ނިއުޒީލޭންޑުގެ އެންމެ ބޮޑު ރަށް އޯކްލޭންޑުން ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނުމާ ގުޅިގެން މުޅި ގައުމު ލޮކްޑައުންކުރަން ބޮޑުވަޒީރު ޖެސިންޑާން ނިންމަވައިފިއެވެ. މިއީ 6 ދުވަހަށް ފަހު ނިއުޒީލޭންޑުން ކޮވިޑް-19 ފެނުނު ފުރަތަމަ ފަހަރެވެ.
ޕްޒިޓިވް މީހާއަކީ އޮސްޓްރޭލިޔާގެ ސިޑްނީގެ ފެތުުރެމުންދާ ޑެލްޓާ ވޭރިއަންޓާ ގުޅުން ހުރި މީހެކެވެ. ހެލްތު މިނިސްޓްރީން ކަށަވަރުކޮށްދީފައިވާ ގޮތުގައި އުމުރުން 58 އަހަރުގެ އެމީހާއަކީ އޯކްލޭންޑްގެ ޑެވޮންޕޯޓް އަވަށުގައި ދިރިއުޅޭ ވިޔަފާރިވެރިއެެކެެވެ.
މުޅި ނިއުޒީންލޭންޑު އަންގާރަދުވަހުގެ ރެއިން ފެށިގެން 3 ދުވަހަށް ލޮކްޑައުން ކުރާއިރު، އޯކްލޭންޑާއި، ބައްޔަށް ޕޮޒިޓިވްވި މީހާ ވަގުތު ހޭދަކުރި އަނެއް ރަަށް ކަމަށްވާ ކޮރޮމަންޑެލް އެއް ހަފުތާއަށް ލޮކްޑައުން ކުރާނެއެވެ.
އެންމެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއެކު ލޮކްޑައުން ކުރި ނަމަވެސް، އޭނާއާ ކޮންޓެކްޓްވި 10 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
"އަހަރުމެންނަށް އިތުރު ކޭސްތައް މިދަނީ ފެންނަމުން.... މިއަދުގެ ޕްރެސް ކޮންފަރެންސަށް ފަހުވެސް އިތުރު ޕޮޒިޓިވް ކޭސްތައް ފެނިފައިވާކަން އަހަރެންނަށް ޔަގީންކޮށްދެވިދާނެ،" މިނިސްޓަރ އޮފް އެޑިޔުކޭޝަން އަދި ކޮވިޑް-19 ރެސްޕޮންސް މިނިސްޓަރ ކްރިސް ހިޕްކިންސް ވިދާޅުވިއެވެ.
ބޮޑުވަޒީރު ޖެސިންޑާ އާޑާން ވިދާޅުވިގޮތުގައި ޕޮޒިޓިވްވާ މީހުން އިތުރުުވުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. އެއީ ޕޮޒިޓިވް މީހުން ރަށުތެރޭ އެކި ތަންތަނަށް ގޮސްފައިވާތީއެވެ.
"އަހަރުމެން މިތިބީ ކޭސްތައް އިތުރުވާނެކަން ޔަގީންކޮށްގެން" ބޮޑުވަޒީރު ވިދާޅުވިއެވެ.
"އެމީހުން ވަރަށް ގިނައިން ނުކުމެ ތަންތަނަށް ގޮސް ހަދާފައިވޭ. އަހަރެން ލަފާކުރާ ގޮތުގައި މިކަމާ ގުޅުން ހުރި ވަަރަށް ގިނަ ތަންތަން ވާނެ. އެންމެންވެސް މިކަމާމެދު ވިސްނާ ތިބުން ވަރަށް މުހިއްމު." ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު އޭޝްލީ ބްލޫމްފީލްޑް ވިދާޅުވިއެވެ.
ޕޮޒިޓިވްވި މީހުން ދިޔަ ތަންތަނުގެ ތެރޭގައި ކެސީނޯއަކާ ފައްޅިއަކާއި، ސިނަމާާމާއި، އޯކްލޭންޑްގެ ބައެއް ޝޮޕިންގ ސެންޓަރު ހިމެނެއެވެ.
ލޮކްޑައުން ކުރުމާއެކު ބޭރަށް ނުކުންނަ އިރު މާސްކު އެޅުންވެސް ވަނީ މަޖުބޫރުކޮށްފައެވެ. އުމުރުން 12 އަހަރުން މަތީގެ މީހުންނަށް މިހާރު ބޭރުގައި އުޅެވޭނީ މާސްކުއަޅައިގެންނެވެ.