އާދަޔާޚިލާފަށް ފެންބޮޑުވުމުގެ ސަބަބުން ޖަރުމަނުގައި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ޖަރުމަނުގެ އިންސުލުް އަވަށުގައި ފެންބޮޑުވެފައި

ހުޅަނގު ޔޫރަޕަށް ކުރަމުންދާ ގަދަ ވިއްސާރައިގައި އާދަޔާއި ޚިލާފަށް ފެންބޮޑުވުގެ ސަބަބުން ޖަރުމަނުގައި 100 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ގެއްލި، ގިނަ ގެތަކެއް ހަލާކުވެއްޖެއެވެ.

މި ވިއްސާރައިގައި ޖަރުމަނުގެ އިތުރަށް ބެލްޖިއަމް، ފްރާންސް، ސުވިޒަލޭންޑް، ލަކްސެމްބާގް އަދި ނެދަލޭންޑްސްގައި ފެންބޮޑުވެފައި ވާއިރު، މި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ޖަރުމަނާއި، ބެލްޖިއަމަށެވެ. އަދި ގިނަ ބަޔަކު މަރުވެފައި ވަނީ އެ ދެގައުމުންނެވެ.

ޖަރުމަނުގައި އެންމެ ބަޮޑަށް ފެންބޮޑުވުމުގެ އަސަރުކޮށްފައި ވަނީ ހުޅަނގުގެ ދެ ސްޓޭޓަކަށެވެ. ރައިންލޭންޑް-ޕެލެޓިނެޓް ސްޓޭޓުގައި ގިނަ ގެތަކެއް ހަލާކުވެ، ގިނަ އުޅަނދުތަކެއް އޮޔާ ގޮސްފައި ވާއިރު، އެ ސްޓޭޓުން 60 މީހަކު ވަނީ މަރުވެފައެވެ. ނޯތު ރައިން-ވެސްޓް ފާލިޔާ ސްޓޭޓަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައި ވާއިރު، އެ ސްޓޭޓުން 43 މީހަކު ވަނީ މަރުވެފައެވެ.

އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިހާރު އުޅުއްވާ ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ވަނީ ވަނީ މި ދެ ސްޓޭޓުގައި ބައެއްގެ ފުރާނަ ގެއްލިފައި ވާތީ އެކަމާމެދު ހިތާމަ ފާޅުކުރައްވާފައެވެ.

"މި ކާރިސާގައި ފުރާނަ ގެއްލުނު މީހުންނަށްޓަކައި އަހަރެން ހިތާމަކުރަން." ވޮޝިންގްޓަންގައި ހުންނަވައިގެ ދެއްކެވި ވާހަކަފުޅުގައި ޗާންސެލާ މާކެލް ވިދާޅުވިއެވެ.

ޖަރުމަނުގައި ފެންބޮޑުވި ސަރަހްދުގެ ބައެއް އަވަށްތައް ވަނީ 'ގާ ފުންޏަށް' ވެފައެވެ. އަވަށްތަކުގެ ހަނި މަގުތަކުން ސައިލު ދެމިގަތް އިރު އުފެދުުނު ގަދަ އޮއިވަރުގައި ސިމެންތި ގަލާއި ލަކުޑިން ބިނާކޮށްފައި ހުރި ޒަމާންވީ ގިނަ ގެތަކެއް ވަނީ އޮޔާ ގޮސްފައެވެ.

ބެލްޖިއަމްގައި ވެސްޑްރޭ ކޯރު ފުރިގެން ބަންޑުންވުމުގެ ސަބަބުން ކޯރުގެ ކައިރީގައި އޮތް ޕެޕިންސްޓާ އަވަށަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެެވެ. ކޯރުގެ އައްސޭރީގައި ހުރި ގިނަ އިމާރާތްތަކެއް ހަަލާކުވެފައި ވާއިރު، ބެލްޖިއަމުން 14 މީހަކު މަރުވެ، 5 މީހަކު ވަނީ ގެއްލިފައެވެ.

ނެދަލޭންޑްސްގައި އެންމެ ބޮޑު ގެއްލުމެއް ވީ ވަލްކެންބާގް އަވަަށަށެެވެ. އެ އަވަށުގެ މަގުތައް ކޯރުތަކަކަށް ބަދަލުވެ، ގެތަކުގައި ފެންބޮޑުވެފައި ވާއިރު، ރަސްްގެފާނު ވިލެމްއާއި ރާނީ މެކްސީމާވަނީ އެ އަވަށް ވަޑައިގެން އަވަށު މީހުންގެ ހާލު ބައްލަވާފައެވެ. މާސް ކޯރުގައި ފެންބޮޑުވެ، ބަންޑުންވެފައި ވާއިރު، މާސްޓްރިޚްޓްގެ ގިނަ ބަޔަކު އެމީހުންގެ ގެތައް ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދިއުމަށް ވަނީ އަންގާފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.