އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބެޖެޓާމެދު ގޮތެއް ނިންމައި މަޖިލީހަށް ފޮނުވުމަށް އެކުލަވާފައިވާ ބަޖެޓް ކޮމިޓީ އިދިކޮޅު ޕާޓީ ތަކުން ބޮއިކޮޓް ކޮށްފިއެވެ.
މިއަދު އޮތް ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި އިދިކޮޅު ޕާޓީތަކުން ކޮމިޓީ ބޮއިކޮޓްކޮށް ނުކުތީ ކުރިން ޕާޓީތަކަށް ދޭންއޮތް ވަގުތު ކުޑަކުރުމަށް ޕީޕީއެމްގެ މެމްބަރުން ހުށަހަޅައި އެގޮތަށް ތާއީދު ކުރައްވައި އަދި ކުރިން ޕާޓީ ތަކަށް ދޭން ނިންމި ވަރަށް ވަގުތު ދިނުމަށް އިދިކޮޅު ހެދުމުންނެވެ.
ބަޖެޓަށް ވާހަކަ ދެއްކުމަށް ކޮމިޓީގައި ކުރިން އެމްޑީޕީއަށް ދޭން ނިންމާފައި އޮތީ ވިހި މިނެޓެވެ. ޖޭޕީއަށް 10 މިނިޓެވެ. އަދި ޕީޕީއެމަށް ތިރީސް މިނިޓެވެ. ނަމަވެސް މިއަދު ކޮމިޓީގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވީ އެވަރަށް ވަގުތު ނުދެއްވައި ކޮންމެ މެމްބަރަކަށް އެންމެ ތިން މިނިޓް ވަންދެން ބަޖެޓަށް ވާހަކަ ދައްކަވަން ވަގުތު ދެއްވުމަށެވެ. އެ ހުށަހަޅުމަށް ޕީޕީއެމްގެ އެހެން މެމްބަރަކު ވަނީ ތާއީދު ކުރައްވާފައެވެ.
ކޮމިޓީން އެގޮތަށް ހަދަން އުޅުމުން އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އާއި ޖޭޕީގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. ދެބޭފުޅުންވެސް ވިދާޅުވީ ކުރިން އޮތް ވަރަށް ޕާޓީ ތަކަށް ވަގުތު ދޭންޖެހޭނެ ކަމަށާއި އެޕާޓީއަކަށް ދޭން އޮތް ވަގުތު ބޭނުންކުރާނެ ގޮތެއް ނިންމާނީ އެޕާޓީއަކުން ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ މެމްބަރުން އެކަމަށް ތަކުރާރުކޮށް ދެކޮޅު ހެއްދެވުމުން ކޮމިޓީގައި ތިއްބެވި އިދިކޮޅު މެމްބަރުން ވަނީ ކޮމިޓީ ދޫކުރައްވާ ނިކުމެވަޑައިގެންފައެވެ.