އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ އިންތިޚާބީ ރައީސް ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިންއެފެއާޒް ޢަބްދުﷲ ޝާހިދު މިރޭ އެމަޖިލީހުގެ ރިޔާސަތާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިރޭ ރާއްޖެ ގަޑިން މެންދަމު 12 ޖަހާއިރު ޝާހިދު އދ.ގެ ޢާއްމު މަޖިލީހުގެ ރައީސްކަމުގެ މަޤާމުގެ ރަސްމީ މަސްއޫލިއްޔަތު އަދާކުރަން ފަށްޓަވާއިރު މިއީ އދ.ގެ މި ފަންތީގެ މަޤާމެއް ދިވެއްސަކު ފުރުއްވާ ފުރަތަމަ ފަހަރެވެ. މިރޭ ދަންވަރު 12 ޖަހާއިރު އޮންނަނީ މިހާރު ކުރިއަށްދާ އދ.ގެ 75 ވަނަ ދައުރުގެ އެންމެ ފަހު ދަންފަޅިއެވެ. އަދި ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރު ފަށައި، ރިޔާސަތާ ޝާހިދު ހަވާލުވެވަޑައިގަތުން އެވަގުތު އޮންނާނެއެވެ. ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު ޝާހިދު ތަޤްރީރުކުރައްވާނެއެވެ. މިރަސްމިއްޔާތު ރާއްޖޭގެ ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ނާއި ރާއްޖެ ޓީވީން ވަގުތުން ގެނެސްދޭނެކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
އަލިފުދާލުގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަމަށް ޢަބްދުﷲ ޝާހިދު ހޮވިވަޑައިގަތީ މިއަހަރުގެ ޖޫން މަހުގެ 7ވަނަ ދުވަހުއެވެ. އެދުވަހު އދ.ގައި ނެގި ވޯޓުގެ ނަތީޖާގައިވާ ގޮތުގައި ވޯޓު ލެއްވި 191 މެންބަރުންގެ ތެރެއިން 143 މެންބަރުން ވޯޓު ދެއްވީ ޝަހިދަށެވެ. ޝާހިދާ ވާދަ ކުރެއްވި އަގްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޒަލްމާއީ ރަސޫލަށް ލިބިވަޑައިގަތީ 48 ވޯޓެވެ.
ރައީސްކަމަށް ހޮވިވަޑައިގަތުމަށް ފަހު ޢަބްދުﷲ ޝާހިދު ވާހަކަފުޅު ފެއްޓެވީ ދިވެހި ބަހުންނެވެ. ވާހަކަފުޅުގެ ފަހުބައި ކުރިއަށް ގެންދެވީ އިނގިރޭސި ބަހުންނެވެ.
މެންބަރުންގެ ޚިޔާލުފުޅާއި މަޝްވަރާގެ ބޭނުންފުޅު ކުރައްވައި މުޅި އަލިފިދާލު ރައްޔިތުންނާ ކައިރިއަށް ގެންދަވާން މަސައްކަތް ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.