އީރާނުގެ އާ ރައީސު ރައީސީ އޭނާގެ ކެބިނެޓު ގާނޫނުހަދާ މަޖިލީހަށް ހުށަހަޅުއްވައިފި

އީރާނުގެ ޚާރިޖީ ވަޒީރުކަމަށް އަލަށް އައްޔަންކުރެއްވި ޙުސައިން އަމީރުޢަބްދުއްލަހްޔާން

މި އޮގަސްޓު މަހުގެ 3 ވަނަ ދުވަހު އީރާނުގެ ރައީސު ޙުއްޖަތުލް އިސްލާމް އިބްރާހީމް ރައީސީ އޭނާގެ ކެބިނެޓަށް ގާނޫނުހަދާ މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅުއްވައިފިއެވެ.

މައިގަނޑު ގޮތެއްގައި ހުޅަނގާ ދެކޮޅު ހަރުކަށި ޚިޔާލުގެ ބޭފުޅުން ތިއްބެވި ކެބިނެޓުގައި އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ އާ ފޮރިން މިނިސްޓަރެވެ. އޭނާއަކީ ރައީސީގެ ވެރިކަމުގައި އީރާނުން ގެންގުޅޭނެ ޚާރިޖީ ސިޔާސަތުގެ މޫނުމައްޗަށް ވާތީއެވެ.

ފޮރިން މިނިސްޓަރުކަމަށް އައްޔަންކުރައްވާފައި ވަނީ ހަރުކަށި ޚިޔާލަށް ތާއީދުކުރައްވާ ޑިޕްލޮމޭޓެއް ކަމުގައިވާ ޙުސައިން އަމީރުޢަބްދުއްލަހްޔާންއެވެ. އޭނާ ވަނީ ކުރީގެ ރައީސު މަޙްމޫދު އަޙްމަދީނިޖާދްގެ ދައުރުގައި ޑެޕިއުޓީ ފޮރިން މިނިސްޓަރ ފޯ އަރަބް އެންޑް އެފްރިކަން އެފެއާޒްގެ މަގާމު އަދާކުރައްވާފައެވެ. މީގެ އިތުރަށް އޭނާ ވަނީ އީރާނުން ބަހްރޭނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަންވެސް ކުރައްވާފައެވެ.

"އަމީރުޢަބްދުއްލަހްޔާނަކީ ހަރުކަށި ޚިޔާލުގެ ޑިޕްލޮމޭޓެއް. އީރާނުގެ ނިއުކުލިޔާ އެއްބަސްވުމުގެ ކަންކަން އޭނާގެ ފޮރިން މިިނިސްޓްރީން ބަހަލައްޓާނަމަ، އެއްބަސްވުމާ ބެހޭ މަޝްވަަރާތަކުގައި އީރާނުން ވަަރަށް ހަރުކަށި ސިޔާސަތެއް އިޚްތިޔާރު ކުރާނެކަން ސާފުކޮށް އެނގޭ." ނިއުކުލިޔާ މަޝްވަރާތަކުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވިއެވެ.

އާ ކެބިނެޓުގައި އޮއިލް މިނިސްޓަރަކަށް އައްޔަންކުރައްވާފައި ވަނީ އުމުރުފުޅުން 54 އަަހަރުގެ ޖަވާދު އޯޖީއެވެ. އޭނާއަކީ އީރާނުގެ ތެލާއި ގޭހުގެ ދާއިރާގެ ތަޖުރިބާކާރެކެވެ. އަދި އޭނާއަކީ ކުރިން އޮއިލް މިނިސްޓަރުގެ ނާއިބުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސީގެ ކެބިނެޓުގައި ފާހަގަކޮށްލެވޭ އަނެއް ބޭފުޅަކީ އިންޓީރިއާ މިނިސްޓަރުކަމަށް އައްޔަންކުރެއްވި ޖެނެރަލް އަޙްމަދު ވާޙިދީއެވެ. ކުރިން ޑިފެންސް މިނިސްޓަރުކަން ކުރައްވާފައިވާ ވާޙިދީއަކީ 1994 ވަނަ އަހަރު އާޖެންޓީނާގެ ބޮއިނަސް އައިރެސްގައި ހުންނަ ޔަހޫދީ ސަގާފީ މަރުކަޒުގައި ބޮންގޮެއްވުމުގެ ފަހަތުގައި ވާކަމަށް ބުނެ 2010 ވަނަ އަހަރު އެމެރިކާއިން ބްލެކް ލިސްޓު ކޮށްފައިވާ ބޭފުޅެކެވެ. އަދި 85 މީހުން މަރުވިި އެ ހާދިސާއާ ގުޅިގެން އިންޓަޕޯލްއިންވެސް ހޯދަމުންދާ ބޭފުޅެކެވެ.

އާ ޑިފްންސް މިނިސްޓަރަކީވެސް ހަރުކަށި ޚިޔާލުގެ ބޭފުޅެކެވެ. އެމަގާމަށް އަައްޔަންކުރައްވާފައި ވަނީ ޖެެނެރަލް މުޙައްމަދު ރިޒާ އަޝްތިޔާނީއެވެ. އޭނާއަކީ އީރާނު ސިފައިންގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފްގެ މަގާމު ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ.

ކެބިނެޓަށް މިނިސްޓަރުން ހޮވުމުގައި ދީނީ ޒައީމު އާޔަތުﷲ ޢަލީ ޚާމަނައީގެ އިރުޝާދުވެސް ލިިބިފައިވާއިރު، އިބްރާހީމް ރައީސީއަށް ތާއީދުކުރައްވާ ބޭފުޅުން ގިނަ ގަނޫނުހަދާ މަޖިލީހުން އޭނާގެ ކެބިނެޓުގެ އެއްވެސް ބޭފުޅަކަށް ރުހުން ނުދޭނެ ކަމަކަށް ނުބެލެވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.