ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ ތަފާތު

ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމަކީ ޑިމޮކްރަސީގެ އަސާސްތަކުން ރައްޔިތުންގެ އަތްމަތީ ބާރުތައް އޮންނަ ވެރިކަމުގެ ދެނިޒާމު

ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމަކީވެސް، ދިމިގްރާތީ ދެނިޒާމެކެވެ. ކުރަންޖެހޭ ކަމަކީ، ސިޔާސީމީހުންގެ ނުފޫޒެއްނެތި، އެތަނެއްގެ ސަޤާފަތާއި އާދަކާދަ އަދި ރައްޔިތުންބޭނުންވާގޮތެއްގެ މައްޗަށް، ގޮތެއް ކަނޑައަޅައި، އެތަނަކަށް އެންމެ ފެތޭ ވެރިކަމެއް އިޚްތިޔާރު ކުރުމެވެ. ޕެޓިޝަން ހަދައި، ރައްޔިތުންގެ ވިސްނުމާއި ފިކުރާކުޅެ، ބޯކައި އަދި ބާރާއި ފައިސާގެ ބޭނުންކޮށް، ވަކިއަތަކަށް ރައްޔިތުން ޖައްސައި ވޯޓު އަނބުރައިގެން ގެންނަ، ކޮންމެ ވެރިކަމަކީ އަދި ބަރުލަމާނީއަކަށް ނުވެއެވެ. ރިޔާސީއަކަށްވެސް ނުވެއެވެ. އަދި އެންމެ ފަހުން، އެއީ ޑިމޮކްރަސީގެ އަސާސްތައްވެސް ނުއޮންނަ ވެރިކަމެކެވެ. ވެރިކަމުގެ ނިޒާމަކީ އިރުއިރުކޮޅުން ބަދަލުކުރާ އެއްޗެއްނޫނެވެ. ރައްޔިތުން ވޯޓުލައި، އެބައިމީހުންނަށް ވަކިނިޒާމެއް ހިންގައިދޭން އެދުމުން، އެކަންކުރަމުން އައިސް، ތިމާމެންނަށް ވެރިކަންގެއްލިދާނެކަމަށް ފެނުމުން، ބަދަލުކުރާނީ ވެރިކަމުގެ ނިޒާމެއްނޫނެވެ. ބަދަލުކުރާނީ ތިމާމެންގެ ވިސްނުމާއި ފިކުރެވެ. ހޮވޭނެކަން ޔަޤީންވާ ފަހަރު ކޮންމެ ނިޒާމެއްއޮތަސް ވަރިހަމަ ވެއެވެ. އެކަމަކު، އެއޮންނަ ނިޒާމެއްގެ ތެރެއިން ވެރިކަމަށް ނާދެވޭނެކަން އެނގޭ ހިސާބުން، ނިޒާމު ގޯސްވެއެވެ. ނިޒާމުބަދަލުކޮށްގެން ވެރިކަމަށް އާދެވޭނެ ހުރިހައިކަމެއް ކުރެއެވެ.  މިއީ، ބޮލިރޮދި ކެނޑިފައިތިބޭ ސިޔާސީމީހުން ކުރާ ކަމެކެވެ. އެއީ ރައްޔިތަކަށް ހެވެއް އެދިގެން ކުރާކަމެއްނޫނެވެ. ވެރިކަން ބޭނުންވެގެން، އަތުންފައިން ހެދޭ ގޯހެވެ.

