ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަންޖެހުމާއި، ރަށްރަށުން މާލެގެންނަންޖެހުން މަދުކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ މިއަދު އިންދްރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި މާލެއާ އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރި މަސައްކަތަކީ ވަރަށް ކާމިޔާބު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ. އަދި ޚާއްޞަކޮށް ސަރަހައްދީ ހޮސްޕިޓަލްތަކާ ރަށްރަށުގައި އައު ޚިދުމަތްތައް ފެށުމާއި ޚިދުމަތްތައް ފުޅާކޮށް، ޞިއްހީ ޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވުން ކުޑަކުރުމަށް އައިޖީއެމްއެޗްއިން ލިބުނު އެއްބާރުލުމާއި ފުރިހަމަ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި އެ ހޮސްޕިޓަލުގެ އިސްވެރިންނާއި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ އައިޖީއެމްއެޗްގައި ތަޢާރަފުކުރި އައު ޚިދުމަތްތައް އިތުރަށް ފުޅާކުރުމާއި އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރާ ޓާޝަރީ ހޮސްޕިޓަލްތަކާއި ސަރަހައްދީ ހޮސްޕިޓަލްތަކާ އައިޖީއެމްއެޗް ގުޅިގެން، ޞިއްޙީ ޚިދުމަތް ހޯދުމަށް ރަށްރަށުން މާލެއައުން މަދުކުރުމާއި ޞިއްޙީ ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުން މަދުކުރެވޭނެގޮތަށް އަދިވެސް ބާރުލާ އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމުގައެވެ.މީގެ އިތުރުން އެމަނިކުފާނު ވަނީ ޚާއްޞަކޮށް ޚިދުމަތްހޯދަން އަންނަ ފަރާތްތަކާ މުވާމަލާތުކުރުމުގައި އޯގާތެރިކަން އިސްކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަންދިނުމަށް މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި އައިޖީއެމްއެޗްގެ އިސްވެރިން ވަނީ ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރުމަތިކުރުމާއި ޚިދުމަތް ފުޅާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި ޚިދުމަތްދިނުމުގައި ކުރިމަތިވާ ދަތިތަކާގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. އެގޮތުން އޮންލައިންކޮށް ގިނަ ޚިދުމަތްތައް ހޯދޭނެގޮތަށް ސޮފްޓްވެއަރއަށް ގެންނަ ބަދަލުތަކާއި ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތްތަކާގުޅޭ މަޢުލޫމާތާއި މުވައްޒަފުންގެ ދަތިކަމާއި އަދި މާލީގޮތުން ކުރިމަތިވާ ދަތިތައް ހޮސްޕިޓަލުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހޮސްޕިޓަލުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކޮށްގެން މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އައިޖީއެމްއެޗްގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު ވަނީ އައިޖީއެމްއެޗްގެ ސްޓްރޯކް ސެންޓަރާއި ސެންޓަރ ފޯ މެންޓަލް ހެލްތައް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ޚިދުމަތްދިނުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ.