ފާއިތު އޮގަސްޓު މަހުގައި އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ދީފައިވާ ޑްރޯން ހަމަލާއަކި ރަނގަޅަށް ދީފައިވާ ހަމަލާއެެއް ކަމަށް ބުނެ އެމެރިކާއިން ދައްކަމުން އައި ވާހަކަ އިއްޔެ މުޅިން ބަދަލުުކޮށްފިއެެވެ. އިއްޔެ އެމެރިކާއިން ބުނި ގޮތުގައި އެ ހަމަލާގައި އައިސިސް (އިސްލާމިކް ސްޓޭޓް) ގެ ޓެރަރިސްޓަކު މަރުވެފައި ނުވެއެވެ. 10 މީހުން މަރުވެފައި ވާއިރު، މަރުވެފައި ވަނީ މުޅިންވެސް އާއްމުންނެވެ.
"އެ ހަމަލާކީ އިސްތިރާތީޖީ (ސްޓްރެޓީޖިކް) ގޮތުން ހެދުން ގޯހެއް." އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާ ސިފައިންގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ކޮމާންޑަރު މެރިން ޖެނެރަލް ފްރޭންކް މެކެންޒީ ވިދާޅުވިއެވެ.
މެކެންޒީ ވިދާޅުވި ގޮތުގައި އެ ހަމަލާައި މަރުވި މީހުންނާ އިސްލާމިކް ސްޓޭޓް- ޚުރާސާން ޕްރޮވިންސް (އައިސިސް-ކޭ) އާ ގުޅުމެއް އޮތުމަކީ "ނުވުން ގާތް" ކަމެކެވެ.
"ތަހުގީގުން ހޯދުނު ނަތީޖާތަކާއި، އެހެން އެޖެންސީތަކުގެ ބައިވެރިން ހެދި ތަހުލީލުތައް ރަނގަޅަށް މުރާޖައާކުރުމަށް ފަހު، އެ ހަމަލާގައި މަދުވެގެން އާއްމުންގެ ދިހަ މީހުން، ހަތް ކުޑަކުދިން ވެސް ހިމެނޭހެން، މަރުވެފައިވާކަން މިހާރު އަހަރެން ގަބޫލުކުރަން." މެކެންޒީ ވިދާޅުވިއެވެ.
"އެެއީ ހެދުނު ގޯހެއް. އަދި އަހަރެން އިޚުލާސްތެރިކަމާއެކު މާފަށް އެދެން. ހަނގުރާމަވެރި ކޮމާންޑަރެއްގެ ހައިސިއްޔަތުން އެ ހަމަލާއަށްް އޭގެ ހިތާމަވެރި ނަތީޖާއަށް އަހަރެން ފުރިހަމައަށް ޒިންމާ ނަގަން." ޖެނެރަލް މެކެންޒީ ވިދާޅުވިއެވެ.
"އަހަރުމެން މާފަށް އެދެން. އަދި މި ހެދުނު ގޯހުން ފިލާވަޅު ލިބިގަތުމަށް އަހަރުމެން ހުރިހާ މަސައްކަތެއް ކުރާނަން." އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް (ދިފާއީ ވަޒީރު) ވިދާޅުވިއެވެ.
އޮގަސްޓް 29 ވަނަ ދުވަހު ކާބުލްގައި އުޅަނދަކަށް ދިން ހަމަލާއަށް ފަހު އެމެރިކާއިން ބުނަމުން ދިޔައީ އެ އުޅަނދުގައި އައިސިސްގެ ހަނގުރާމަވެރިންތަކެއް ތިބި ކަމަށާއި، އޭގައި ގޮވާތަކެތި ހުރި ކަމަށެވެ. އަދި އެ އުޅަނދު ދިޔައީ ކާބުުލްގެ ހާމިދު ކަރްޒާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާދޭން ކަމަށެވެ. އޭރުވެސް ނޫސްވެެރިން ވަނީ އެމެރިކާގެ ވާހަކަ ދޮގުކޮށްފައެެވެ. އެމީހުން ބުނަމުން ދިޔަ ގޮތުގައި އޭގައި މުޅިންވެސް އާއްމުން ތިބިއިރު އޭގެތެރޭގައި ގިނައީ ކުޑަކުދިންނެވެ. އަދި އެ އުޅަނދު ދުއްވަން އިނީ އިންސާނީ އެހީ ދިނުމުގައި ހަރަކާތްތެރިވާ އެމެރިކާގެ ޖަމާއަތެއްގެ ޑްރައިވަރެއްގެ ގޮތުގައި މަަސައްކަތްކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ މީހެކެވެ.
މި ޑްރޯން ހަމަލާއަކީ އެމެރިކާގައި އަފްޣާނިސްތާނުގައި 2001 ވަނަ އަހަރުން ފެށިގެން ކުރަމުން އައި ހަނގުރާމައިގައި ދިން އެންމެ ފަހުގެ ހަމަލާއެވެ.