18 މަސްދުވަހުގެ މެދުކެނޑުމަކަށް ފަހު ބޭރު ގައުމުތަކުން ޢުމްރާއަށް ދިއުމުގެ ފުރުސަތު ހުޅުވާލައިފި

ޢުމްރާއަށް ދިއުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު މާދަމާ، 9 އޮގަސްޓް 2021 (1 މުޙައްރަމް 1443) އިން ފެށިގެން ބޭރު ގައުމުތަކުގެ މީހުންނަށް ހުޅުވާލަން ސައޫދީ ސަރުކާރުން ނިންމައިފިއެވެ. މި ގޮތަށް ނިންމާފައި މިވަނީ ކޮވިޑް-19 ގެ ސަބަބުން ޙައްޖާއި ޢުމުްރާއަށް ސައޫދީ އަރަބިއްޔާ ފިޔަވައި އެހެން ގައުމުތަކުން މީހުން ދިއުން ފާއިތުވި 18 މަސްދުވަހު މަނާކޮށްފައި އޮތުމަށް ފަހުގައެވެ.

ސައޫދީ އަރަބިއްޔާގެ މިނސްޓްރީ އޮފް ހައްޖު އެންެޑް އުމްރާއިން ބުނި ގޮތުގައި ޢުމްރާގެ އަޅުކަމަށް ޙަރަމްފުޅަށް ވަނުމުގެ ހުއްދަދޭން ނިންމާފައި ވަނީ، އުމްރާއަށް 8 ދަންފަޅިއެެއް ހަމަޖައްސައި، ކޮންމެ ދަންފަޅިއެއްގައި 60 ހާސް މީހުންނަށް އުމުރާކުރެވޭ ގޮތަށެވެ. އެއީ މަހެއްގެ މައްޗަށް 2 މިލިއަން ޢުމްރާވެރިންނަށްވުރެ އިތުރުނުވާ ގޮތަށެވެ.

ކޮވިޑް- 19 ފެތުރެން ފެށުމާއުކު މައްކާގެ ޙަަރަމްފުޅާ މަަދީނާގެ މަސްޖިދުއް ނަބަވީ ބަންދުކޮށް ޢުމްރާވުން މުޅިން މަނާކުރިއެވެ. ނަމަވެސް، ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ސައޫދީ އަރަބިއްޔާގެ އެތެރޭން އަންނަ މީހުންނަށް ޢުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ޙައްޖު މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުގައި ޢުމްރާވުމަށް ރަޖިސްޓަރީ ވާން ޖެހޭނީ އެކަމަށް ޚާއްސަ ދެ އެޕް ކަމުގައިވާ 'އިޢުތަމަރްނާ' އަދި 'ތަވައްކަލްނާ' މެދުވެރިކޮށެވެ.

މިނިސްޓަރ އޮފް ޙައްޖު އެންޑް ޢުމްރާގެ ނާއިބު ޑރ، ޢަބްދުލްފައްތާޙު ބިން ސުލައިމާން މުޝާޠު ވިދާޅުވި ގޮތުގައި 'ތަވައްކަލްނާ' މެދުވެރިކޮށް ރަޖިސްޓަރީ ވެވެނީ ތިން ގޮތުންކުރެ އެއް ގޮތަކުން ކޮވިޑް-19 އިން ރައްކާތެރިކަން ލިބިފައިވާ މީހުންނަށެވެ. އެއީ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވުމާއި، އެއް ޑޯޒް ޖެހިފަހުން 14 ދުވަސްވެފައިވުމާއި، ކޮވިޑް-19 ޖެހި އެބަލިން ފަސޭހަވެފައި ވުމެވެ.

ބޭރުން އަންނަ ޢުމްރާވެރިންނަށް ސައޫދީ އަރަބިއްޔާއަށް އެތެރެވެވޭނީ އެގައުމެއްގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ވެކްސިން ޖެހިކަމުގެ ސެޓުފިކެޓު އޮތުމުންނެވެ. އަދި އޭނާ ޖަހާފައިވާ ވެކްސިނަކީ ސައޫދީ އަރަބިއްޔާގެ ކަމާބެހޭ އިދާރާއިން ގަބޫލުކުރާ ވެކްސިނަކަށް ވާންޖެހެއެެވެ. ސައުދީ ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާތަނަށް ގަބޫލުކޮށްފައި ވަނީ ފައިޒާ، އާސްޓްރާޒެނެކާ، ޖޮންސަން އެންޑް ޖޮންސަން އަދި މޮޑާނާ ވެކްސިނެވެ.

މުޝާޠު އިތުރަށް ވިދާޅުވި ގޮތުގައި ކަމާބެހޭ ފަރާތްތަކާއެކު ވިލަރެސްކޮށްގެން ޢުމްރާވެރިން އަައުމަށް ހުއްދަދޭ ގަމުތަކާއި، އެ ގައުމުތަކުން އައުމަށް ހުއްދަދޭނެ މީހުންގެ އަދަދު މުރާޖަޢާކުރަމުންދާނެ ކަމުގައެވެ. އެކަން ނިންމާނީ އޭރަކު އަޅާ ރައްކާތެރިކަމުގެ ފިޔަަވަޅުތަކަށާއި، އެގައުމަކުން ދަތުރުކުރާ މީހުން ފުރިހަމަކުރަންޖެހޭ ކަމަށް އެވަގުތަކު ކަނޑައަޅާފައިވާ ކަންކަމަށް ބެލުމަށް ފަހުގައެވެ.

ޢުމްރާވެރިން ސައޫދީ އަރަބިއްޔާއަށް ފޭބުމަށް ފަހު ބަހުން ދަތުރުކުރުމުގައި ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ބަހަކަށް އެންމެ ގިނަވެގެން އެރުވޭނީ އެބަހެއްގެ ޖާގައިގެ %50 މީހުންނެވެ. އަދި ބަސްތެރޭގައި ތިބެން ޖެހެނީ ދުރުދުރުގައެވެ. އަދި ދަތުރުވެރިން މާސްކު އަޅައިގެން ތިބުމާއި، ބަހުގައި ސެނިޓައިޒާ ބަހައްޓާފައި ހުރުންވެސް ވަނީ ލާޒިމުކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.