ނޭޝަނަލް އިންޓިގްރިޓީ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު އެ ކޮމިޝަނުގެ ރައީސް ކަމުންނާއި ކޮމިޝަނުގެ މެމްބަރު ކަމުންވެސް ވަކިކޮށްފިއެވެ.
ރައީސް އޮފީހުން ވެސް މިހާރު ވަނީ މާނިއު މަގާމުން ވަކި ކޮށްފައިވާކަން ރައީސް އޭނާއަށް އަންގަވާފައިވާކަން ރަސްމީކޮށް ހާމަ ކުރައްވާފައެވެ.. ނަމަވެސް ކުއްލި ގޮތަކަށް މާނިއު އެ ކޮމިޝަނުން ވަކިކުރި ސީދާ ސަބަބު ރައީސް އޮފީހުން ހާމަ ނުކުރައްވައެވެ. މާނިއު މަގާމުން ވަކިކޮށްފައި މިވަނީ ކޮމިޝަނަށް ފުލުހުންގެ ފަރާތުން އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. ނަމަވެސް މާނިއު ވަކިކޮށްފައި ވަނީ މީޑިޔާގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
ކޮމިޝަނުގެ ރައީސް ކަމަށް މާނިއު އައްޔަން ކުރައްވާފައި ވަނީ އެ ކޮމިޝަންގެ ރައީސް ކަމުގައި ކުރިން ހުންނެވި ފަރުހާދު މުހައްމަދު ވަކިކުރެއްވުމަށް ފަހުއެވެ. ފަރުހާދު މަގާމުން ވަކިކުރެއްވިއިރު މާނިއު ހުންނެވީ ކޮމިޝަނުގެ ނައިބު ރައީސް ކަމުގައެވެ.