ޑިމޮކްރަސީއަކީ، ރައްޔިތުންބޭނުންވާ ގޮތެއްގެމަތިން، ރައްޔިތުންއިސްކުރާބަޔަކު، ރައްޔިތުންގެ ކަންކަން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ބަލަހައްޓައިދިނުމަށް، އިހުޒަމާނުއްސުރެ ދުނިޔޭގައި އުފެދިފައި އޮންނަ ވެރިކަމުގެ ނިޒާމެކެވެ. ޑިމޮކްރަސީ އޭ މިކިޔާބަސް ދުނިޔެއަށް އުފަންކޮށް، އެބަހާމެދު ވިސްނަން ދަސްކޮށްދިނީ އިހުޒަމާނުގެ ގްރީކު މީހުންނެވެ. އެހެންނަމަވެސް، ގްރީކުމީހުން، ޑިމޮކްރަސީ ހިންގައި ތަޖުރިބާކޮށްފައެއް ނުވެއެވެ. ދުނިޔެއަށް، މިބަސް ތަޢާރުފްވެ ބައެއް ޖަމާޢަތްތަކުން ބޭނުންކޮށް، ޑިމޮކްރަސީގެ މުހިންމު ތަޖުރިބާއާއި ފިލާވަޅު ދަސްކޮށްދީފައި އެބަހުއްޓެވެ. ވެރިކަމުގެ މިނިޒާމް ހަރުދަނާވެ، ޒަމާނީ ޑިމޮކްރަސީއަށް ތަންތަން ފައްކާވެ އޮވެމެ، ޑިމޮކްރަސީގެ އަސާސްތައް މުގުރަމުން ވެރިކަމަށް އަންނަ ސިޔާސީ މީހުންވެސް މަދެއްނޫނެވެ.

ޑިމޮކްރަސީގެ އެންމެ މުހިންމު އަސާސަކީ، ރައްޔިތުންގެ އަތްމަތީ ވެރިކަމުގެ ބާރު އޮތުމެވެ. ގިނަޕާޓީބައިވެރިވެގެން ހިންގާ ވެރިކަމުގައިވެސް ބޭނުންކުރެވޭ މިނިޒާމް މިހާރުވަނީ ގަޑުބަޑު ކުރެވިފައެވެ. ސިޔާސީމީހުން ބޭނުންވާގޮތަކަށް މިނިޒާމް ބައްޓަންކުރުމަށްޓަކައި، ބާރާއި ފައިސާގެ ބޭނުން ކުރެވެއެވެ. ރައްޔިތުންގެ ވިސްނުމާއި ފިކުރާ ކުޅެއެވެ. އަދި ޑިމޮކްރަސީތަކުގައި ދުނިޔޭގައި ގެންގުޅޭ ދެވިސްނުމެއްކަމުގައިވާ، ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުން އެބަޔަކު ބޭނުންވާ ނިޒާމަކަށް ރައްޔިތުންގެ ވިސްނުން އަނބުރައިލުމަށް މަސައްކަތް ކުރެއެވެ. ސިޔާސީ މީހުން ބަރުލަމާނީ ނިޒާމު އިޚްތިޔާރުކުރަނީ، ވެރިކަމުގެ ދަހިވެތިކަމުގައެވެ. ގިނަދުވަހު ވެރިކަމުގައި ހުރުމުގެ އެދުމުގައެވެ. ރިޔާސީ ނިޒާމުގެ ތެރެއިން ވެރިކަމަށް ނާދެވޭނެކަމަށް ޤަބޫލުކުރާ ސިޔާސީމީހުން، ބަރުލަމާނީ ނިޒާމް ރަނގަޅުކަމަށް ބުނަނީ އެމީހުންނަށް ވެރިކަމަށް އާދެވޭނެ އެހެންގޮތެއް ނެތިގެންނެވެ. ރިޔާސީ އިންތިޚާބެއް ކާމިޔާބުކޮށް، ވެރިކަމަށް އާދެވޭނެކަމަށް ނުފެންނާތީއެވެ. ނިޒާމާކުޅެންޖެހޭ ސަބަބަކީ އެއީއެވެ. ބަރުލަމާނީނިޒާމުގައިވެސް އަދި ރިޔާސީނިޒާމުގައިވެސް، އޭގެ ޒާތުގައި މައްސަލައެއް ނުއޮވެއެވެ. މައްސަލަ އޮންނަނީ ސިޔާސީ މީހުން ނުވަތަ ވެރިކަމަށް އަންނަ މީހުން ވެރިކަން ހިންގާ ގޮތުގައެވެ. އަމާނާތްތެރިކަމެއް އަދި ތެދުވެރިކަމެއް ނެތުމެވެ. ވެރިކަމަށް އަންނަން ރައްޔިތުންނަށް ވީ ވަޢުދުތައް ހަނދާން ނައްތާލައި ތިމާމެންގެ އަމިއްލަ އެދުން އިސްކޮށް، ރައްޔިތުންނަށް ވެރިކަންހިންގައިދޭގޮތް ގަނޑުބަޑުވުމެވެ.

