ޝާހިދު އދ.ގެ ޢާއްމު މަޖިލީހުގެ ރައީސްކަމުގެ ހުވައި ކުރައްވައި މަޤާމާ ޙަވާލުވެވަޑައިގެންފި

ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އދ.ގެ ޢާއްމު މަޖިލީހުގެ 76ވަނަ ދައުރުގެ ރިޔާސަތާ ޙަވާލުވެވަޑައިގެން މަޤާމުގެ ހުވައު ކުރައްވައިފިއެވެ.

މިރޭ މަޤާވާޙަވާލުވެވަޑައިގަތުމަށްފަހު ޝާހިދުވަނީ ޢާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ތަޤުރީރުކުރައްވާފައެވެ. ޝާހިދުގެ ތަޤުރީރު ފެއްޓެވީ ދިވެހިބަހުންނެވެ. ފަހުބައި ގެންދެވީ އިނގިރޭސި ބަހުންނެވެ.

މިއީ ދިވެހި ރާއްޖެއަށް ދުނިޔޭގެ ޤައުމުތަކުން ދިން ޢިއްޒަތަކާއި ޝަރަފެއްކަން ސިފަކުރައްވައި ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. މިއަދު ދިވެހިރާއްޖޭގެ ފެއްސާއި ރަތާއި ހުދުގެ ފަޚްރުވެރި ދިދަ ވިހުރުވެމުން މިދަނީ ބައިނަލްއަޤްވާމީ އެންމެ އުސް ކުރިބޯށީގައިކަމަށް ވިދާޅުވެ ދިވެހި ޤައުމުގެ ފަޚްރުވެރި އަބްޠާލުންގެ މަތިވެރި ޖިހާދާއި، ދިވެހި ރައްޔިތުންގެ ހިތްވަރުގަދަ ޤުރުބާނީގެ މައްޗަށް ޝާހިދު އަލިއަޅުއްވައިލެއްވިއެވެ. އެ ޚިދުމަތްތަކާއި ޤުރްބާނީގެ ސަބަބުން މިއަދު ދިވެހި ދައުލަތުގެ ނަން ވިދަމުން މި ދަނީ ބައިނަލްއަޤްވާމީ އުދަރެހުގެ އެންމެ އުހުގައިކަން ޝާހިދު ފާހަގަކުރެއްވިއެވެ.

އަދި މިއަދު މި ފެންނަމުން މދަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ޒަޢާމަތުގެ ދަށުން ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެ ހޯދަމުންދާ މަތިވެރި މަޤާމުކަމަށާ، މިއީ ރައީސް ޞާލިޙުގެ ޚާރިޖީ ސިޔާސަތު ދުނިޔެ ބަލައިގެންފައިވާ ކަމުގެ ހެކިކަމަށް ޝާހިދު ވިދާޅުވިއެވެ.

‎އދ.ގެ ޢާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން އިސްކަން ދެއްވާނެ ކަންކަމާއި ކުރައްވާނެ މައްސަކަތްޕުޅުތަކުގެ މައްޗަށްވެސް ޝާހިދު ބައްލަވާލެއްވިއެވެ. އެގޮތުން ޢާލަމީ ހުރިހާ މައްސަލަތަކާއި ޤައުމުތަކުގެ މެދުގައި ޖެހޭ ޚާރިޖީ މައްސަލަތަކާއި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ޢާލަމީ ވަބާތަކާއި ފަޤީރުކަން އަދި ނާއިންސާފުން ހިނގާ ކަންކަން ފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

"އދ. ގެ މަޖިލީހުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުން ކަމުގައި ވިޔަސް، ނުވަތަ ޤައުމުތަކުގެ ކުރިމަގު ބައްޓަންކުރުމަށް ކުރިއަށްދާ ބައިނަލްއަޤުވާމީ މަޝްވަރާއެއް ކަމުގައި ވިޔަސް، މިވަގުތަށް ނުވަތަ ކުރިމަގަށް ހުރި ގޮންޖެހުންތަކަށް ހައްލުހޯދުމަށް އދ. އިން ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ހިންގޭ ހަރަކާތެއް ކަމުގައި ވިޔަސް އަޅުގަނޑު މިހުރީ ޝައުގުވެރިކަމާއި އެކު އެކުގައި މަސައްކަތް ކުރާނެ ބައިވެރިއެއްގެ ގޮތުގައި ކަމުގައި ދަންނަވަން." ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަފުޅުގައި މިހާރޔު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ނުރައްކަލުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. ކޮވިޑް-19 ގެ ސަބަބުން އިޙްސާސް ކުރަން ޖެހުނު ކަންކަމުގެ އިތުރަށް ކޮންމެ ދުވަހަކުމެ އަޅުގަނޑުމެންނަށް އިވެމުން މިދަނީ ހާސްކަން އިތުރުކުރުވާ ޚަބަރުތައްކަމަށާ، މިގޮތުން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކައާއި، ކާރިސާތަކާއި، މަސްލަޙަތު ގެއްލި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުން ތަކުގެ ޚަބަރުތައް ފަލަސުރުޚީތަކުން ފެންނަމުންދިޔަކަން ފާހަގަކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.