ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސުގާ މި ސެޕްޓެންބަރު މަސް ނިމޭއިރު އިސްތިއުފާދެއްވާނެކަން އިއުލާންކުރައްވާފައިވާތީ، ވެރިކަންކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) ގެ ލީޑަރަކު ހޮވުމަށް ބާއްވާ އިންތިޚާބަށް 4 ބޭފުޅަކު މިއަދު ކުރިމަތިލައްވައިފިއެވެ.
އެލްޑީޕީގެ ލީޑަރަކު ހޮވުމަށް ބާއްވާ އިންތިޚާބު އުސޫލު ހަމަޖެހިފައި ވާގޮތުން ވޯޓުގައި ބައިވެރިވެވަޑައިގަންނަވާނީ، ޑައެޓްގެ ދެ ގޭގެ މެންބަރުންނާއި، ޕްރިފެކްޗާތަކުގެ (ޕްރޮވިންސުތަކުގެ) ޕާޓީ ގޮފިތަކުގެ އިސް ބޭފުޅުންނެވެ.
މި އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެންބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
ޖަޕާނުގެ ގާނޫނުހަދާ މަޖިލިސް، ޑައެޓްގެ ދަށު ގޭގައި މިހާރު އަޣުލަބިއްޔަތު އޮތީ އެލްޑީޕީއަށް ކަމަށް ވާތީ ބޮޑުވަޒީރުކަން ލިބިވަޑައިގަންނަވާނީ އެލްޑީޕީގެ ލީޑަރަކަށް ހޮވިވަޑައިގަންނަވާ ބޭފުޅަކަށެވެ. ބޮޑުވަޒީރަކު ހޮވުމަށް ޑައެޓްގެ ޖަލްސާ ބާއްވާނެކަމަށް ބެލެވިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހުއެެެވެ.
ލީޑަރުކަމަށް ވާދަކުރައްވަން ނިންމެވި ހަތަރު ބޭފުޅުންނަކީ އެޑްމިނިސްޓްރޭޓިވް ރިފޯމް މިނިސްޓަރު އަދި ކޮވިޑް-19 ގެ ވެކްސިންގެ ކަންކަން ބަލަހައްޓަވާ މިނިސްޓަރު ޓާރޯ ކޯނޯ (58 އ.)، ކުރީގެ ފޮރިން މިނިސްޓަރު ފުމިއޯ ކިޝީޑާ (64 އ.)، ކުރީގެ އިންޓާނަލް އެފެއާޒް އަދި ކޮމިއުނިކޭޝަންސް މިނިސްޓަރު ސަނާއެ ޓަކައިޗީ (60 އ.) އަދި އެލްޑީޕީގެ އެގްޒެކަޓިވް އެކްޓިންގ ސެކްރެޓަރީ ޖެެނެރަލް ސީކޯ ސީކޯ ނޯޑާ (61 އ.) އެވެ.
ހަތަރު ބޭފުޅުންވެސް ވަނީ މުޖުތަމައުގެ ނުތަނަވަސްކަން ކުޑަކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތާ ވީހާވެސް ބޮޑަށް ގުޅޭ ސިޔާސަތެއް އެކުލަވާލުން މުހިއްމުކަން ހާމަކުރައްވާފައެވެ. މަގާމުން ވަކިވެޑައިގަންނަވާ ބޮޑުވަޒީރު ސުގާގެ ދައުރުގައި އެލްޑީޕީގެ ސިޔާސަތުތައް ވަނީ ރައްޔިތުން ހަގީގީ ބޭނުންތަކާ މުޅިިން ދުރަށް ޖެހިފައިކަމަށް ބުނެ އެޕާޓީއަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައެވެ.
މި އިސްލާހުތަކާމެދު ހަތަރު ކެންޑިޑޭޓުން އިއްތިފާގުވެ ވަޑައިގަތަސް ކޮވިޑް-19 އާާ ކުރިމަތިލާނެ ގޮތާއި، އެހެން ބައެއް ކަންކަމުންގައި ހަތަރު ކެންޑިޑޭޓުންގެ ޚިޔާލު ތަފާތެވެ. މިސާލަކަށް، އެއް ޖިންސުގެ ކައިވެނި ހުއްދަކުރުމަށް ކޯނޯއާއި ނޯޑާ ތާއީދުކުރައްވާއިރު، އަނެއް ދެބޭފުޅުން އެކަމާ ދެކޮޅެވެ.
މީގެ އިތުރަށް ނޯޑާ ވިދާޅުވެފައިވާ ގޮތުގައި އޭނާއަށް ބޮޑުވަޒީރުކަން ލިބިވަޑައިގެންފިނަމަ، އޭނާގެ ކެބިނެޓުގެ ދެބައިކުޅަ އެއްބައިވާ ވަޒީރުންނަކީ އަންހެން ބޭފުޅުން ކަމުގައި ހައްދަވާނެއެވެ.
ކުރިއަށް ތިން އަހަރަށް އެލްޑީޕީގެ ލީޑަރަކު ލަސްނުކޮށް ހޮވުން މުހިއްމުވާ އެހެން ސަބަބެއްވެސް އެބައޮތެވެ. އެއީ އަންނަ ނޮވެންބަަރު މަހު ޖަޕާނުގައި އާއްމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވާތީއެވެ.
29 ސެޕްޓެންބަރުގައި އޮންނަ އެލްޑީޕީގެ ލީޑަރު ހޮވުމުގެ އިންތިޚާބުގައި އާއްމު މެންބަރުންނަށް ވޯޓުލެވޭނެނަަމަ، އިސްލާހަށް ލޯބިކުރައްވާ ޓާރޯ ކޯނޯ ހޮވިވަޑައިގަންނަވާނެކަން ޔަގީނެއެވެ. އެއީ އޭނާއަކީ ޚިޔާލު ހޯދުމުގެ ވޯޓުތަކުގައި އަބަދުވެސް ކުރީގައި އުޅުއްވާ ބޭފުޅަކަށް ވާތީއެވެ.
އެހެންނަމަވެސް، 29 ސެޕްޓެންބަރުގައި ވޯޓުލައްވާނީ ގާނޫނުހަދާ މަޖިލީހުގެ މެންބަރުންނާއި، ޕާޓީގެ ގޮފިތަކުން އިސް ބޭފުޅުން ކަމުގައިވާތީ ލީޑަރުކަން ލިބިވަޑައިގަންނަވާނެ ބޭފުޅަކު ކުރިން ލަފާކުރަން ދައްޗެވެ.
20 ސެޕްޓެންބަރުގައި އޮންނަ އިންތިޚާބުގައި ވޯޓުލައްވާނީ 766 ބޭފުޅުންނެެވެ. އެއީ ޑައެޓްގެ 383 މެންބަރުންނާއި، ޕާޓީގެ 47 ގޮފީގެ އިސް ބޭފުޅުންގެ ތެރޭން 383 ބޭފުޅުންނެވެ.