މިފޮޓޯ ތަކުގައި އެވަނީ ޖޯނޯ ލެންކެސްޓަރ އާއި އޭނާގެ ރީތި އަނބިމީހާ ލޯރާއެވެ. ޖޯނޯގެ މަންމަ ޖޯނޯއަށް ބަލިވެ އިނދެ ކުރީ ފޮނި އިންތިޒާރެކެވެ. ބައްޕަވެސް ދަރިފުޅު އަންނާނެ ދުވަހަކަށް ދިޔައީ އިންތިޒާރު ކުރަމުންނެވެ. އާއިލާއަށް އަންނަ ދަރިފުޅަށްޓަކައި ދިޔައީ ތައްޔާރު ވަމުންނެވެ. ޖޯނޯ ވިއްސަން ދެމަފިރިން ހޮސްޕިޓަލަށް ދިޔައެވެ. ޖޯނޯ ވިހައިފިއެވެ.
ނުވަ މަސް ދުވަހުގެ ފޮނި އަދި ދިގު އިންތިޒާރަށް ފަހު ދުނިޔެއަށް އައި ދަރިފުޅު ދެކިލާހިތުން ޖޯނޯގެ މަންމަ އާއި ބައްޕަ ތިބީ ކެތް މަދުވެފައެވެ. ނަމަވެސް ކަންތައް ދިމާވީ އެ ދެމަފިރިން ހީކުރި ގޮތަކަށް ނޫނެވެ. ދަރިފުޅަށް ބަލާލި ފުރަތަމަ ފަހަރުވެސް ދެމަފިރިންނަށް ލިބުނީ ކުއްލި ޝޮކެކެވެ. ފެނުނީ ސިފަ ހުތުރު މޫނު މަތި އައިބުވެފައިވާ ތަނެވެ. ލޯބިލޯބި ރީތި ސިފައެއްގެ ދަރިޔަކަށް ކުރި ހުރިހާ އުންމީދެއް ފެނަށް ދިޔުމާއެކު ދެމަފިރިން މާޔޫސްވިއެވެ. އެންމެ ފަހުން ދެމަފިރިން ނިންމީ އުފަން ދަރިއެއް ނަމަވެސް އެހާ ސިފަ ހުތުރު އައިބުވެފައިވާ ކުއްޖަކަށްވާތީ އެކުއްޖާ ނުބަލައި ދޫކޮށްލާށެވެ. އެހެންވެ ޖޯނޯގެ މައިންބަފައިން ވަނީ އޭނާ އުފަންވިތާ އެންމެ 36 ގަޑިއިރުގެ ތެރޭގައި ދަރިފުޅު ނުބަލަން ވެގެން ދޫކޮށްލާފައެވެ. އެދެމަފިރިން ގަބޫލުކުރީ ޖޯނޯއަކީ އެމީހުންގެ ދިރިއުޅުމުގެ ބަދުނަސީބު ކަމަށެވެ. އެމީހުންގެ މައްޗަށް ހުރި އުދަނގުލެއް ކަމަށެވެ.
ޖޯނޯގެ ސިފަ ހުތުރުވީ މަންމަގެ ބަނޑުގައި ވަނިކޮށް އޭނާއަށް ޖެހުނު ބައްޔެއް ކަމަށްވާ ޓްރީޗަރ ކޮލިންސް ސިންޑްރަމްގެ ސަބަބުންނެވެ. މިއީ އާއިލީ ގޮތުން ވާރުތަވާ ބައްޔެކެވެ. ނަމަވެސް ވަރަށް މަދުން ނޫނީ މިބަލި ވާރުތަނުވެއެވެ. ސިއްޙީ މާހިރުން ބުނާގޮތުގައި މިބަލި އާއިލީ ގޮތުން ވާރުތަ ވަނީ ކޮންމެ ފަންސާސް ހާހަކުން އެކަކަށެވެ. މިބަލި ޖެހުމުން މޫނުމައްޗާއި، ދަތްދޮޅި އާއި އެ ސަރަހައްދުގެ ހުރިހާ ކަށަތިތަކާއި މަސްތަކާއި ޓީޝޫ ތަކަށް ބަދަލު އާދެއެވެ.
