ގިިނީގައި އަސްކަރީ އިންގިލާބެއް

ސަރުކާރު އުވާލައި، ރައީސު ބަންދުކޮށް، ސަރަހައްދީ ރޮނގު ބަންދުކޮށްފި

ގިނީގައި އަސްކަރީ އިންގިލާބު ގެނައި ސިފައިން ގައުމީ ޓީވީގައި

ހުޅަނގު އެފްރިކާގެ ގައުމެެއް ކަމަށްވާ ގިނީ (ގިނީ ކޮނާކްރީ) ގެ ވެރިރަށް ކޮނާކްރީން ލިބޭ ޚަަބަރުތައް ބުނާގޮތުގައި އެގައުމުގައި ސިފައިންގެ ބަޔަކު ނުކުމު ސަރުކާރު އުވާލައި، ރައީސު އަލްފާ ކޮންޑޭ ހައްޔަރުކޮށް، އެހެން ގައުމުތަކާ އެގައުމާ ގުޅޭ ސަރަހައްދީ ރޮނގު ބަންދުކޮށްފިއެެވެ.

އޭއެފްޕީން ޚަބަރުދޭ ގޮތުގައި ސިފައިންގެ ސްޕެޝަލް ފޯސަސްގެ ބަޔަކު ވަނީ ކޮނާކްރީގައި ހުންނަ ރިޔާސީ ގަނޑުވަރު ވަށާލުމަށް ފަހު ރައީސު އަލްފާ ކޮންޑޭ ހައްޔަރުކޮށްފައެެވެ. އަދި ސަރުކާރުގެ މުއައްސަސާތަކުގެ އުވާލާފައެވެ. ޑިފެންސް މިނިސްޓްރީގެ ބަޔާނެއް ބުނި ގޮތުގައި ރިޕަބްލިކަން ގާޑްސްގެ ސިފައިން ވަނީ ސްޕެޝަލް ފޯސަސްގެ ބަޔަކު ދިން ހަމަލާއެއެް ހުއްޓުވާފައެވެ.

އެެހެންނަމަވެސް، އިންގިލާބު ގެނައި ކަމަށް ބުނާ ސިފައިން ވަނީ ރައީސު ކޮންޑޭ ވަށާލައިގެން ސިފައިން ތިބި މަންޒަރު ގައުމީ ޓީވީން ދައްކާފައެވެ. އަދި މީސް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯއަކުން ޖިންސަކާއި ގަމީހެއް ތުރުކުރައްވައިގެން ރައީސު ކޮންޑޭ ސޯފާއެއްގައި އިންނަވާއިރު، އޭނާއަށް ސިފައިން އަނިޔާކޮށްފައިވޭތޯ ސުވާލުކުރުމުން ޖަވާބުދެއްވަން އޭނާ ދެެކޮޅުހައްދަވައެވެ.

މީސްމީޑިޔާގައި އާއްމުކޮށްފައިވާ ބަޔާނެއްގައި ސްޕެޝަލް ފޯސަސްގެ ކޮމާންޑަރު މަމާދީ ޑޮންބޯޔާ ވަނީ ރައީސު އަލްފާ ކޮންޑޭ މަގާމުން ދުރުކޮށްފައިވާކަން ހާމަކޮށްފައެވެ. "ސަރުކާރާއި މުއައްސަސާތައް އުވާލައި އެއްގަމާއި ވައިގެ ސަރަހައްދު ބަންދުކުރުމަށް އަހަރުމެން ވަނީ ނިންމާފައި." ރައްޔިތުންނާ މުޚާޠަބުކޮށް އޭނާ ބުނެފައި ވެއެވެ.

ޑޮންބޯޔާގެ ބަޔާނުގައި އުމުރުފުޅުން 83 އަހަރުގެ ރައީސު ކޮންޑޭ މިހާރު ހުންނެވި ތަނެއް ހާމަކޮށްފައި ނުވެއެވެ. ރިޔާސީ ދެ ދައުރު ފުރިހަމަކުރެއްވުމަށް ފަހު، ތިންވަނަ ދައުރަކަށް ވެރިކަމުގައި ހުންނަވަން ފާއިތުވި އަހަރު ނިންމެވުމާ ގުޅިގެން އާއްމުންގެ މެދުގައި ރައީސު ކޮންޑޭގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެެވެ.

ނޭޝަަނަލް ކޮމިޓީ ފޯ ރިކޮންސިލިއޭޝަން އެންޑް ޑިވެލޮޮޕްމަންޓްެގެ ނަމުގައި އަލަށް އެކުލަވާލި ވެރިކަންކުރާ މަޖިލީހުގެ މެންބަރުން ކަމަށް ބުނާ ސިފައިންގެ 9 މީހަކު ވަނީ ފެއްސާ، ރަތާ، ރަންކުލައިގެ ގައުމީ ދިިދަ ގައިގައި އޮޅައިގެން ގައުމީ ޓީވީއަށް އަރާފައެވެ. އެމީހުން ބުނި ގޮތުގައި އިންގިލާބު ގެންނަންޖެހުނީ ކޮރަޕްޝަން އާއްމުވެ ސަރުކާރު ހިންގުން ބޮއްސުންލާފައިވާތީއެވެ. އެމީހުން ބުނި ގޮތުގައި ގާނޫނު އަސާސީއަށް އަމަލުކުރުން ވަނީ ހުއްޓާލާފައެވެެ. އަދި އާ ގާނޫނު އަސާސީއެއް އެކުލަވާލާނީ ހުރިހާ ފަރާތެއް ބައިވެރިކޮށްގެން، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހުގައެވެ.

އެެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ސަފައިން ދަނީ ވެރިރަށް ކޮނާކްރީގެ މަގުތަކުގައި ފޯރިމަރަމުންނެެވެ. އަދި ސިފައިން ދަނީ އާއްމުން ގޭގައި ތިބުމަށް އިލްތިމާސް ކުރަމުންނެވެ.

ގިނީގައި އިންގިލާބެއް ގެެނެސްފި ކަމުގެ ޚަބަރާއެކު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓަރޭޝް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވަނީ ބަޑީގެ ބާރުގައި ވެރިކަން ބަދަލުކުރުން ނިމުމަކަށް ގެނެސް ރައީސު އަލްފާ ކޮންޑޭ ދޫކޮށްލުމަށް ގޮވައިލައްވާފައެވެ.

ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގިނީއަކީ 2 ލައްކަ 45 ހާސް އަކަކިލޯމީޓަރަށްވުރެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ގައުމެކެވެ. ގިނީ ބިސާއު، މާލީ، ކޯޓް ޑިވޯރ، ލައިބީރިޔާ އަދި ސިއެރާ ލިއޯންއާ ސަރަހައްދީ ރޮނގު ގުޅިފައިވާ ގިނީ އާބާދީގައި ހިމެނޭ 12 މިލިއަން މީހުންގެ %85 އަކީ މުސްލިމުންނެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.