ހިޔާ ފްލެޓް : ޢިމާރާތުގެ އޮނިގަނޑަށް ބަދަލެއް ނުގެނެވޭނެ - އެޗްޑީސީ

ހިޔާ މަޝްރޫޢުގެ އެޕާޓްމަންޓުތަކުގެ އެތެރޭގެ މަސައްކަތް ކުރިއަށްގެންދާއިރު އެޕާޓްމަންޓުތައް ލިބުނު މީހުން އަމިއްލައަށް ޢިމާރާތުގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ގެނައުމަކީ މަނާކަމެއްކަމަށް އެޗްޑީސީން ވިދާޅުވެއްޖެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިކަން ހާމަކުރައްވާފައިވަނީ  އެޕާޓްމަންޓުތަކުގެ އެތެރޭގެ ފިނިޝިންގ މަސައްކަތައްކުރުމުގައި ޢަމަލުކުރާނެގޮތުގެ ޢުސޫލުގައެވެ. މިއުސޫލު މިހާރުވަނީ ޢާއްމުކޮށްފައެވެ.

މި އުސޫލުގައި ވާގޮތުން ޢިމާރާތުގައި އެއްވެސް މަސައްކަތެއް ކުރެވޭނީ އެޗްޑީސީގެ ހުއްދައާއެކުއެވެ. މިކަން ކުރެވޭނީ މިކަމަށް ޚާއްސަ ފޯމެއް މެދުވެރިކޮށެވެ. މި ފޯމު ، އެޕާޓުމަންޓުތައް ޙަވާލުކުރުމުގެ މަރުހަލާގައި ހަވާލުކޮށްފައިވާނެކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީގެ އުސޫލުގައި ވާގޮތުން އެޕާޓުމަންޓުތަކުގެ އޮނިގަނޑަށް އެއްވެސް ޒާތެއްގެ ބަދަލެއް ގެނައުމަކީ މަނާކަމެކެވެ. އޭގެތެރޭގައި ފާރެއް ތަޅާލައިގެން ކޮޓަރި ވަކިކުރުން ނުވަތަ ގުޅުވުމަކީވެސް މަނާކަމެކެވެ. އެހެންނަމަވެސް  ޢިމާރާތުގެ އެތެރޭގެ ދޮރުތައް ހުރިތަނުން އެހެން ތަނަކަށް ބަދަލުކުރަން ބޭނުންވާނަމަ އެޗްޑީސީގެ ހުއްދައާއެކު އެކަން ކުރެވިދާނެއެވެ.  އެޕާޓުމަންޓުތަކުގެ ފިނިޝިންގ މަސައްކަތުގައި ކަންކަން ކުރިއަށްގެންދާނެ ގޮތް މިއުސޫލުގައި ހިމަނާފައިވެއެވެ.

ހިޔާގައި ހިމެނެނީ 25ބުރީގެ 16 ޓަވަރެވެ. މި މަޝްރޫޢުގައި ޖުމުލަ ޖުމްލަ 6720 އެޕާޓުމަންޓު ހިމެނެއެވެ. މިދިޔަމަހުގެ 14ވަނަ ދުވަހުންފެށިގެން އެއްބަސްވުމުގައި ސޮއިކޮށް އެޕާޓްމަންޓުތަކުގެ ވެރިންނާ ތަން ހަވާލުކުރުމުގެ މަސައްކަތް އެޗްޑީސީން ވަނީ ފަށާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.