ސިޔާސީމީހުންނާ އަދި ޢިލްމީ މާހިރުން، އެންމެ ގަޔާވާނެ ނިޒާމަކީ ބަރުލަމާނީ ނިޒާމެވެ. އެންމެ ބޮޑު ސަބަބަކީ، ދެނިޒާމުގެ ހުރި ފަރަގެވެ. ބަރުލަމާނީ ނިޒާމުގައި، ޤާނޫނުހަދާ މަޖިލީހުން ނަގާ އިތުބާރުނެތްކަމުގެ ވޯޓަކުން، ސަރުކާރު ބަދަލުކޮށްލެވެއެވެ. ވޯޓެއް ނުނެގޭނަމަ، ކިތަންމެ ދުވަހެއްވިޔަސް، އެބަޔަކު ވެރިކަމުގައި ދެމިތިބެއެވެ. ބަރުލަމާނީ ނިޒާމުގައި މިފަދަ ވޯޓެއް ފާސްވުމުން، އައުސަރުކާރެއް އެކުލަވައިލެވެއެވެ. އަދި އައު ސަރުކާރެއް އެކުލަވައިނުލެވޭ ޙާލަތެއްގައި، އައު އިންތިޚާބެއް ބޭއްވެއެވެ. ރިޔާސީ ނިޒާމުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލިސް އޮންނާނީ ކަނޑައެޅޭ ވަކިމުއްދަތަކަށެވެ.

ބަރުލަމާނީ ނިޒާމުގައި، ވެރިކަމުގައި ތިބޭ ބަޔަކު، އެއީ ޕާޓީއެއް ނުވަތަ ކޯލިޝަނެއްކަމަށްވިޔަސް، ގިނަދުވަހު ވެރިކަމުގައި ތިބެވެއެވެ. ވޯޓެއް ނަގައިގެން ސަރުކާރު ބަދަލުކުރެވިދާނެއެވެ. އެހެނެއްކަމަކު، ވެރިކަން ބަދަލެއް ނުކުރެވޭނެއެވެ. ރިޔާސީ ނިޒާމުގައި، ވެރިކަންވެސް، ސަރުކާރުވެސް އަދި ޤާނޫނު ހަދާމަޖިލީހަކީ ކަނޑައެޅޭ ވަކިމުއްދަތަކަށް ، ރައްޔިތުން އިންތިޚާބު ކުރާ ބަޔެކެވެ. އެމުއްދަތު ހަމަވުމުން އެމީހުން އެވަކިވީއެވެ. އެހެންކަމުން ގިނަދުވަހު ވެރިކަމުގައި ތިބެންބޭނުންވާ ބަޔަކު އިޚްތިޔާރު ކުރާނީ ބަރުލަމާނީ ނިޒާމެވެ. ގިނަފަހަރަށް، ވެރިކަމުގެ އެދުމާއި ޚިޔާނާތާއި ފަސާދައަށް ސިކުނޑިމަސައްކަތްކުރާ މީހުންނަށް ފެންނާނީ ބަރުލަމާނީ ހުވަފެނެވެ. އެހެންނަމަވެސް، ބުޅާ ގަހަށް އެއރުވީމަ ނުފޭބިއޮންނަގޮތަށް، ރިޔާސީ ނިޒާމެއްގެ ތެރެއިން ވެރިކަމަށްއަންނަ ބަޔަކުވެސް، ވެރިކަމުން ނުފައިބާ، ގިނަދުވަސަތަކެއްވަންދެން ގޮށްމުށުގެ ވެރިކަން ކޮށްފައި އެބަހުއްޓެވެ. ރިޔާސީ އަދި ބަރުލަމާނީ ނިޒާމުގެ މިޢާންމު ތަފާތާއެކު، މިދެނިޒާމު ހިންގުމުގެ ތެރެއިން ތަފާތު ޙާލަތްތައް އުފަންވެފައި އެބަހުއްޓެވެ.

