ޒެމްބިޔާގައި ބޭއްވި ރިޔާސީ އިންތިޚާބު އިދިކޮޅު ލީޑަރު ހަކައިންޑޭ ހިޗިލޭމާ ކާމިޔާބުކުރައްވައިފިއެވެ.
ގައުމަށް އިގުތިސާދީ ދަތިތައް ކެމްޕޭނުގެ އެންމެ މުހިއްމު މައްސަލައެއްގެ ގޮތުގައި އޮތް، ދޭތެރެ ދޭތެރެއިން ހަމަނުޖެހުން ހިނގި އިންތިޚާބު ބާއްވާފައި ވަނީ މި އޮގަސްޓު މަހުގެ 12 ވަނަ ދުވަހުއެވެ. އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ހިޗިލޭމާ ވަނީ 2.81 މިލިއަން ވޯޓު ހޯއްދަވާފައެވެ. އެއީ ވޯޓުގެ %59.38 އެވެ. ރައީސު އެޑްގާ ލުންގޫއަށް ލިބިވަޑައިގަތީ 1.18 މިލިއަން (38.33%) ވޯޓެވެ.
"އެހެންކަމުން އިސްވެ ދެންނެވުނު ހަކައިންޑޭ ހިޗިލޭމާ އަކީ ޒެމްބިޔާގެ އިންތިޚާބީ ރައީސު ކަމުގައި އަހަރެން ކަނޑައަޅައިފީމެވެ." ނަތީޖާ އިއުލާންކުރައްވަމުން އިލެކްޓޯރަލް ކޮމިޝަންގެ ރައީސު އެސާއު ޗޫލޫ ވިދާޅުވިއެެވެ.
2016 ގައި އޮތް ރިޔާސީ އިންތިޚާބުގައި ލުންގޫއާ ވާދަކުރައްވައި ހިޗިލޭމާ ބަލިވެވަޑައިގަތީ އެއް ލައްކަ ވޯޓުގެ ތަފާތުންނެވެ. މި ފަހަރު އޭނާ ލުންގޫ ބަލިކުރައްވާފައި ވަނީ އެއް މިލިއަން ވޯޓުގެ ތަފާތުންނެވެ. އުމުރުން 59 އަަަހަރުގެ ހިޗިލޭމާ ވަނީ ރިޔާސީ އިންތިޚާބުގައި ވިދިވިދިގެން 6 ފަހަރު ވާދަކުރައްވާފައެވެ. އޭގެތެރޭން 3 ފަހަރު ވާދަކުރައްވާފައި ވަނީ ރައީސު ލުންގޫއާއެވެ.
އެފްރިކާގެ ދެކުނު ފަރާތުގައި އޮންނަ ޒެމްބިޔާގައި މި ފަހަރު ބޭއްވި އިންތިޚާބާ ރައީސު ލުންގޫ ކުރިމަތިލެއްވީ ގައުމަށް ދިމާވެފައިވާ އިގުތިސާދީ ދަތިތަކާ، ދިރިއުޅުމަށް ކުރަންޖެހޭ ހޭދަތައް ބޮޑުވުމާ، އިދިކޮޅު ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމުގެ ސަބަބުން ރުޅިއައިސްފައިވާ ރައްޔިތަކާއެވެ.
"އާއްމުން ބުނަނީ އެމީހުންލީ އިހުތިޖާޖުގެ ވޯޓެއް ކަމަށް. އުއްމީދާއި ބަދަލަށް އެދި ލީ އިހުތިޖާޖުގެ ވޯޓެއް ކަމަށް." ޒެމްބިޔާގަައި ހަރަކާތްތެރިވާ ބޭރުގެ ނޫސްވެރިއަކު ބުނެފައި ވެއެވެ.
އިންތިޚާބުގެ ނަތީޖާ ސާފުވުމާއެކު ހިޗިލޭމާ ވަނީ ސުލްހަވެރިކަމަށް ގޮވައިލައްވާފައެވެ.
"އަހަރުމެން އެ ބަދަލަކަށް ވޯޓުލީ ބަދަލު އަހަރުމެން ގެންނަމާ ހިނގާ. އިންސާނިއްޔަތުގެ ސިފަތައް ކަމުގައިވާ ލޯބިވުމާއި، ސުލްހަވެރިކަމާއެކު އެކުގައި އުޅުމުގެ ސިފަ އިޚްތިޔާރުކުރަމާ." ހަަކައިންޑޭ ހިޗިލޭމާ ވިދާޅުވިއެވެ.
އިދިކޮޅު ޔުނިޓެޑް ޕާޓީ ފޯ ނޭޝަަނަލް ޑިވެލޮޕްމަންޓް (ޔޫޕީއެންޑީ) ގެ ފަރާތުން ވާދަކުރެއްވި ހިޗިލޭަމާއަށް އިދިކޮޅު 10 ޕާޓީއަކުން ވަނީ ތާއީދުކޮށްފައެވެ.
އިންތިޚާބުގެ ކަންކަން ބެއްލެވި ބައިނަލްއަގުވާމީ އޮބްޒާވަރުންވެސް ވަނީ ދެފުށްފެންނަ ސުލްހަވެރި އިންތިޚާބެެއް ބާއްވާފައިވާތީ އެކަމަށް ތައުރީފުކޮށްފައެވެ. 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %57.7 ވޯޓުލީއިރު، މިފަހަރުގެ އިންތިޚާބުގައި %70.9 ވަނީ ވޯޓުލާފަައެވެ.
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ދެކުނުން މެދުތެރޭ-ދެކުނު އެފްރިކާގައި އޮންނަ ރިޕަބްލިކް އޮފް ޒެމްބިޔާއަކީ އިނގިރޭސި އިސްތިއުމާރުގެ ދަށުގައި ދިގު މުއްދަތަކަށް އޮތުމަށް ފަހު 1964 ގައި މިނިވަންވި ގައުމެކެވެ. ބޮޑުމިނުގައި 7 ލައްކަ 52 ހާސް އަކަކިލޯމީޓަރު ހުންނަ ޒެމްބިޔާގެ އާބާދީއަކީ 17.35 މިލިއަނެވެ.