މަޝްހޫރު ފަންނާނު ޗިޅިޔާ މޫސާ މަނިކު އަވަހާރަވެއްޖެ

ތަމްސީލު ކުޅުމާއި ފިލްމު ކުޅުމާއި އެނޫންވެސް ފަންނުވެރި އެތައް ދާއިރާއަކުން ފާހަގަކޮށްލެވުނު މަޝްހޫރު ފަންނާނު ޗިޅިޔާ މޫސާ މަނިކު އަވަހާރަވެއްޖެއެވެ.

މއ.ޗިޅިޔާވިލާ ޗިޅިޔާ މޫސާ މަނިކު އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހުއެވެ. މޫސާ މަނިކު ނިޔާ ވެފައިވަނީ މިރޭ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.

 ޗިޅިޔާ މޫސާ މަނިކު ނުވަތަ އޭނާގެ ޢާންމު ނަމުން ދަންނަވާނަމަ، ޗިޅިޔާއަކީ، ރާއްޖޭގެ ތަމްސީލު ކުޅުމުގެ ދާއިރާގައާއި، ދިވެހި ފިލްމީ ދާއިރާގައި އާ ނަމަކަށް ނުވާނެއެވެ. ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި މިއަދުވެސް ޙަރަކާތްތެރިވަމުންދާ ފަންނާނުންގެ އެދުރެއްގެ ގޮތުން، އެންމެ ކުރީ ސަފުގައި ހުންނެވި ބޭފުޅަކީ، ޗިޅިޔާއެވެ. އަދި ޗިޅިޔާ މޫސާ މަނިކަކީ، ވަރަށް ފަންނުވެރި އަދި މަޝްހޫރު ކުރެހުންތެރިއެއްވެސް މެއެވެ.

ދިވެހި ފިލްމީ ދާއިރާއިން އެންމެ ފުރަތަމަ ޗިޅިޔާ މޫސާ މަނިކު ފެނިގެންދިޔައީ، 1982 ވަނަ އަަހަރު ޓެލެވިޜަން މޯލްޑިވްސުން ތައްޔާރު ކުރެއްވި "މުޙައްމަދު ތަކުރުފާނު" އާދެ! "ޣާޒީ ބަންޑާރައިން" މި ފިލްމުންނެވެ. މި ފިލްމުން ފެނުނު ޗިޅިޔާގެ ފުރަތަމަ ފެނިލުމުންވެސް އޭނާއަކީ، ފިލްމީ ދާއިރާގައިވެސް މުސްތަޤްބަލެއް އޮތް ބޭފުޅެއްކަން ކަށަވަރުވެގެންދިޔައެވެ. އެ ފިލްމުގައި އޭނާ އަދާކުރައްވާފައިވާ ވިޔަޒޯރުގެ ބަޔަށް، ގިނަ ބައެއްގެ ތަޢުރީފު ލިބިގެންދިޔައީ، ޙަޤީޤަތާ އެއްގޮތަށް އޭނާ އެ ދެއްކެވި މޮޅު ހުނަރުގެ ސަބަބުންނެވެ.

ފިލްމީ ދާއިރާއަށް ޗިޅިޔާ މޫސާ މަނިކަށް ވެދެވަޑައިގެންނެވުނީ، ތަމްސީލު ކުޅުއްވުމުގެ ދާއިރާގެ ތެރެއިންނެވެ. އެއީ 1977 ވަނަ އަހަރުއެވެ. މަޖީދިއްޔާ ސްކޫލްގެ ގޯލްޑަން ޖުބިލީ ފާހަގަކުރެއްވިއިރު ބޭއްވި ސްޓޭޖް ތަމްސީލު ޝޯތަކުންނެވެ. އޭގެފަހުން، އެކި ފަރާތްތަކުން ބޭއްވި ތަމްސީލު ޝޯތަކުގައިވެސް ޗިޅިޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. ތަމްސީލު ކުޅުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު، 1983 ވަނަ އަހަރު ސަރުކާރުން އޭނާއަށްވަނީ ދެއްވާފައެވެ.

ފިލްމީ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވަން ފެށްޓެވިފަހުން މިއަދާ ހަމައަށް ތަފާތު އެތައް ފިލްމެއްގައި އޭނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މިފިލްމުތަކުގައި ތަފާތު އެތައް ރޯލެއް އޭނާ ވަނީ ކުޅުއްވާފައެވެ. މިހާތަނަށް 50 އަށްވުރެ ގިނަ ފިލްމުގައި ތަފާތު އެކިބައިތައް އޭނާ ވަނީ އަދާކުރައްވާފައެވެ. މީގެއިތުރުން، 30 އަށްވުރެ ގިނަ ޑްރާމާގައިވެސް އޭނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

 ޗިޅިޔާ މޫސާ މަނިކަށް "އާފަތިސް" އެވޯޑްވެސް ވަނީ ލިބިވަޑައިގެންފައެވެ. މިގޮތުން، އެންމެމޮޅު ދިވެހި ވާހަކައާއި، އެންމެ މޮޅު ޑައިލޮގް ލިޔުއްވައިގެން ދިވެހި ފިލްމު "ޒަޚަމް" އިން 1995 ވަނަ އަހަރު ބެސްޓް ޑައިލޮގް، ބެސްޓް ސްޓޯރީގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. އަދި 1996 ވަނަ އަހަރު ބެސްޓް ސަޕޯޓިންގ އެކްޓަރުގެ މަގާމު، ފިލްމު "ހަގު އަނބި"ން އޭނާ ހޯއްދަވާފައިވެއެވެ. މިރޮނގުން އޭނާ އެންމެ ފަހުން ޙާޞިލު ކުރެއްވި ކާމިޔާބީއަކީ، "މިއަދު" ނޫހުގެ ކްރިސްޓަލް އެވޯޑް 2008ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެވެ.

ފިލްމީ ދާއިރާގައި މިއަދާ ހަމައަށްވެސް ޗިޅިޔާ މޫސާ މަނިކު ދެމިހުންނެވީ، މިދާއިރާއަށް އޭނާގެ ހިތްޕުޅުގައި އުފެދިފައި އޮތް ބޮޑު ޝައުޤުވެރިކަމުގެ ސަބަބުންނެވެ. ފާހަގަކޮށްލެވޭ އެއްކަމަކީ، އެއްވެސް އަގަކާ ނުލައި ވަރަށްގިނަ ދިވެހި ފިލްމާއި ޑްރާމާގައި މަސައްކަތް ކޮށްދެއްވާފައިވާ ކަމެވެ. ހަމައެއާއެކު، ދިވެހި ފިލްމީ ދާއިރާއަށާއި، މުނިފޫހިފިލުވުމުގެ ދާއިރާއަށް މިވޭތުވެދިޔަ ތާނގައި ނުކުތް ދެޖިންސުގެ އެކި ޢުމުރުގެ ފަންނާނުންނަށް މިދާއިރާއިން ކުރިއަށް ދެވޭނެ ގޮތްތައް ފަހިކޮށްދެއްވައި، އެކަމުގެ ހުނަރު ދަސްކޮށްދެއްވުމުގައިވެސް ޗިޅިޔާވަނީ، ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.

2009ވަނަ އަހަރު އޭނާއަށްވަނީ ފިލްމާއި ތަމްސީލު ކުޅުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.