* ރިޔާސީ ނިޒާމުގައި، ޤާނޫނުހަދާ މަޖިލިސް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ތާއީދާއި އަޣުލަބިއްޔަތު، ސަރުކާރަށް ލިބިފައި އޮންނާނީ މަދުފަހަރަކުއެވެ. އެހެނީ، ރިޔާސީ ނިޒާމެއްގައި ބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއްގައި، މަޖިލީހުގެ އަޣުލަބިއްޔަތު، ސަރުކާރަށް ލިބޭނެކަން ޔަޤީންކޮށްދޭ ކަމެއް ނުވެއެވެ. އެހެންނަމަވެސް، މަޖިލީހުގެ އަޣުލަބިއްޔަތު، ސަރުކާރަށް ލިބޭ ޙާލަތުވެސް އުފަންވެއެވެ.

* ސަރުކާރާއި ޤާނޫނުހަދާ މަޖިލިސް އެއްގަލަކަށް ނޭރުމަކީ، ރިޔާސީ ނިޒާމެއްގެ އެއްސިފައެވެ. އެއީ މަޖިލީހުގެ އަޣުލަބިއްޔަތު، ސަރުކާރަށް ނުއޮންނަ ޙާލަތެއްގައެވެ. ސަރުކާރަށް ތާއީދުކުރާ މެންބަރުން، މަޖިލީހުގައި ގިނަވެއްޖެނަމަ، ސަރުކާރުންބޭނުންވާހައިކަމެއް، މަޖިލިސް މެދުވެރިކޮށް ފާސްކުރާނެއެވެ. އެނޫންޙާލަތްތަކުގައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާނީ، މަޖިލީހުގައި ބަހުސްކޮށް، މަޖިލީހަށް ފެންނަ އެންމެ ރަނގަޅު ގޮތެކެވެ. މިފަދަ ޙާލަތްތަކުގައި މަޖިލީހުގައި ސަރުކާރާއިދިކޮޅު ވިސްނުންގެންގުޅޭ މެންބަރުންގެ ތާއީދުވެސް ސަރުކާރަށް ލިބެއެވެ.

* ރިޔާސީ ވެރިކަމެއްގައި އެއްބައެއްވަންތަ ސަރުކާރެއް ޤާއިމްވެ، ދެމިއޮތުމަކީ ވަރަށް މަދުން ފެންނަ ކަމެކެވެ. އެހެންނަމަވެސް، އެއީ ނުވާކަމެއްނޫނެވެ. އެއްބައެއްވަންތަ ނުވަތަ ކޯލިޝަން ސަރުކާރެއް ދެމިއޮންނަނީ، ވެރިކަމުގައި އިސްވެހުންނަ މީހެއްގެ ހުޝިޔާރުކަމާއި ހިންގުންތެރިކަމާ އަދި ލިޔާޤަތާއި ޤާބިލިއްޔަތު ހުންނަ ގޮތެއްގެ މައްޗަށެވެ. ރިޔާސީ ނިޒާމުގެ ތެރޭގައި، ސަރުކާރާއި މަޖިލީހުގެ މެންބަރުންގެ މެދުގައި އަދި ޕާޓީތަކުގެ މެދުގައި އެއްބަޔަކު އަނެއްބަޔަކަށް ތާއީދުކުރާނެ ނިޒާމެއް ހިމެނިގެންނެއް ނުވެއެވެ. އެހެންނަމަވެސް، ރިޝްވަތުދީގެންނާއި ނިޒާމުގެ ބޭރުން އެތައް ކަމެއް ހިނގާނެއެވެ.

