21 ވަނަ ގަރުނު ފެށުނު އިރުގެ ކުޑަކުދިންގެ ގާތް އެކުވެރިޔާ ސްޓީވް ބާރންސްއަކީ ނިކަލޯޑިއަންގައި ހިނގި މަޝްހޫރު ކުޑަކުދިންގެ ޝޯ ބްލޫސް ކްލޫސްގެ ލީޑް އެކްޓަރެވެ. ސްޓީވް، ބްލޫސް ކްލޫސްގައި 1995 އިން ފެށިގެން 2002 ވަނަ އަހަރާ ހަމައަށް އުޅުނެވެ. އެކަމަކު 2002 ގާއި ސްޓީވް ކުއްލިގޮތަކަށް ޝޯ ދޫކޮށްލިއެވެ. އޭނައަށް ތާއިދުކުރި އޭރުގެ ކުޑަކުދިންނަށް އޭނާ ކުއްލިއަކަށް ގެއްލުނީމާ ކަމަކު ނުދިޔައެވެ.
ސްޓީވް ބްލޫސް ކްލޫސް ކުރިޔަށް ގެންދިޔަގޮތުގެ ސަބަބުން މިގަރުނުގެ ޒުވާނުންނަށް ދިމާވާ މައްސަލަތައް އަމިއްލައަށް ހައްލުކުރުމުގެ ހުނަރުވަނީ ރަނގަޅުވެފައެވެ. އަދި އެއަށްވުރެވެސް މުހިންމު ކަމަކީ ސްޓީވްގެ ފަރާތުން މި ގަރުނުގެ ޒުވާނުންނަށް އެއިރު ރަނގަޅު އެކުވެރިޔަކު ލިބުމެވެ.
ކުއްލިއަކަށް ގެއްލުނުތާ 19 އަހަރު ފަހުން ބްލޫސް ކްލޫސްގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ސްޓީވް އެނބުރި އަތުވެއްޖެއެވެ. އެނބުރި އައުމާއެކު އޭނާ ބްލޫސް ކްލޫސް ދޫކޮށްލީ ކީއްވެގެންކަން ހާމަކޮށްދޭ ވީޑިއޯއެއް ނެރުނެވެ. މިވީޑިއޯގައި ސްޓީވް ހުރީ އޭނާ ޝޯ ފެއްޓިއިރު ލައިގެން ހުރި ޓީޝާޓާއި ތޮފި އަޅައިންނެވެ. ވީޑިއޯގައި ސްޓީވް ޝޯގެ ހަނދާންތައް އާކުރުމަށް ފަހު އޭނާ ޝޯ ދޫކޮށްފައި ދިޔަ ސަބަބު ކިޔާދިނެވެ. އޭނާ ދިޔަ ކަމަށް ވަނީ ކިޔަވާށެވެ. މީގެއިތުރަށް އޭނާ ޝޯ ދޫކޮށްލިފަހުންވެސް އެ ޝޯއަށް ލިބުނު ކާމިޔާބީ އަދި ބެލުންތެރިންގެ ތަރުހީބު ފާހަގަކުރިއެވެ. އޭނާ ޝޯ ދޫކޮށްލިނަމަވެސް ބެލުންތެރިން ހަނދާނުން ނުފިލާ ވާހަކަވެސް ބުންޏެވެ. ތިރީގައިވާ ވީޑިއޯއިން ސްޓީވް ބާރންސްގެ މުޅި ވާހަކަ އަޑުއައްސަވައިލެއްވޭނެއެވެ.