ނަސްލީ ތަފާތުކުރުމާ ކުރިމަތިލާ މީހުންނަށް ބަދަލު ލިބެން ޖެހޭ: އދ.

ޔޫއެން ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް މިޝޭލް ބެޗެލެޓް

އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް މަރާލި މައްސަލައަށްފަހު ނަސްލީ ތަފާތުކުރުމުގެ މައްސަލައިގެ ބަހުސު ގަދަވެފައި ވަނިކޮށް އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ، ޔޫއެން ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ނެރުއްވި ރިޕޯޓެއްގައި ނަސްލީ ތަފާތުކުރުމުގެ މައްސަަލަ ނަންގަވައިފިއެވެ. އެ ރިޕޯޓުގައި ދުނިޔޭގެ ގައުމުތަކަށް ގޮވާލާފައި ވަނީ އެފްރިކާ ދަރިކޮޅު މީހުންނާ ދެކޮޅަށް ގެންގުޅޭ ތަފާތުކުރުމާއި، އެމީހުންނަށް ދެވޭ އަނިޔާއާއި، ރޭވިގެން ހިނގާ ނަސްލީ ތަފާތުކުރުން ނައްތާލައި އެކަންކަން -ބަދަލުދިނުން ވެސް ހިމެނޭ ގޮތަށް- ހަމައަކަށް އެޅުވުމަށެވެ.

ހައި ކޮމިޝަނާ މިޝޭލް ބެޗެލެޓް ނެރުއްވި ރިޕޯޓުގައި އެފްރިކާ މީހުންނާއި، އެމީހުންގެ ދަރިކޮޅުގެ މީހުންނާ މެދު އެތައް ގަރުނަކުއްސުރެ އިހާނެތިކޮށް ކޮށްފައިވާ މުއާމަލާތްތައް ތަފްސީލުކޮށް ބަޔާންކޮށްފައި ވެއެވެ. ވަކިން ޚާއްސަކޮށް އެޓްލާންޓިކް ކަނޑު ހުރަސްކޮށް ކޮށްފައިވާ އަޅުން ގަނެވިއްކުމުގެ މުއާމަލާތްތަކެވެ. ރިޕޯޓުގައި ވަނީ މިއަދު ފެންނަން ހުރި އެ މުއާމަލާތްތަކުގެ އަސަރު މުޅިން ބަދަލުކޮށްލާ ފަދަ ފިޔަވަޅުތަކެއް އެޅުމަށް ގޮވައިލާފައެވެ.

އަހަރެއްހާ ދުވަހުން އެކުލަވާލެވުނު އެ ރިޕޯޓުގައި ގޮވާލާފައިވަނީ، އެމެރިކާ ފުލުުހުން  ހަތިޔާރެއް ނެތް އެފްރިކާ ނަސްލުގެ މީހުން މެރުންފަަދަ އަމަލުތަކުގެ ސަބަބުން މިހާރު އެންމެންގެ ސަމާލުކަމަށް އައިސްފައިވާ ނަސްލީ ތަފާތުކުރުމުގެ މައްސަލައާ ދެކޮޅަށް ފެށިފައިވާ ހަރަކާތް މަޑުޖެހުނަ ނުދީ ކުރިއަށް ގެންދިއުމަށެވެ.

"ނަސްލީ ހަމަހަމަކަމާއި، އިންސާފު ހޯދުމަށް މިހަރަކާތުން ލިބިފައި މިވަނީ ރަނގަޅު ފުރުސަތެއް" ރިޕޯޓުގައި ވެއެވެ.

ރިޕޯޓުގެ އަމާޒަކީ ނަސްލީ ބޭއިންސާފާއި، ފުލުހުން ހިންގާ ނަސްލީ ތަފާތުކުރުމުގެ އަމަލުތަކަށް އަދަބު ނުލިބި ދިއުން ނައްތާލައި، އެފްރިކާ ނަސްލުގެ މީހުންނާއި، ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އަޑުއުފުލާ މީހުންގެ އަޑު އެހުމަށް ގައުމުތަކުން ކުރާ މަސައްކަތްތައް އިތުރުކުރުމެވެ. އަދި ކުރިން ހިންގާފައިވާ ގޯސް އަމަލުތަކަށް ޒިންމާދާރުކޮށް، އެކަމުގެ ބަދަލު ހޯދައިދެވޭނެ ގޮތް ހެދުމެވެ.

"އަހަރެން ހުރިހާ ގައުމަކަށް މި ގޮވާލަނީ (ނަސްލީ ތަފާތުކުރުމަށް) އިންކާރުކުރުން ހުއްޓާލައި، ނަސްލީ ތަފާތުކުރުން މުޅިން ނައްތާލުމުގެ މަސައްކަތް ފެށުމަށް. އެފަދަ އަމަލުތައް ހިންގުމަށް ފަހު އަދަބު ނުދެވި ދިއުން ނިމުމަކަށް ގެނެސް، އިތުބާރު ބިނާކުރުމަށް. އެފްރިކާ ނަސްލުގެ މީހުންގެ އަޑުއެހުމަށް. އަދި މާޒީއާ ކުރިމަތިލައި އެހާލަތު ރަނގަޅުކުރުމަށް." ހައި ކޮމިޝަނާ ބެޗެލެޓް ވިދާޅުވިއެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މި ރިޕޯޓު ތައްޔާރުކުރުމުގެ މަަސައްކަތް ފެށީ ފާއިތުވި 2020 ވަނަ އަހަރުގެ މޭ މަހު އެމެރިކާގެ ފުލުސް އޮފިސަރަކު ކަޅު ނަސްލުގެ މީހަކު ކަމުގައިވާ ޖޯޖް ފްލޮއިޑް މަރާލުމަށް ފަހު ބޭއްވި ޚާއްސަ ބައްދަލުވުމެއްގައެވެ. ފްލޮއިޑް މަރާލި ފުލުސް އޮފިސްރު ޑެރެކް ޗޯވިން 22 އަހަރާ ބަޔަށް ޖަލަށްލުމަށް މިނެސޯޓާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.