* ރިޔާސީ ނިޒާމެއްގައި، ސިޔާސަތާއި ގޮތް ނުވަތަ ކަންކަން ނިންމުމުގެ ބާރު، ޢާންމުގޮތެއްގައި އޮންނަނީ ލާމަރުކަޒީ ކުރެވިފައެވެ. ރައީސަކު ސިޔާސަތު ކަނޑައަޅާނީ ނުވަތަ ކަމެއް ނިންމާނީ، ރައްޔިތުންގެ މަޖިލީހުން އެކަމެއް ވަކިގޮތަކަށް ނިންމައި ރައީސަށް ހުށަހެޅުމުންނެވެ. ރައްޔިތުންގެ މަޖިލީހުން އެކަމެއް އުފަންވެ އުފެދި، ޚިޔާލުބަދަލުކޮށް އެންމެފަހުގެ ގޮތް ނިންމުމުގައި، ޕާޓީތަކުގެ ދައުރަށްވުރެ، މެންބަރުންގެ ފަރުދީ ޒިންމާ އިސްކުރެވޭގޮތް، ރިޔާސީ ނިޒާމެއްގައި ތަނަވަސްވެގެން ވެއެވެ. މިފަދަ ޙާލަތެއްގައި ސަރުކާރުގެ ނުފޫޒު މެންބަރުންގެ މައްޗަށް ނުހިނގައި، ސަރުކާރުން ނިންމާ ވަކިސިޔާސަތެއް، ސަރުކާރުން ބޭނުންވާ ގޮތަކަށް ނިންމުމަށް ހުރަސްއެޅި، ސަރުކާރު ހިންގުމަށް އޭގެ އަސަރުކުރާ ޙާލަތެއް އުފަންވެގެން ދެއެވެ. އެހެންނަމަވެސް، ރިޝްވަތާއި ޕާޓީނިޒާމު ގަނޑުބަޑުވެގެންގޮސް، މަޖިލީހުގެ މެންބަރުންގެ ޒިންމާއާއި ވާޖިބު ދޫކޮށް، އަމިއްލަ އެދުމަށް ވަކިގޮތަކަށް ކަމެއް ނިންމުމުގެ ފުރުޞަތުވެސް ތަނަވަސް ވެފައި އޮވެއެވެ. އެއީވެސް ނިޒާމުގެ ބޭރުންނެވެ.

މިހުރިހައި ސަބަބުތަކަކަށްޓަކައި، ރިޔާސީ ނިޒާމަކުން ވެރިކަންކުރުމުގެ ވިސްނުން، ދުނިޔޭގެ ޤައުމުތަކުގައި އަށަގެންނެވުމުގެ މުހިންމުކަން ސާބިތުކޮށްދެއެވެ. ސަރުކާރާއި މަޖިލީހުގެ ފަރާތުން އެންމެ އެކަށީގެންވާގޮތެއްގައި، ރައްޔިތުންނަށް ޚިދުމަތްކޮށް ނުދެވޭނަމަ، ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ބަދަލުކުރުމުގެ އިޚުތިޔާރު އިންތިޚާބުތަކުގައި ރައްޔިތުންނަށް ލިބެނީ ރިޔާސީ ނިޒާމުގައެވެ. ބަރުލަމާނީ ނިޒާމުގައި، ރައްޔިތުން ބޭނުންވިޔަސް އަދި ބޭނުން ނުވިޔަސް، ސަރުކާރު ބަދަލެއް ނުކުރެވެއެވެ. ސަރުކާރު ބަދަލުވިޔަސް، އެފުރުޞަތު ރައްޔިތުންނަށް ލިބެނީ މަދުޙާލަތެއްގައެވެ. ކޮންމެ ނިޒާމަކީވެސް، ވެރިކަން ހިންގުމުގެ ނިޒާމު ރަނގަޅިއްޔާ، ރައްޔިތުންނަށް ރަނގަޅުގޮތް ފެންނަ ނިޒާމެކެވެ. ދެނިޒާމުގެ ތަފާތަކީ، ރައްޔިތުންގެ ބާރު، ވެރިކަމުގެ މައްޗަށް އޮންނަ ގޮތެވެ. ސަރުކާރެއް ކަމުނުދާކަމަށް ވަންޏާ، ސަރުކާރު ބަދަލުކޮށްލުމަށް ރިޔާސީ ނިޒާމުގައި ފުރުޞަތު ބޮޑެވެ. އަދި ބަރުލަމާނީ ނިޒާމުގައި، ވެރިކަން ބަދަލުކުރުމަށް ރައްޔިތުންނަށް އޮންނަ ފުރުޞަތު ކުޑައެވެ. ރިޔާސީ ނިޒާމުގައި ޤައުމުހިންގަންވެސް އަދި ސަރުކާރު ހިންގަންވެސް  އިސްވެ ހުންނާނީ ރައްޔިތުން އިންތިޚާބުކުރާ ރައީސެކެވެ. ބަރުލަމާނީ ނިޒާމުގައި ސަރުކާރު ހިންގަން އިސްވެ ހުންނާނީ ޢައްޔަން ކުރެވޭ ބޮޑުވަޒީރެކެވެ. ޤައުމުގެ ވެރިޔަކަށް ހުންނާނީ ޢައްޔަންކުރެވޭ ރައީސެކެވެ.

