ތުރުކީގެ ފެންބޮޑުވުމުގައި މަރުވި މީހުންގެ އަދަދު 51 އަށް

ފެންބޮޑުވުމުގައި ކަސްޓަމޮނޫ ޕްރޮވިންސަށް ލިބިފައިވާ ބައެއް ގެއްލުން

ތުރުކީގެ ޑިޒާސްޓާ އެންޑް އެމެޖެންސީ މެނޭޖްމަންޓް އޮތޯރިޓީ (އަފާޑް) އިން ބުނާ ގޮތުގައި އެގައުމުގެ އުތުރުގައި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަރުވި މީހުން އަދަދު 51 އަށް އަރައިފިއެެވެ.

ބްލެކް ސީ (ކަޅު ކަނޑު) ގެ އައްސޭރީގައި އޮންނަ ބާރްޓިން، ކަސްޓަމޮނޫ އަދި ސިނޮޕް ޕްރޮވިންސަަށް ބޯކޮށް ވާރޭވެރި އާދަޔާ ޚިލާފަށް ފެންބޮޑުވުމުގެ ސަަބަބުން ގިނަ ގެތަކެއް ފުނޑުފުނޑުވެ، މަދުވެގެން 5 ބުރިޖެއް ހަލާކުވެ، ގިނަ މަގުތަކެއް ވަނީ ބަންދުވެފައެވެ.

މީހުން ސަލާމަތްކުރާ ޓީމުތަކުން ދަނީ ކުއްތާގެ އެހީގައި އިމާރާތްތަކުގެ އަޑީގައި ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަފާޑުން ބުނި ގޮތުގައި މީހުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތުގައި 5188 މީހުން، 27 ކުއްތާ، 19 ހެލިކޮޕްޓަރު އަދި 2 މަތިންދާބޯޓު ދަނީ ހަރަކާތްތެރިވަމުންނެވެ.

"މިވަރުގެ ފެންބޮޑުވުމެއެް ކުރިން ފެނިފައި ނުވޭ. ކަަރަންޓެއް ނެތް. މޯބައި ފޯނުތައް މަސައްކަތެއް ނުކުރޭ. ސިގްނަލެއް ނުލިބޭ. އެއްވެސް ފަރާތަކުން މައުލޫމާތު ލިބޭނެ ގޮތެއް ނެތް." ކަސްޓަމޮނޫ ޕްރޮވިންސްގެ ބޮޒްކުރްޓު އަވަށުގައި ދިރިއުޅޭ އުމުރުން 42 އަހަރުގެ އިލްޔާސް ކަލަބަލިކް ބުންޏެވެ. ބޮޒްކުރްޓު ކައިރީ ސަރަަހައްދުތަކަށް ތިން ދުވަހަށްވުރެ ކުރު މުއްދަތެއްގައި 45 ސެންޓިމީޓަރުގެ (18 އިންޗީގެ) ވާރޭ ވެހިފައި ވެއެވެ.

ފެންބޮޑުވެފައިވާ ސަރަހައްދުން 2250 ވަނީ ސަލާމަތްކޮށްފަައެވެ. ބައެއް މީހުން ނަގާފައިވަނީ ހެލިކޮޕްޓަރުގެ އެހީގައި ގޭގޭގެ ފުރާޅުމަތިންނެވެ.

އަވަސް އެހީ ފޯރުކޮށްދޭ ފަރާތްތަކުން މައުލޫމާތުދޭ ގޮތުގައި 240 ކިލޯމީޓަރު ފުޅާ ސަރަހައްދެއްގައި ފެންގަނޑު ވަރަށް ބޮޑުވިއިރު، ބައެއް ހިސާބުތަކުގައި ފެންގަނޑު 4 މީޓަރަށް (13 ފޫޓަށް) އުފުލުމަށް ފަހު ތިރިވިއިރު ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެ ސަރަހައްދުގެ 200 އަަވަށެއްގައި އަދިވެސް ކަރަންޓު ނެތެވެ.  

އުތުރު ތުރުކީއަށް ފެންބޮޑުވުމުގެ ކާރިސާ ކުރިމަތިވެފައި މިވަނީ ދެކުނު ތުރުކީގެ ޖަންގަލިތަކުގައި ރޯވެ ބޮޑު ބައެއް އަނދައިގެން ދިއުމުގެ ސަބަބުން ކުރިމަތިި ކާރިސާއިން އެ ގައުމަށް އަރައިނުގަނެވިގެން އުޅެނިކޮށެވެ.

ރައީސު ރަަޖަބް ޠައްޔިބް އެރްދޮޣާން ވަނީ ފެންބޮޑުވުގައިި އެންމެ ބޮޑަށް ގެއްލުންވި އެއް އަވަށް ކަމުގައިވާ ބޮޒްކުރްޓަށް އިއްޔެ ޒިޔާރަތްކުރައްވައި އެ ސަރަހައްދުގެ ހާލަތު ބައްލަވާލައްވާފައެވެ.

"ގެއްލިގެން ދިޔަ މީހުން އަަހަރުމެންނަށް އަނބުރައި ނުގެނެވޭނެ. އެެހެންނަމަވެސް، އެހެން ހުރިހާ ގެއްލުމަކުން އަރައިގަތުމުގެ ބާރު އަހަރުމެންގެ ގައުމުގައި އެބަހުރި." ބޮޒްކުރްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސު އެރްދޮޣާން ވިދާޅުވިއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.