ޕާކިސްތާނުން ދިވެހިރާއްޖެއަށް ފައިސާގެ އެހީއެއް ވެދީފި

ދިވެހި ސަރުކާރުން ކުރިއަށް ގެންދާ "ގެވެށި ގުޅުން" މަޝްރޫއަށް ޕާކިސްތާނު ސަރުކާރުން ފައިސާގެ އެހީއެއް ދީފިއެވެ. މިއީ 2.9 މިލިއަން ދިވެހި ރުފިޔާގެ އެހީއެކެވެ. މިއަދު ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާގައި ބޭއްވި ޚައްސަ ރަސްމިއްޔާތެއްގައި މި އެހީ ހަވާލުކޮށް ދެއްވީ ޕާކިސްތނުގެ ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) ޢަޠަރް މުޚްތާރެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް ޢާއިޝަތު މުޙައްމަދު ދީދީއެވެ. ރަސްމިއްޔާތުގައި ޕާކިސްތާޏު ހައިކޮމިޝަނުގެ އިސް ބައެއް ބޭފުޅުންނާއި ޖެންޑަރ މިނިސްޓްރީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓަރ ޕާޚިސްތާޏުގެ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކޯވިޑްގެ ހާލަތުގައި ގެވެށި އަނިޔާ އިތުރުވެފައިވާ ކަމަށް ފަހާގަކުރެވޭ ދަނޑިވަޅެއްގައި ސަރުކާރުން އެފަދަ މައްސަލަތައް ހައްލު ކުރުމަށް ކުރަމުން ގެންދާ މަސައްކަތަށް މިފަދަ އެހީތެރިކަމެއް ދެއްވި ދެއްވުމަކީ ޝިކުރުވެރިކަމާއެކު ބަލައިގަންނަ ކަމެއް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އަދި މި މަޝްރޫއަކީ ގެވެށި އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށްދޭނޭ މަޝްރޫއަކަށް ވާނޭ ކަމަށްވެސް ވިދާޅުވިއެވެ.

ރަސްމިއްޔާޓުގައި ވާހަކަފުޅު ދައްކަވަމުން ހައިކޮމިޝަނަރު ޢަޠަރް މުޚްތާރު ވަނީ ދިވެހިރާއްޖޭގައި އަންހެނުންގެ ތަރައްގީގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ވިދާޅުވިއެވެ. ތައުލީމީ ދާއިރާގައި ތަފާތު ކުރުން ނެތުމަކީ ވަރަށް އުފަލާއެކު ފާހަގަ ކުރައްވާ ކަމެއް ކަމަށާއި އެ ނޫން ދާއިރާތަކުގައިވެސް ރާއްޖޭގެ ހާލަތު އޮތީ ވަރަށް ރަނގަޅަށް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ހައި ކޮމިޝަނަރުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަ ކުރައްވާފައިވާ ގޮތުގައި ދިވެހިރާއްޖެއެާއި ޕާކިސްތާނާ ދެމެދު އޮތީ ވަރަށް ރަނގަޅު ގުޅުމެކެވެ. މިއަަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރާއިރު ޕާކިސްތާނާއެކު އޮތް ގުޅުމަށްވެސް 55 އަހަރު ވެގެން ދާނޭ ކަމަށް ފާހަގަ ކުރެއްވިއެވެ. ފާއިތުވީ 55 އަހަރުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ވަރަށް ފާގަތި ގުޅުމެއް ދެމެހެއްޓުނު ކަމަށާއި، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ އެކަމުހެ ސާފު ހެއްކެއް ކަމަށްވެސް ވިދާޅުވިއެވެ. 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ރާއްޖެއަށް އެންމެ ފުރަތަމަ އެހީތެރިވީ ގައުމަކީ ޕާކިސްތާނެވެ. މީގެ އިތުރަށް 2017 ވަނަ އަހަރު ރާއްޖޭގައި މެޑިކަލް ކޮލެޖެއް ގާއިމު ކުރުމަށްޓަކައި ޕާކިސްތާނުން 5 މިލިއަން ޑޮލަރުގެ އެހީއެއް ހުށަހެޅި ކަމަށްވެސް ހައި ކޮމިޝަނަރު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.