ޤައުމުގެ އިޤްތިޞާދީ ޙާލަތަކީވެސް، ވެރިކަންހިންގުމުގެ ނިޒާމާގުޅިފައި އޮންނަ އެއްޗެކެވެ. ޢިލްމީ ދިރާސާތަކުން ދައްކާގޮތުގައި، ޤައުމަށްލިބޭ އާމްދަނީން ބޮލަކަށްޖެހޭމިންވަރު، އެމެރިކާޑޮލަރުން އެއްހާސް ޑޮލަރަށްވުރެ ދަށްނަމަ، އެތަނެއްގައި ބަރުލަމާނީ ނިޒާމަކަށް ދިރިއެއް ނުއޮވެވޭނެއެވެ. އަދި އެފަދަ ޙާލެއްގައި އެވެރިކަމެއް ބަދަލުވެގެންދާނީ ޚުދުމުޚުތާރު ވެރިކަމަކަށެވެ. ޤައުމަށް ލިބޭ އާމްދަނީން ބޮލަކަށްޖެހޭ މިންވަރު ދަށްނަމަ، ބަރުލަމާނީގައިވެސް ރިޔާސީ ނިޒާމުގައިވެސް، ވެރިކަންކުރަން އުނދަގޫ ވާނެއެވެ.

ރިޔާސީ ނިޒާމު މަސައްކަތްކުރާ ޤައުމުތަކުގައި، ރަނގަޅަށް ހިނގާ އެނިޒާމްބަދަލުކުރުމަށް، ބޭކާރު ޚަރަދުތަކެއް ކުރުމުގެ ބަދަލުގައި، ރިޔާސީ ނިޒާމް ހަރުދަނާކުރުމަށް ހޭދަކޮށް، ރައްޔިތުންގެ ވިސްނުމާއި ފިކުރާ ނުކުޅެ، ރިޔާސީނިޒާމަށް ވެރިކަންހިންގުން މުހިންމެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ ތަޢާރުފްކުރެވުނީ 1932 ގައެވެ. އަދި ރަސްގެފާނަކީ، ޢައްޔަންކުރެވޭ މަޤާމަކަށް ބަދަލުކުރެވުނެވެ. 1953 ގައި ކޮމަންވެލްތުގައި ހިމެނޭ ޖުމްހޫރިއްޔަތަކަށް ބަދަލުވެ، ރަސްކަން އުވައިލެވުނެވެ. އެހެންނަމަވެސް، ދުވަސްކޮޅަކުން، ޖުމްހޫރީ ވެރިކަން އުވައިލެވި، އަލުން ރަސްކަމަކަށް ބަދަލުވިއެވެ. 1965 ގައި ފުރިހަމަމިނިވަންކަން ލިބިގެންވާ ރަސްކަމަކަށް ބަދަލުވިއެވެ. 1968 ގައި ރަސްކަން އުވައިލެވި، ޖުމްހޫރީ ވެރިކަމަކަށް ބަދަލުވިއެވެ. 1968 ގެފަހުން، ރާއްޖޭގައި ހިނގަމުން މިއަންނަނީ ރިޔާސީ ވެރިކަމެކެވެ. ބަރުލަމާނީ ނިޒާމެއްނޫނެވެ. 2005 ގައި ގިނަޕާޓީ ބައިވެރިވާ ސިޔާސީ ނިޒާމު ތަޢާރުފް ކުރެވުނެވެ. 2007 ގައި، ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ވެރިކަމެއްކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސްކުރެވުނެވެ. ރާއްޖޭގެ ތާރީޚުގައި، ރާއްޖޭގައި އޮންނަން ފެންނަނީ ކޮންބާވަތެއްގެ ވެރިކަމެއްތޯ ބަލަން، ފެންނަ ނުފެންނަ ވޯޓުލައިގެން، ރައްޔިތުން އެއްބަސްވެފައި އޮތީ، އަދި ރައްޔިތުންނަށް ފެނިފައިއޮތީ، ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްކަމުގައެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.