ދެ އަހަރުގެ ކުޑަ ކުދިންގެ ގަޔަށް ކޮވިޑް-19 ވެކްސިންޖަހާ ފުރަތަމަ ގައުމަކަށް ކިއުބާ ވެއްޖެ

ކިއުބާގެ ވެރިރަށް ހަވާނާގައި އުމުރުން 3 އަހަރުގެ ކުއްޖެއްގެ ގަޔަށް ކޮވިޑް-19 ވެކްސިން ޖަހަނީ

ދުނިޔޭގައި ދެ އަހަރުގެ ކުޑަ ކުދިންގެ ގަޔަށް ކޮވިޑް-19 ވެކްސިން ޖަހާ ފުރަތަމަ ގައުމަކަށް ކިއުބާ ވެއްޖެއެވެ.

އެގައުމުން އިއްޔެ ވަނީ ދެ އަހަރުން މަތީގެ ކުދިންނަށް ކޮވިޑް-19 އާ ދެކޮޅަށް އެގައުމުގައި އުފައްދާފައިވާ ވެކްސިނެއް ޖަހަން ފަށާފައެވެ. މިއީ އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ގަބޫލުނުކުރާ ވެކްސިނެކެވެ.

11.2 މިލިއަން މީހުންގެ އާބާދީއެެއް އޮންނަ ކޮމިއުނިސްޓު ގައުމެއް ކަމުގައިވާ ކިއުބާގެ އަމާޒަކީ ސްކޫލްތައް ހުޅުވުމުގެ ކުރިން ހުރިހާ ކުޑަކުދިންގެ ގަޔަށް ވެކްސިން ޖެހުމެވެ. މާރިޗު 2020 އިން ފެށިގެން އެ ގައުމުގެ ސްކޫލްތައް ގަވާއިދުން ހުޅުވާފައި ނުވެއެވެ.

ހޯމަ ދުވަހު ކިއުބާގައި އާ ދިރާސީ އަހަރު ފެށިފައިވާއިރު އަދި ދަރިވަރުންނަށް ކިޔަވައިދެނީ ޓީވީ ޕްރޮގްރާމްތައް މެދުވެރިކޮށެވެ. އެއީ އެ ގައުމުގެ ގިނަ ގެތަކަށް އަދިވެސް އިންޓަނެޓުގެ ޚިދުމަތް ނުލިބޭތީއެވެ.

ވެކްސިން ދިނުމަށް އަލަށް ފަށާފައިވާ މަސައްކަތުގެ އަމާޒަކީ ގައުމުގެ އާބާދީގެ %90 މީހުންނަށް ވެކްސިން ޖެހުމެވެ. މިހާތަނަށް އެގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ވެކްސިން ފުރަތަމަ ޑޯޒް ޖަހާފައި ވާއިރު، ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނެވެ.

ޖޯންސް ހޮޕްކިންސް ޔުނިވަސިޓީގެ ކޮރޯނާވައިރަސް ރިސޯސް ސެންޓަރުގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، ފާއިތުވި ހަފުތާއެއްހާ ދުވަހު އެގައުމުގައި އެވްރެޖްކޮށް ދުވާލަކު 7000 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވެއެވެ. މިއީ 11 މިލިއަން މީހުންގެ އާބާދީއަކަށް ބަލާއިރު، ނިސްބަތުން ބޮޑު އަދަދެކެވެ. ކޮވިޑް-19 އެ ގައުމުގައި ފެތުރެން ފެށިފަހުން 5700 މީހުން އެ ބަލީގައި މަރުވެފައި ވާއިރު، އޭގެތެރޭން ދެބައިކުޅަ އެއްބައި މަރުވެފައި ވަނީ ފާއިތުވި މަހެއްހާ ދުވަހުއެވެ.

ކިއުބާއިން ވަނީ ކޮވިޑް-19 އާ ދެކޮޅަށް ދެ ވެކްސިނެއް އުފައްދާފައެވެ. 'ސޮބެރާނާ-2' ބޭނުންކުރަނީ އުމުރުން 2 އަހަރާ 18 އަަަހަރާ ދެމެދުގެ ކުދިންނަށެެވެ. 'އަބްޑަލާ' ބޭނުންކުރަނީ ބޮޑެތި މީހުންނަށެވެ. ދެ ވެކްސިނަށްވެސް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ހުއްދަދީފައި ވީނަމަވެސް، ބައިނަލްއަގުވާމީ އެއްވެސް ފަރާތަކުން އެވެކްސިންތަކަށް ހުއްދަދީފައި ނުވެއެވެ.

ޗައިނާ، ވެނެޒުއެލާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންވެސް ތުއްތު ކުދިންނަށް ވެކްސިން ދޭނެކަމަށް ބުނެފައި ވީނަމަވެސް، އެ ގައުމުތަކުން އަދި އެކަން ފަށާފައި ނުވެއެވެ.

ޗިލީއިން އިއްޔެ ވަނީ އުމުރުން 6 އަހަރާ 12 އަހަރާ ދެމެދުގެ ކުދިންގެ ގަޔަށް ޗައިނާގެ ސިނޮފާމް ވެކްސިން ޖެހުމަށް ހުއްދަދީފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.