ލެބެނާން (ލުބްނާން) ގައި ވާދަވެރި ސިޔާސީ ފަރާތްތަކަށް އެއްބަސްވުމަކަށް ނާދެވިގެން ސަރުކާރެއް އެކުލަވާނުލެވި 13 މަސްދުވަސް ފާއިތުވުމަށް ފަހު ހުކުރު ދުވަހު އެ ގައުމުގައި އާ ސަރުކާރެއް އެކުލަވާލައިފިއެވެ.
4 އޮގަސްޓު 2020 ވަނަ އަހަރު ބޭރޫތު ބަނދަރުގައި ގޮވި ބިޔަ ގޮވުމަށް ފަހު އޭރުގެ ބޮޑުވަޒީރު ޙައްސާން ދިޔާބުގެ ސަރުކާރު އިސްތިއުފާދިން ފަހުން އެގައުމުގައި ފުރިހަމައަށް މަސައްކަތްކުރާ ސަރުކާރެއް ނެތެވެ. އޭރުއްސުރެ ވާދަވެރި ސިޔާސީ ފަރާތްތައް ތިބީ އާ ސަރުކާރެއް އެކުލަވާލާނެ ގޮތަކާމެދު އެއްގަލަކަށް ނޭރިފައެވެ. އަދި އެކަން ވެގެން ގޮސްފައިވަނީ ގައުމުގެ އިގުތިސާދީ ހާލަތު އިތުރަށް ގޯސްވުމުގެ ސަބަބަކަށެވެ.
ލެބެނާނުގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނަޖީބު މީޤާތީގެ ބޮޑުވަޒީރު ކަމުގައި ކެބިނެޓް ސެކްރެޓަރީ މުޙައްމަދު މަކިއްޔާ އިއުލާންކުރެއްވި އާ ސަރުކާރުގައި 24 މިނިސްޓަރުން ތިއްބެވި އިރު އެ ހުރިހާ ބޭފުޅުންނަކީ ސިޔާސީ ނޫން ބޭފުޅުންނެވެ. އަދި އިގްތިސާދީ، ސަގާފީ، ސިއްހީ، އަދި މީޑިޔާގެ ދާއިރާގައި ކާމިޔާބު ބޭފުޅުންނެވެ.
ލުބްނާނުގެ ރައީސު އޮފީހުގެ ރަސްމީ ޓުވިޓާ އެކައުންޓުގައި ބުނެފައިވާ ގޮތުގައި، އާ ސަރުކާރު އެކުލަވާލުމުގެ ގަރާރުގައި ރައީސު މިޝޭލް ޢަައުނުއާއި ނަޖީބު މީޤާތީ ސޮއިކުރެއްވީ "ގާނޫނުހަދާ މަޖިލީހުގެ ރައީސު ނަބީހު ބައްރީގެ ހާޒިރުގައެވެ."
އާ ސަރުކާރުގައި ހެލްތު މިނިސްޓަރުކަން ދެއްވާފައި ވަނީ ސަރުކާރުން ހިންގާ ރަފީޤު އަލްޙަރީރީ ހޮސްޕިޓަލުގެ ޑިރެކްޓަރަކަށް ހުންނެވި އަދި ކޮޮވިޑް-19 އާއި ދެކޮޅަަށް ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައިވާ ފިރާސް އަބްޔަޟްއެވެ. އިންފޯމޭޝަން މިނިސްޓަރަކަށް އައްޔަންކުރައްވާފައިވަނީ، މީޑިޔާގެ ދާއިރާގައި މަޝްހޫރު ޖޯޖް އަލްޤަރާދަޙީއެވެ.
މުހިއްމު އެހެން ވަޒީރުންނަށް ބަލާއިރު ޑިފެންސް މިިނިސްްޓަރުކަން ދެއްވާފައިވަނީ ލެބެނާނުގެ އަސްކަރިއްޔާގައި މަތީ މަގާމުތަކެއް ފުރުއްވުމަށް ފަހު، ރިޓާޔަރ ކުރައްވާފައިވާ ބްރިގޭޑިޔާ ޖެނެރަލް (ރިޓާޔަޑް) މޮރިސް ސަލީމްއަށެވެ. އާ ޚާރިޖީ ވަޒީރަކީ އިގްތިސާދީ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރެއްވުމަށް ފަހު، 2002 ވަނަ އަހަރުއްސުރެ އަލްހިކްމާ ޔުނިވަސިޓީގައި ކިޔަވައިދެއްވި ޢަބްދުﷲ ބޫޙަބީބްއެވެ.
އާ ސަރުކާރު އެކުލަވާލުމަށްފަހު ފުރަތަމަ ދެއްކެވި ވާހަކަފުޅުގައި ބޮޑުވަޒީރު މީޤާތީ ވިދާޅުވީ ލެބްނާނަށް އެގައުމުގެ އަރަބި އަޚުންގެ އެހީތެރިކަން ބޭނުންވާ ކަމަށާއި، އޭނާ އަރަބި އަޚުންގެ ދޮރުގައި ޓަކިދެއްވާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ގައުމުގެ އިގްތިސާދުގެ ހާލަތު އިތުރަށް ގޯސްވުން ހުއްޓުވައި، ސަރުކާރު ހިންދެމިލުމަށް އޭނާ އުއްމީދުކުރައްވައެވެ. އަދި އޭނާ ފާހަގަކުރެއްވި ގޮތުގައި އޭނާ އެކުލަވާލާފައި ވަނީ ސަރުކާރަކަށްވުރެ ބޮޑަށް ލެބެނާނަށް ޚިދުމަތްކުރާނެ ޓެކްނިކަލް ޓީމެއް ކަމުގައެވެ.