ބާރުގަދަ ޠޫފާން 'އައިޑާ' އެމެރިކާގެ ލުއިޒިޔާނާއަށް އަރައިފި

އިއްޔެ އެމެރިކާގެ ލުއިޒިޔާނާއަށް އެރި 'އައިޑާ' ޠޫފާނުގައި އިމާރާތެއްގެ ފުރާޅު އެއްލާލާފައި

ބާރުގަދަ، ގިންތި-4 ގެ ޠޫފާން 'އައިޑާ' އިއްޔެގެ ވަގުތެއްގައި އެމެރިކާގެ ލުއިޒިޔާނާ ސްޓޭޓަށް އަރައިފިއެވެ. މީގެ 16 އަހަރު ކުރިން އެ ސްޓޭޓުގެ ނިއުއޯލިޔަސް ސިޓީއަށް އަރައި އެ ރަށް ސުންނާފަތިކޮށްލި 'ކެޓްރީނާ' ޠޫފާނެ ހަނދާންތައް 'އައިޑާ'އާއެކު ވަނީ އާވެގެން ގޮސްފައެވެ. 'ކެޓްރީނާ' އަކީ ގިންތި-5 ގެ ޠޫފާނެކެެވެ.

"އިންތިހާއަށް ނުރައްކާތެރި ގިންތި-4 ގެ ޠޫފާން އަައިޑާ ވަނީ ލުއިޒިޔާނާގެ ޕޯޓް ފޯޗޮންއާ ދިމާއަށް އެއްގަމަށް އަރާފައި." ނޭޝަނަލް ހަރިކޭން ސެންޓަރުން އާއްމުކުރި މައުލޫމާތުގައި ވެއެވެ.

ނިއުއޯޯލިޔަންސްގެ ދެކުނުން 160 ކިލޯމީޓަރު ދުރުގައި އޮންނަ ޕޯޓް ފޯޗޮންއަށް އައިޑާ އަރާފައި ވަނީ އިއްޔެ ހަވީރު 4:55 (ރާއްޖޭ ގަޑިން ރޭ ދަންވަރު 2:55) ގައެވެ. އޭރު ޠޫފާނުގެ ވައި ހުރީ ގަޑިއަކު 150 މޭލު (241 ކިލޯމީޓަރު) ގެ ބާރުމިނުގައެވެ.

ޠުފާނުގައި ޖެހޭ ވައިގެ ބާރުމިނަށް ބަލާއިރު އައިޑާ ހިމެނިފަައި ވަނީ އެމެރިކާގެ ތާރީޚުގައި އެ ގައުމަށް އެރި އެންމެ ބާރުގަދަ 5 ޠޫފާނުގެ ތެރޭގައެވެ. 2005 ވަނަ އަަަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ނިއޯލިޔަސް ސުންނާފަތިކޮށްލި ޠޫފާން ކެޓްރީނާގައި ގަޑިއަކު 175 މޭލަަށް (280 ކިލޯމީޓަރަށް) ވައިޖެހިފައި ވެއެވެ.

ލުއިޒިޔާނާ ސްޓޭޓްގެ ގަވަރުނަރު ޖޯން ބެލް އެޑްވަޑްސް ވިދާޅުވި ގޮތުގައި ޠޫފާން އައިޑާގެ ބާރުގަދަވަމުން ދާގޮތަށް ބަލާއިރު، އެ ޠޫފާނަކީ 1850 ވަނަ އަހަރުގެ ފަހުން އެ ސްޓޭޓަށް އަރާ އެންމެ ބާރުގަދަ ޠޫފާނަށް ވުން އެކަށީގެން ވެއެެވެ.

"އަހަރުމެންނަށް ލަފާކުރެވެނީ މި ޠޫފާނުން ކާރިސާއަށްފަދަ އަަސަރުކުރާނެ ކަމަށް." ރައީސު ޖޯ ބައިޑަންވެސް އިންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފެޑެރަލް އެމަޖެންސީ މެނޭޖްމަންޓް އެޖެންސީ (ފީމާ) ގެ އެޑްމިިނިސްޓްރޭޓަރު ޑީން ކްރިސްވެލް ވިދާޅުވިއެވެ.

ޠޫފާން އެއްގަމަށް އެރި ސަރަހައްދަށް ގަދަ ވަޔާއެކު ބިޔަ ރާޅު އަރައި އެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

އާދައިގެ ޠޫފާނަކުން ބާރުގަދަ ޠޫފާނަކަށް އައިޑާ ބަދަލުވީ ވަރަށް އަވަހަށް ކަަަަމަށްވާތީ، ޠޫފާންގެ އަސަރު އެންމެ ބޮޑަށް ކުރާ ހިސާބުގައި ތިބި ނިއުއޯލިޔަންސްގެ 3 ލައްކަ 90 ހާސް މީހުން އެ ސަރަހައްދުން ދުރަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެއްސިފައި ނުވެއެވެ. އެެހެންކަމުން، ދާއިރާތަކުން ވަނީ އަމިއްލައަށް ދާން ބޭނުން ބަޔަކު ސަރަހައްދު ދޫކޮށް ދިއުމަށް އެދިފައެވެ. އަދި ނުގޮސް ތިބޭ ބަޔަކު ދިގު މުއްދަތެއްގައި ކަރަންޓާ ނުލައި ތިބުމަށް ތައްޔާރުވެގެން ތިބުމަށް އިލްތިމާސުކޮށްފައެވެ.

ކަރަންޓު ނެތި ދިގު މުއްދަތެއް ހޭދަވުމުގެ ބިރު އޮތް އިރު، މިހާރުވެސް އެ ސަަރަހައްދުގެ 1 ލައްކަ 50 ހާސް ގެއިން ކަރަންޓު ވަނީ ކެނޑިފައެވެ.

  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.