އެމެރިކާގެ މިނެސޯޓާ ސްޓޭޓުގެ މިނިއާޕޮލިސްގެ ކުރީގެ ފުލުސް އޮފިސަރު ޑެރެކް ޗޯވިން 22 އަހަރާ ބަޔަށް ޖަލަށްލުމަށް ހުކުމްކޮށްފިއެެވެ. އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ ކަޅު ނަސްލުގެ މީހެއްކަމަށްވާ ޖޯޖް ފްލޮއިޑް ހައްޔަރުކުރުމަށް ފަހު އޭނާ ބިންމައްޗަށް ވައްޓާލައިގެން އޭނާގެ ކަރުގައި ކަކޫއަޅައިގެން އޭނާ މަރާލާފައިވާތީއެވެ.
އޭނާގެ މައްޗަށް އައި ހުކުމުގެ މުއްދަތު ޕްރޮސެކިއުޓަރުން އެދުނު 30 އަހަރުގެ މުއްދަތަށްވުރެ ކުރެވެ.
ޖަލުގައި އޭނާގެ ސުލޫކު ރަނގަޅަށް ބަހައްޓައިފިނަމަ، ހުކުމުގެ ތިންބައިކުޅަ އެއްބައި ފުރިހަމަކުރުމަށް ފަހު ޕެރޯލްގެ ދަށުން އޭނާ ދޫކޮށްލެވޭނެއެވެ. އެހެންވެއްޖެނަމަ، އޭނާ ޖަލުގައި ހުންނަން ޖެހޭނީ 15 އަހަރު ދުވަހުގެ މުއްދަތަށެވެ.
ކޯޓުގައި އޭނާ ޝަރީއަތް ކުރިއަށް ދިޔައިރު ހަނުުހުރުމަށް ފަހު، އިއްޔެ އިއްޔެ ހުކުމް އިއްވި މަޖިލީހުގައި އޭނާ ވަނީ ވާހަކަދައްކާފައެވެ. އޭނާ ވަނީ ފްލޮއިޑްގެ އާއިލާއަށް ތައުޒިޔާ ކިޔައި، ހާދިސާއާ ބެހޭ އިތުރު މައުލޫމާތު ހާމަވާ ވަރަކަށް އެމީހުން "ސިކުނޑިއަށް ހަމަޖެހުން ލިބޭނެ" ކަމަށް ބުނެފައެވެ.
"ފްލޮއިޑްގެ އާއިލާއަށް އަަހަރެންގެ ތައުޒިޔާ ފޮނުވަން އަހަރެން ބޭނުން. މިމައްސަލާ ގުޅޭ އިތުރު މައުލޫމާތު ތަކެއް އަދި ހާމަވާނެ. އަދި އަހަރެން އުއްމީދުކުރަން އެ ކަންކަމުގެ ސަބަބުން ތިޔަ އާއިލާއަަށް ކޮންމެވެސް ވަރެއްގެ ހިތް ހަމަޖެހުމެއް ލިބޭނެ ކަމަށް." އޭނާ އަޅައިގެން ހުރި މާސްކު ނަގައި ފްލޮއިޑްގެ އާއިލާއާ ދިމާއަށް އެނބުރި ހުރެ ދެއްކި ކުރު ވާހަކަކޮޅުގައި ޗޯވިން ބުންޏެވެ.
ކޯޓުގައި ވާހަކަަދައްކަމުން ފްލޮއިޑްގެ އާއިލާއިން ވަނީ މި ހާދިސާގެ ސަބަބުން އެމީހުންނަށް ލިބިފައިވާ ހިތާމަ ފާޅުކޮށް، ޗޯވިންއަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް އެދިފައެވެ.
ވަގު 20 ޑޮަލަރު ފިހާރައަކަށް ވިއްކިކަމަށް ބުނެ ޑެރެކް ޗޯވިންއާއި ފުލުހުންެގެ އިތުރު 3 އޮފިސަރަކު މިނިއާޕޮލިސްގެ ފިހާރައަކުން ޖޯޖް ފްލޮއިޑް ހައްޔަރުކުރީ ފާއިތުވި 2020 ވަނަ އަހަރުގެ މޭ މަހުގެ 25 ވަނަ ދުވަހުއެެވެ. އޭނާ ހައްޔަރުކުރުމަށް ފަހު ދެ އަތުގައި ބިޑިއަޅުވައި ބަންޑުން ބިންމައްޗަށް ވައްޓާލުމަށް ފަހު ޗޯވިން ވަނީ ފްލޮއިޑް ކަރުގައި ކަކޫ އަޅައި އޭނާ މަރުވަންދެން ކަކޫ ނުނަގައި ހިފަހައްޓާފައެވެ.