ޖޯނޯގެ މައިންބަފައިން އޭނާގެ ސިފަ ހުތުރު ކަމުން ނުބަލަން ދޫކޮށްލުމުން އޭނާ ބަލަން ހަވާލުވީ ޖީން ކިޔާ އަންހެނެކެވެ. އެހެންވެ ޖޯނޯގެ ހަޔާތުގެ އެންމެ ތުއްތުއިރު އޭނާގެ ބެލުމާ ހަވާލުވެ މަންމައެއްގެ ލޯބި ދިނީ ޖީންއެވެ. ނަމަވެސް ޖީން ވަނީ ޖޯނޯގެ މައިންބަފައިން ޖޯނޯއާ ހަވާލުވޭތޯ ވަރަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ޖޯނޯގެ މައިންބަފައިންގެ ވިސްނުމުގައި ޖޯނޯ އެއްވެސް މިންވަރަކަށް ނެތްކަން ކަށަވަރު ވުމުން ޖީން ވަނީ ގާނޫނީ ގޮތުން ޖޯންގެ ބެލެނިވެރިކަމާ ހަވާލުވެ ދަރިޔަކަށް ހަދާފައެވެ. ޖީން ކައިރީގައި ހުރެ ލޯބިލިބިގެން ޖޯނޯ ބޮޑުވަމުން އައީ އޭނާގެ މައިންބަފައިން އޭނާގެ ސިފަހުތުރު ކަމުން އޭނާ ނުބެލިކަން އެނގިހުރެއެވެ. އެހެންވެ އެއީ ޖޯނޯގެ ހަޔާތުގެ އެންމެ ހިތްދަތި ދުވަސްކޮޅެވެ.
މިއަދު ޖޯނޯއަކީ ޒުވާނެކެވެ. ޖީންގެ ތަރުބިއްޔަތާއެކު ޖޯނޯ ބޮޑުވެ ޒުވާނަކަށް ވީއިރު އޭނާ ވެފައި ވަނީ ނަމޫނާ ޒުވާނަކަށެވެ. މައިންބަފައިން އެދުވަހު ބަދުނަސީބަކަށް ބެލި ޖޯނޯ މިއަދު ވެފައި ވަނީ ނަސީބުވެސް ވަރަށް ރަނގަޅު ޒުވާނަކަށެވެ.
" އަހަރެންގެ ދަތްދޮޅީގައި ކަށްޓެއް ނެތް، އަހަރެންގެ ދެލޯވެސް ހުންނަނީ ތިރިއަށް އެލިފަ، އަހަރެންގެ ކުޑަކުޑަ ކަންފަތްދެކެ އަހަރެން ވަރަށް ލޯބިވޭ، ރޭގަނޑުވެސް އަހަރެންގެ ކަންފަތަށް ފިންޏެއް ނުވޭ، އެކަމަކުވެސް އަހަރެން އަޑުއެހުމަށް ހިޔަރިންގ އެއިޑް އެއް ބޭނުން ކުރަން" ބީބީސީގައި ވާހަކަ ދައްކަމުން ޖޯނޯ އަމިއްލައަށް އޭނާ ސިފަކޮށްދެމުން ބުންޏެވެ.
އުފެދުމުގައި އައިބުހުރި ކުދިންނާއި މީހުންނާ ބައްދަލު ކުރުން އެއީ މިއަދު ޖޯނޯ އެންމެ ގަޔާވާ ކަންތަކެވެ. އެހެންވެ އޭނާ އަބަދުވެސް ދަނީ އެފަދަ ކުދިންނާ ބައްދަލުކޮށް މަޖާ ވަގުތު ކޮޅެއް ހޭދަކުރަމުންނެވެ. ޖޯނޯ މިއަދު އޭނާގެ ސިފަ އެއީ އޭނާގެ ކުރިއެރުމަށް މައްސަލައެއް ނޫނެވެ. ހަގީގަތުގައި އެ ބަލީގެ ސަބަބުން މޫނުމަތި އައިބުވީ ނަމަވެސް ވިސްނުމާއި ތޫނުފިލި ކަމަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. އެހެންވެ ޖޯނޯވެސް މިއަދު ދަނީ ފަސް ނުބަލައި ކުރިޔަށެވެ.
