އިނގިރޭސި ބިލިއަަނަރު ސަރ ރިޗަޑް ބްރެންސަން އޭނާގެ އަމިއްލަ ޖައްވީ އުޅަނދުގައި ޖައްވުގެ ތެރެއަށް 85 ކިލޯމީޓަރު މައްޗަށް ދަތުުރުކުރުމަށްފަހު އެނބުރި އަތުވެއްޖެއެވެ. މިއީ، މީހަކު އޭނާގެ އަމިއްލަ އުޅަނދެއްގައި ޖައްވަށް ގޮސްފައި އައި ފުރަތަމަ ފަހަރެވެ. ބްރެންސަންގެ މި ދަތުރާއެކު ބިލިއަނަރުން އަމިއްލަ އުޅަނދުގައި ޖައްވަށް ދަތުރުކުރުމުގެ 'ރޭހެއް' ފެށިފައިވާއިރު، އެމެރިކާގެ ބިލިއަނަރު ޖެފް ބެޒޯސް ދަނީ އޭނާގެ އަމިއްލަ އުޅަނދުގައި މި ޖުލައިމަހުގެ 20 ވަނަ ދުވަހު ޖައްވަށް ދިއުމަށް ތައްޔާރުވަމުންނެވެ.
ބްރެންސަންއާއި އޭނާގެ 5 ބައިވެރިން ތިބި 'ރޮކެޓް މަތިންދާބޯޓު' ވީއެެސްސް ޔުނިޓީއާއެކު 'ވާޖީން ގެލެކްޓިކް' މަތިންދާބޯޓު އެމެރިކާގެ ނިއުމެކްސިކޯގެ ސްޕޭސްޕޯޓް އެމެރިކާއިން ފުރީ ހެނދުނު 9:40 (ރާއްޖޭ ގަޑިން ރޭ 7:40) ގައެވެ. ވާޖިން ގެލްކްޓިކް މަތިންދާބޯޓު 50 ހާސް ފޫޓު މައްޗަށް އެރުމާއެކު ރޮކެޓް މަތިންދާބޯޓު އެއިން ވަކިވެ އަމިއްލަ ރޮކެޓުގެ ބާރުގައި ޖައްވަށް އަރައިގެން ދިޔައެވެ.
"އަަހަރުމެންގެ ވާޖިން ގެލެކްޓިކްގެ ކުޅަދާނަ ޓީމުގެ އެންމެންނަށް އެމީހުން 17 އަހަރުގެ ބުރަ މަސައްކަތަށް މަރުހަބާ." ދަތުރު ފެށުމާއެކު ދެއްކި ވާހަކައިގައި ބްރެންސަން ބުންޏެވެ.
ވީއެސްއެސް ޔުނިޓީ ވަނީ ޖައްވުގެ ތެރެއަށް 85 ކިލޯމީޓަރު މައްޗަށް އަރައި، 4-5 މިނިޓަށް އުޅަނދުގައި ތިބިމީހުން ބިމަށްދަމާ ބާރުން ސަލާމަތްެވެ ވައިގެ ތެރޭގައި އޮތުމުގެ ތަަޖުރިބާއާއި، ދުނިޔޭ ވަށްކޮށް ބަލައިލުމުގެ ތަޖުރިބާއަށްފަހު، އާދައިގެ މަތިންދާބޯޓެއް ފަދައިން އެނބުރި އައިސް ސްޕޭސްޕޯޓް އެމެރިކާއަށް ޖައްސާފައެވެ.
ވާޖިން ގެލެކްޓިކުން ނިންމާފައި ވަނީ، 2022 ވަނަ އަހަރުގެ ތެރޭގައި ޖައްވަށް ވިޔަފާރި ދުތުރުތައް ފެށުމުގެ ކުރިން ތަޖުރިބާކުރުމުގެ އޮތުރު ދެ ދަތުރެއް ކުރާށެވެ. ޖައްވަށް ފަތުރުވެރިން އުފުލަން ތައްޔާރުވާއިރު އެއީ އާދައިގެ ބަޔަކަށް ކުރެވޭ ވަރަށްވުރެ އަގުބޮޑު ދަތުރެކެވެ. ޓިކެޓެއްގެ އަގު 2 ލައްކަ 50 ހާސް އެމެރިކާ ޑޮލަރަށް އަރާއިރު، ޖައްވަށް ދާން ބުކިންގ ހަދާފައިވަނީ މުޅިންވެސް މުއްސަނދިންނެވެ.
ސްވިސް އިންވެސްޓްމަންޓް ބޭންކް ޔޫއެސްބީން ލަފާކުރާ ގޮތުގައި 2030 ވަނަ އަހަރު އަންނައިރު ޖައްވީ ފަތުރުވެރިކަމުގެ ވިޔަރފާރި 3 ބިލިއަން އެމެރިކާ ޑޮަލަރަށް އަރާނެއެވެ. ބްރެންސަންގެ ވާޖިން ގެލެކްޓިކް ފަހަތުން ބްލޫ އޮރިޖިން މި ދާއިރާއަށް ވަނުމަށް ތައްޔާރުވެފައިވާއިރު، ބިލިއަނަރު އެލޯކް މަސްކްވެސް ދަނީ އޭނާގެ ސްޕޭސް-އެކްސް ޕްރޮގްރާމާއެކު މިކަމަށް ތައްޔާރުވަމުންނެވެ.