އިރާގުގެ ދެކުނުގެ ނާސިރިއްޔާ ސިޓީގައި ކޮވިޑް-19 ގެ މީހުންނަށް ފަރުވާދޭަ ހޮސްޕިޓަލެއްގައި އަލިފާން ރޯވުމުގެ ސަބަބުން މަދުވެގެން 52 މީހުން މަރުވެއްޖެއެވެ.
ހޯމަދުވަގެރޭ އަލިފާން ރޯވެފައި ވަނީ ވެރިރަށް ބަޣުދާދުގެ ދެކުނުން 300 ކިލޯމީޓަރު ދުރުގައި އޮންނަ އައްނާސިރިއްޔާ ސިޓީގެ އަލްހުސައިން ހޮސްޕިޓަލުގެ އައިސޮލޭޝަން ވޯޑުގައެވެ. އަލިފާންނިވާ މީހުންގެ މަސައްކަތުން މިހާރު އަލިފާންނގަޑު ވަނީ ނިވާލެވިފައެވެ.
ނާސިރިއްޔާ އޮންނަ ޛީޤާރް ޕްރޮވިންސުގެ ޑިރެކްޓަރެޓް އޮފް ހެލްތުގެ ތަރުޖަމާނު ޑރ. ޙައިދަރު އަލްޒާމިލީ ވިދާޅުވިގޮތުގައި މަރުވި 52 މީހުންގެ ތެރޭގައި ސިއްހީ ދެ ޚިދުމަތްތެރިންނާއި، ސަލާމަތީ ބާރުތަކުގެ މީހަކު ހިމެނެއެެވެ. މި ހާދިސާގައި 22 މީހަކު ޒަޚަމްވިއިރު، އަލިފާން ރޯވި ވޯޑުގައި 70 އެނދު ހުރެއެވެ. އައްޒާމިލީ ވިދާޅުވިގޮތުގައި އަލިފާން ރޯވީ އޮކްސިޖަން ސިލިންޑަރު ބޭނުންކުރުމުގައި އެކަންކުރަަންވާ އުސޫލާ ޚިލާފުވުގެ ސަބަބުންނެވެ.
ނާސިރިއްޔާގެ ގިނަ ބަަޔަކު ދަނީ ހޮސްޕިޓަލުގެ ކުރިމައްޗަށް އެއްވެ ނުރުހުން ފާޅުކުރަމުންެނެވެ.
"އަލިފާން ރޯވެ، އެތައް ބަޔަކު މަރުވުމުގެ ސަބަަބަކަށްވި ކޮރަޕްޓް އޮފިޝަލުން އެކަމުގެ ޒިންމާ އުފުލަންޖެހޭނެ. އަހަރެންގެ ބައްޕަގެ ހަށިގަނޑު ކޮބާ؟" އެއްވެ ތިބި މީހުންގެ ތެރެއިން ޒުވާނަކު ހަރުއަޑުން ގޮވަމުން ދިޔައެވެ.
އިރާގުގެ ބޮޑުވަޒީރު މުސްޠަފާ ކާޡިމީ ވަނީ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބާއްވަވައި، ސިއްހީ އިސް އޮފިޝަލުންނާއި މަޝްވަރާ ކުރެއްވުމަށް ފަހު، ޛީޤާރް ޕްރޮވިންސުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވާފައެވެ. ކާޡިމީ ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވެފައި ވަނީ އޭނާ ގެންދަވަނީ އަލިފާން ރޯވުމުގެ "ސަބަބުތަކާއި އެކަމުން ނުކުންނާނެ ނަތީޖާތައް" ބައްލަވަމުން ކަމުގައެވެ.
މި ހާދިސާގައި މަރުވި ކޮވިޑް-19 ގެބަލިމީހުންގެ ގިނަ މީހުންނަށް ދިޔައީ ހާލު ގޯސްވުމުގެ ސަބަބުން ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ. އެމީހުން މަރުވެފައި ވަނީ ފިހިގެންނާއި، ނޭވާ ހާސްވެގެންނެވެ.
ފާއިތުވި އެޕްރީލް މަހުގެ 24 ވަނަ ދުވަހު ބަޣުދާދުގެ ހޮސްޕިޓަލެއްގެ ކޮވިޑް-19 ފެސިލިޓީއެެއްގައި އަލިފާން ރޯވުމުގެ ސަބަބުން 82 މީހުން މަރުވެފައި ވެއެވެ.
އެ ހާދިސާއާ ގުޅިގެން އޭރުގެ ހެލްތު މިނިސްޓަރު ޙަސަން އައްތަމީމީ ވަނީ އިސްތިއުފާދެއްވާފައެވެ.
އިރާގުގައި ކޮވިޑް-19 ކޮންޓުރޯލުނުވެ ފެތުރެމުން ދާއިރު، މިހާތަނަށް އެގައުމުގެ 1.43 މިލިއަން މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެެވެ. އަދި އެބަލީގައި އެގައުމުގެ 15 ހާސް 500 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.