ސްޓެލްކޯ އިން ބަންދުކޮށްފައިވާ މަގުތައް ހުޅުވާލުމަށް ކޯޓަށް ދާންޖެހޭނަމަ އެކަންވެސް ކުރާނަން - ޑރ.މުޢިއްޒު

ސްޓެލްކޯގެ އިން ބަންދުކޮށްފައިވާ މާލޭގެ ބައެއް ސަރަޙައްދުތަކުގެ ގޯޅިތަކާ މަގުތަށް ހުޅުވާލުމަށް ކޯޓަށް ދާންޖެހޭނަމަ އެކަންވެސް ކުރައްވާނެކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

25 އޯގަސްޓް 2021 ވަނަ ދުވަހު ބޭއްވުނު މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 15 ވަނަ ރަސްމީ ޢާއްމު ޖަލްސާއަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މޭޔަރ ވިދާޅުވީ މިގޮތަށް ބަންދުކޮށްފައިވާ މަގުތަކާ ގޯޅިތަށް ހުޅުވާލުމަށް މާލޭ ސިޓީ ކައުންސިލުން ސްޓެލްކޯއަށް ލިޔުމުން އަންގާފައިވާނެކަމަށެވެ. އެހެންނަމަވެސް އެކަން އެގޮތަށް ކުރެވެން ނެތްކަމަށް ސްޓެލްކޯއިން ވިދާޅުވާކަމަށެވެ.

” އެފަރާތުން ޖަވާބުދެނީ ހުޅުވާނުލެވޭނެކަމަށް. ހުޅުވާލީމަ މާލޭގަ ކަރަންޓް ދިނުމަށް ހުރަސްތަކެއް ހުރިކަމަށް ” މޭޔަރ ވިދާޅުވިއެވެ.

މޭޔަރ ޑރ.މުޢިއްޒު ވިދާޅުވީ ގޯޅިތަށް ދިނީ ދާއިމީކޮށް ބަންދުކުރަން ނޫންކަމަށެވެ. އެހެންނަމަވެސް ޖަނަރޭޓަރތައް ބެހެއްޓުމާބެހޭގޮތުން އޭރު އެދުނު ބައެއްކަންކަންކުރުމަށް ކަމަށެވެ. އެހެންކަމުން އެތަންތަން ހިފައި ބަންދުކޮށްފައިހުރި ހުރުން އެއީ ކުރެވޭނެކަމެއްނޫންކަމަށެވެ.

” މިހާރު ކައުންސިލުން ނިންމާފައިވަނީ ކޯޓަށް ދިއުންވެސް ހިމެނޭގޮތަށް ޤާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން ” މޭޔަރ ވިދާޅުވިއެވެ. މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިންޖީނުގެތަށް ހުންނަންޖެހެނީ މީހުން ދިރިއުޅޭ ސަރަޙައްދާ 200 ފޫޓު ދުރުގައިކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ.

ސްޓެލްކޯގެ ފަރާތުން ވަނީ، ކުޑަކުދިންގެ ބަގީޗާ ކޮއްޓާއި، ސްޓެލްކޯ އޮފީސްއިމާރާތް ހިމެނޭ ދޭތެރޭ އޮންނަ ކަށިމާ ހިނގުން ( ބްލޮކް ނަމްބަރ 349 ) އާއި ސްޓެލްކޯ ޕަވަރ ހައުސް ކޮއްޓާއި ކުޑަކުދިންގެ ބަގީޗާ އާއި ދޭތެރޭ ހުޅަނގުން އިރަށް އޮންނަ ފެންމީރު ހިނގުން ( ބްލޮކް ނަމްބަރ  348.347 ) ސްޓެލްކޯގެ ފަރާތުން ޢާއްމުންނަށް ނުހިނގޭ ފަދަ ގޮތަކަށް ބަންދުކޮށްފައެވެ. މިކަން ރަނގަޅުކޮށް ގޯޅިތަށް ހުޅުވާލުމަށް އެއްމަމަސްދުވަހުގެ މުއްދަތުދީ ސިޓީ ކައުންސިލުން ވަނީ ސްޓެލްކޯއަށް ސިޓީއަކުން އަންގާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.