މޫނުމަތީގައި އައިބުކަން ހުރިނަމަވެސް ހަށިގަނޑު ފިޓްކޮށް ބަހައްޓައި ރީތި ހަށިގަނޑެއްގެ ޒުވާނަކަށް ވުން އެއީ ޖޯނޯ އެންމެ ބޭނުންވާ ގޮތެވެ. އެގޮތުން ޖިމަށް ގޮސް ހަށިގަނޑު ރީތިކޮށް ބަހައްޓަންވެސް އޭނާ ޝައުގުވެރިކަމާއެކު ކުރިޔަށް ގެންދެއެވެ. ނަމަވެސް އޭނާ ބޮޑުވަމުން އައިއިރު ކުރެވުނު އިޙްސާތައް ތަފާތެވެ. އޭނާއަށް އޭރު ހީކުރެވިފައި އޮތީ އޭނާފަދަ އެހެން މީހަކު ދުނިޔޭގައި ނޫޅޭނެ ކަމަށެވެ. އަދި އޭނާއަކީ އެކަނިވެރިޔެއް ކަމަށެވެ. ޖީންގެ ފަރާތުން މަންމައެއްގެ ލޯބި ލިބުނު ނަމަވެސް އޭނާ އިޙްސާސްތައް ހުރީ އެހެންނެވެ. އަދި އޭނާއަށް އިޙްސާސް ކުރެވުނީ އޭނާއަކީ ވަރަށް ބޮޑު ބަދުނަސީބުވެރިޔެއް ކަމަށެވެ. މިއަދު ޖޯނޯ އައިސް އެހުރި ހިސާބަށް އާދެވޭނެ ކަމަށް އޭނާ އޭރު ކުޑަކޮށްވެސް ހިޔެއް ނުކުރެއެވެ. މިއަދުވެސް ޖޯނޯއަށް އެ ޚިޔާލު ތަކާއި އެ އިޙްސާސްތަކުން އަރައިނުގަނެވެއެވެ.
ޖޯނޯގެ އެ އިޙްސާސްތައް އަދިވެސް އޭނާ ވަށައި އެނބުރޭއިރު އޭނާ ދަނީ އައިބު ކުދިން ލިބިފައިވާ މައިންބަފައިންނަށް ހިތްވަރުދީ، އެފަދަ ކުދިން މުޖުތަމައުއިން ބާކީ ނުކޮށް މައިންބަފައިންގެ ލޯތްބާއި އަޅާލުން ދިނުމަށް ނަސޭހަތްތެރި ވަމުންނެވެ. އެފަދަ ކުދިންގެ މައިންބަފައިންނާ އޭނާ ވީވަރަކުން ބައްދަލު ކުރެއެވެ.
ޖޯނޯގެ ހަޔާތް މުޅިން ބަދަލުކޮށްލައި އޭނާއަށް ކުރިމަތިވެފައިވާ ނަފްސާނީ މައްސަލަތަކުންވެސް ދުރުކޮށް އޭނާއަށް އެހީތެރިވުމުގައި މިއަދު އޭނާގެ އެންމެ ކައިރީގައި ހުރީ ޖީންއެއްނޫނެވެ. ނުލާހިކު ރީތި ސިފައެއް ލިބިފައިވާ އޭނާގެ އަނބިމީހާއެވެ. މިއީ މިހާތަނަށް އޭނާއަށް ލިބުނު އެންމެ ބޮޑު ނަސީބެވެ. ލޯރާއެވެ. ލޯރާގެ ފަރާތުން ޖޯނޯއަށް ހިފެހެއްޓުމެއްނެތި ލޯތްބާއި އަޅާލުން ލިބެއެވެ. އެދެމަފިރިން މިހާރު ވަނީ ވަރަށް އަގުބޮޑު ގެޔެއްވެސް ވެސްޓް ޔޯކްޝިޔާއިން ގަނެ އުފާވެރި ދިރިއުޅުމެއް ފަށާފައެވެ.