އިންޑޮނޭޝިޔާގެ ޖަލެއްގައި ރޯވެ 41 މީހުން މަރުވެއްޖެ

ރޭ އަލިފާން ރޯވި ޖަލުގެ ކުރިމަތީގައި އެމްބިއުލާންސެ މަޑުކޮށްފައި

އިންޑޮނޭޝިޔާގެ ފުރި ބާރުވެފައިވާ ޖަލެއްގެ ބްލޮކެއްގައި އަލިވާން ރޯވުމުގެ ސަބަބުން 41 މީހުން މަރުވެއްޖެއެވެ. ސަރުކާރުގެ ތަރުޖަމާނާ ހަވާލާދީ އިންޑޮނޭޝިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ޖާވާގެ ބަންޓެން ޕްރޮވިންސުގެ އެ ޖަލުގައި ރޯވީ ރޭ ދަންވަރުގެ ވަގުތެއްގައެެވެ.

ލޯ އެންޑް ހިއުމަން ރައިޓްސް މިނިސްޓްރީގެ ޕްރިޒަންސް ޑިޕާޓްމަންޓްގެ ތަރުޖަމާނުު ރިކާ އަޕްރިއަންޓީ މައުލޫމާތު ދިންގޮތުގައި ރޭ ދަންވަރު 1:45 (ރާއްޖޭ ގަޑިން އަންގާރަ ދުވަހުގެ ރޭ 11:45) ގައި ޓަންގެރަންގް ޖަލުގެ ސީ ބްލޮކްގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައި ވާއިރު، ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ތަން ހުސްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

"ސަބަބު މިދަނީ ތަހުގީގުކުރަމުން." އޭނާ ބުންޏެވެ. އެހެންނަމަވެސް، ފުލުހުން ބުނިގޮތުގައި އަލިފާން ރޯވާން މެދުވެރިވީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށްވުން އެކަށީގެން ވެއެވެ.

"ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަހަރުމެން މިދަނީ އަލިފާން ރޯވި ސަބަބު ހޯދުމަށް މަސައްކަތްކުރަމުން. އަދި މުސްތަގުބަލުގައި މިފަދަ ހިތާމަވެރި ކާރިސާތައް ދިމާނުވާނެ އުސޫލުތަކެއް ހެެދުމުގެ މަސައްކަތްކުރަމުން." ލޯ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު ޔަސޯނާ ލައުލީ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ދެ ބިދޭސީއަކު ހިމެނެއެވެ. އެއީ، ދެކުނު އެފްރިކާ މީހަކާއި ޕޯޗުގަލް މީހެކެވެ.

ރޭގެ އަލިފާނުގެ ހާދިސާއަކީ 2017 ވަނަ އަހަރު ފެކްޓަރީއެއްގައި ރޯވެ 47 މީހުން މަރުވި ފަހުން އިންޑޮނޭޝިޔާގަައި ހިނގި އެންމެ ހިތާވެރި އަލިފާނުގެ ހާދިސާއެވެ.

އަލިފާން ރޯވި ބްލޮކަކީ މަސްތުވާ ތަކެތީގެ މައްސަލަތަކުގައި ބަންދުކުރާ މީހުން ތިބޭ ބޮލެކެވެ. ޕްރިޒަންސް ޑިޕާޓްމަންޓްގެ ތަރުޖަމާނު ރިކާ އަޕްރިއާންޓީ ހާމަކުރި ގޮތުގައި 38 މީހުންގެ ޖާގައިގެ އެ ބްލޮކްގައި 122 މީހުން ބަންދުކޮށްފައި ތިއްބެވެ.

އިންޑޮނޭޝިޔާގެ ޖަލުތައް ފުރިގެން ޖާގައަށްވުރެ އެތައް ގުނައެއް އިތުރަށް މީހުން ބަންދުކުރުމަކީ އާއްމު ކަމެކެވެ. ރޭ އަލިފާން ރޯވި ޖަލަކީ ވެސް 600 މީހުންގެ ޖާގައިގެ ޖަލަކަށް ވިޔަސް، އެ ޖަލުގައި ވެސް 2000 މީހުން ބަންދުކޮށްފައި ތިބިކަމަށް ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.