޟިއްޔާ އެއްކޮށް ނިންމުމަށް އެދެމުން ދަނިކޮށް، އޭގެ ތެރެއިން އެއް ޤަޟިއްޔާ އިތުރަށް ކުރިއަށް ގެންދިއުމުގެ މަޞްލަޙަތެއް މިވަގުތު ނެތްކަމަށް ކަނޑައަޅައި، ޤާޟީ ޢަލީ ނަޞީރު އެ ޤަޟިއްޔާގެ ދައުވާ ފޯމު ބާތިލްކޮށް ޙުކުމްކޮށްފައި ވަނީ އެ ޤަޟިއްޔާގެ މައުޟޫޢަށް ޙުކުމްކުރުމުގެ ބަދަލުގައި، އަހަރު ދުވަސްވެފައިވާ މައްސަލައެއް ޤާޟީގެ ސެކްޝަނުގައި ނުބޭއްވުމުގެ މަޤްޞަދުގައިކަން ތަޚްޤީޤުގައިވަނީ ސާބިތުވެފައިކަަމަށް ޖޭއެސްސީން ބުނެއެވެ.
"ކޯޓަށް ހުށަހެޅިފައިވާ ކަންކަމާމެދު ފައިޞަލާކޮށް ގޮތެއް ނިންމުމުގެ ބަދަލުގައި ވަކި މުއްދަތެއްވީ މައްސަލައެއް ފަނޑިޔާރުގެ އަތުގައި ނުބޭއްވުމުގެ މަޤުޞަދުގައި މައްސަލައިގެ ޚަޞްމުން އެދިފައި ނުވާ ގޮތެއްގެ މައްޗަށް މައްސަލައިގައި ޙުކުމްކޮށް މައްސަލަ ކޯޓުން ނުބަލައި ބޭރުކުރުމަކީ ޢަދުލުއިންޞާފު ޤާއިމްކުރުމުގެ އަސާސީ އުޞޫލުތަކާ ޚިލާފު އަދި ފަނޑިޔާރުގޭގެ މުޤައްދަސްކަމާއި އިތުބާރަށް އެކަމުގެ ސަބަބުން އަސަރުކޮށް ނާޖާއީޒުގޮތުގައި ކޯޓުގެ ނިންމުންތައް ބޭނުން ހިފުމުގެ ފުރުޞަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ހުޅުވިގެންދާފަދަ ކަމެއްކަމުގައި ވާތީ، ޤާޟީ ޢަލީ ނަޞީރުގެ މި ޢަމަލަކީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ) 32 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 ވަނަ ނަންބަރާއި ޚިލާފު ޢަމަލެއްކަމުގައި ތަޚްޤީޤުގައި ނިންމާފައިވެއެވެ." ޖޭއެސްސީން ބުނެއެވެ.
އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން، ޤާޟީ ޢަލީ ނަޞީރު ހުރި މަޤާމަށްވުރެ ދަރަޖަ ދަށްކުރުމުގެ ގޮތުން މެޖިސްޓްރޭޓް ކަމުގެ މަގާމަށް ބަދަލުކުރުމަށް މިއަދު ޖޭއެސްސީން ވަނީ ނިންމާފައެވެ.