ރަޝިޔާއަކީ ރާއްޖެއިން ވަރަށް މުހިއްމު ކަމެއްދޭ ގައުމެއް- ރައީސް

ރަޝީޔާއަކީ ދިވެހި ރާއްޖެއިން ވަރަށް މުހިންމު ކަމެއް ދޭ ގައުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރަޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހިޒް އެކްސެލެންސީ ޔޫރީ މަޓެރީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އެރުވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ރަޝިޔާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަޙުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދެންވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރަޝިޔާއަކީ ރާއްޖެއިން ވަރަށް މުހިއްމުކަމެއް ދޭ ޤައުމެއް ކަމަށާއި، މިއަހަރަކީ ރާއްޖެ އާއި ރަޝިޔާއާ ދެޤައުމުގެ ދޭތެރޭގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ 51 އަހަރު ފުރޭ އަހަރުކަން ފާހަގަކުރެއްވިއެވެ. އަދި، ރަޝިޔާ ސަފީރުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ރަޝިޔާ އާ ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާވާ ގޮތަށް ވަރަށް ގާތުން މަސައްކަތްކުރެއްވުމަށް އުއްމީދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރަޝިޔާ ސަފީރުގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ރަޝިޔާ އާ ދެމެދު އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.