ޠާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން އުފާފާޅުކުރަން ކާބުލްގައި ވަޔަށް ބަޑިޖެހުމުގެ ތެރޭގައި 17 މީހުން މަރުވެ 41 މީހުން ޒަޚަމްވެއްޖެއެވެ. އުފާފާޅުކުރުމަށް ބަޑިޖަހާފައި މިވަނީ ޠާލިބާން ޖަމާއަތުގެ ބާރުގެ ދަށަށް ނުގޮސް އަފްޣާނިސްތާނުގައި މިހާރު އޮތް ހަމައެކަނި ސަަރަހައްދު ކަމަށްވާ ޕަންޖްޝޭރް ވާދީ އެ ޖަމާއަތުން ހިފައިފިކަމަށްް ލިބުނު ޚަބަރުތަކާ ގުޅިގެންނެވެ.
ފަހުން އެނގުނު ގޮތުގައި އެއީ ރަނގަޅު ޚަބަރެއް ނޫނެވެ. އެއީ، ޠާލިބާންގެ އެއްވެސް ކޮމާންޑަރަކުވެސް އެކަން ކަށަވަރުކޮށްދީފައި ނުވާތީއެވެ.
ތުރުކީގެ އަނަޑޯލޫ އެޖެންސީ (އޭއޭ) އަށް މައުލޫމާތު ދިން ހޮސްޕިޓަލުގެ މަސްދަރަކުން ޔަގީންކޮށްދިން ގޮތުގައި ތަނެެއްދޮރެއް ނުބަލައި ބަޑިޖެހުމުގެ ސަބަބުން 17 މީހަކު ވަނީ މަރުވެފައެވެ. އަދި ޒަޚަމްވީ 41 މީހަކު ވަނީ ހޮސްޕިޓަލުން ފަރުވާހޯދާފައެވެ.
ބައެެއް ޚަބަރުތައް ބުނާގޮތުގައި ހުުކުރު ދުވަހުގެރޭ ޠާލިބާން ހަނގުރާމަވެރިން ވަނީ ދެ ގަޑިއެއްހާއިރަށް އެތައްހާސް ވަޒަނެއް ވައިގެތެރެއަށް ޖަހާފައެވެ.
ޠާލިބާން ހަނގުރާމަވެރިންގެ މި އަމަލާ ގުޅިގެން އެ ޖަމާއަތުގެ އިސް ކޮމާންޑަރެއް ކަމުގައިވާ މައުލަވީ މުޙައްމަދު ޔަޢުޤޫބު ޢުމަރީ ވަނީ އެފަދަ އަމަލަތުއް ނުހިންގުމަށް އިލްތިމާސްކޮށް އޯޑިޔޯ މެސެޖެއް އާއްމުކޮށްފައެވެ. އަދި ޠާލިބާންގެ ތަރުޖަމާނު ޒަބީޙުﷲ މުޖާހިދު ވެސް ވަނީ ޓުވީޓެއްގައި އެކަމަށް އިލްތިމާސްކޮށްފައެވެ.
"މުޖާހިންދުންގެ ސަމާލުކަމަށް! ވައިގެ ތެރެއަަށް ބަޑިޖެހުމާ ދުރުހެލިވޭ. އެހެން ހެދުމުގެ ބަދަލުގައި ﷲއަށް ހަމްދުކުރޭ. ހަތިޔާރު ބޭކާރުުކުރުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ހައްގެއް ނޫން." އޭނާގެ ޓުވީޓުގައި ވެއެވެ.
ރަޝިޔާ ސިފައިން އަފްޣާނިސްތާނު ބޭރުކުރުމަށް ހަނގުރާމަކުރިން މުޖާހިދުންގެ އެންެމެ ވަރުގަދަ އެއްކޮމާންޑަރު އަޙްމަދު ޝާހު މަސްޢޫދުގެ ދަރިފުޅު އަޙްމަދު މަސްޢޫދު އަދި އަޝްރަފް ޣަނީގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ބިސްމިﷲ މުޙައްމަދީ ދަނީ ޕަންޖްޝޭރް ވާދީ ދިފާއުކުރުމަށް ބޮޑު ލަޝްކަރެއް އެކުލަވާލައި، ޠާލިބާނުންނާ ކުރިމަތިލަމުންނެެވެ. 1996 އިން 2001 އަށް ޠާލިބާން އަފްޣާނިސްތާނުގައި ވެރިކަން ކުރި އިރުވެެސް އެޖަމާއަތަށް ހިފިފައިނުވާ ވާދީ ހިފުމަށް އެޖަމައާތުގެ ހަނގުރާމަވެރިން ދަނީ އެވާދީ ވަށާލައި، ވާދީއަށް ހަމަލާދެމުންނެވެ. އެހެންނަމަވެސް، ވާދީ ދިފާއުކުރުމަށް ހަނގުރާމަކުރަމުންދާ އިދިކޮޅު ހަނގުރާމަވެރިން އަދި ފަހަތަށް ޖެހިފައި ނުވެއެވެ.
ޕަންޖްޝޭރްގައި ހަނގުރާމަކުރަމުންދާ ނޭޝަނަލް ރެސިސްޓެންސް ފްރަންޓް އެ(އެންއާރްއެފް) ގެ ތަރުޖަމާނު ބުުނި ގޮތުގައި ޠާލިބާން ހަނގުރާމަވެރިން އެ ވާދީގެ ކައިރީގައިވާ ދަރްބަންދު ފަރުބަދަތަކާ ހަމައަށް އައުމަށް ފަހު މިހާރު ވަނީ ފަހަތަށް ޖެހިފައެވެ. ޚަބަރު ލިބޭ ގޮތުގައި އެންއާރްއެފްގެ ހަނގުރާމަވެރިން ވަނީ ވާދީއަށް ގިނަ އަދަދެއްގެ ހަތިޔާރު ޖަމާކޮށްފައެވެ.