ސްރީލަންކާއިން ތަމަޅަ ޓައިގަރުންނާ ގުޅުން އޮތްކަމުގެ ތުހުމަތުގައި ޖަލަށްލާފައި ތިބި 16 މީހަކަށް މާފުދީފި

ތަމަޅަ ޓައިގަރުންނާ ގުޅުން އޮވެގެން ސްރީލަންކާގައި ޖަލަށް ލާފައިވާ މީހުންގެ ތެރޭން 16 މީހަކަށް ރައީސު ގޮތާބޭ ރާޖަޕަކްސަ މާފުދެއްވައިފިއެވެ. ރައީސު ރާޖަޕަކްސަ މިފަދައިން އަމަލުކުރައްވާފައި މިވަނީ ޝަރީއަތަކާ ނުލައި ސްރީލަންކާގެ ޓެރަރިޒަމް ގާނޫނުގެ ދަށުން މީހުން ބަންދުކުރުމުގެ މައްސަލައިގައި އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ގެ އިސްނާސީ ހައްގުތަކާ ބެހޭ ކައުންސިލުން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުން ދަނިކޮށެވެ.
މިއީ ވަޠަނީ އެޖެންޑާއާއެކު 2019 ވަނަ އަހަރު ގޮތާބޭ ރާޖަޕަކްސަ ސްރީލަންކާގެ ރައީސުކަމާ ހަވާލުވެވަޑައިގަތް ފަހުން ލިބަރޭޝަން ޓައިގާސް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ) އާ ގުޅުން އޮތް ބަޔަކަށް މާފުދެއްވި ފުރަތަމަ ފަހަރެވެ. ތަމަޅަ ޓައިގަރުން ބަލިކުރުމުގައި ބައިވެރިވި ސިފައިންގެ މައްޗަށް ދައުވާނުކުރުން ވެސް މި އެެޖެންޑާގައި ހިމެނެއެވެ.
ރައީސު ރާޖަޕަކްސަ އިއްޔެ މާފުދެއްވި މީހުންނަކީ ޕްރިވެންޝަން އޮފް ޓެރަރިޒަމް އެކްޓް (ޕީޓީއޭ) ގެ ދަށުން ހައްޔަރުކޮށްފައި ތިބި މީހުންނެވެ. މި ގާނޫނަކީ ތުހުމަތުުކުރެވޭ މީހުން ހައްޔަރުކޮށް ބަންދުގައި ބޭތިއްބުމުގެ ބާރު ސަލާމަތީ ބާރުތަކަށް ލިބިދޭ ގާނޫނެކެވެ. މި ގާނޫނަކީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތްތަކުން އުވާލުމަށް ގަޮވާލާފައިވާ ގާނޫނެކެވެ.
ސްރީލަންކާގެ ޖަލުތަކާ ބެހޭ ސުޕްރިންޓެންޑެންޓް ޗަންދަނާ އެކަނަޔަކެ ވިދާޅުވީ ގޮތުގައި ރައީސު ރާޖަޕަކްސަ މާފުދެއްވި ތަމަޅަ ޓައިގަރުންގެ 16 މީހުންނަކީ ބުޑިސްޓް އީދެއް ކަމުގައިވާ ޕޮސޮންގެ މުނާސަބަތުގައި ރައީސު މާުފުދެއްވި 94 މީހުންގެ ތެރޭގައި ހިމެނޭ މީހުންނެެވެ.
ޖަލުތަކާ ބެހޭ ބައެއް އޮފިޝަލުން ހާމަކުރި ގޮތުގައި މާފު ލިބުނު 16 މީހުންނަކީ އެމީހުންގެ ބަންދުގެ މުއްދަތު ހަަމަވާން ކައިރިވެފައި ތިބި މީހުންނެވެ. އަދި ސަރުކާރުގެ ބައެއް އޮފިޝަލުން ހާމަކުރެއްވި ގޮތުގައި މި މީހުން ދޫކޮށްލުމަކީ ޕީޓީއޭ ދަށުން ހައްޔަރުކޮށްފައި ތިބި އެންމެން ދޫކޮށްލުމަށް އެކުލަވާލާފައިވާ ޕްލޭނެެއްގެ ދަށުން ކުރި ކަމެކެވެ.
ތަމަޅަ ބައެއް ޖަމާއަތްތަކުން ބޭރުގެ ނޫސްތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އެލްޓީޓީއާ ގުޅުން އޮތްކަމަށް ތުހުމަތުކޮށް، ޕީޓީއޭ ދަށުން އަދިވެސް 78 މީހަކު ހައްޔަރުކޮށްފައި ތިބޭތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ.
މި ހަފުތާތެރޭގައި ގާނޫނުހަދާ މަޖިލީހުގައި ވާހަކަފު ދައްކަވަމުން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމަލް ރާޖަޕަކްސަ ވިދާޅުވި ގޮތުގައި ޖަލުގައި ބަންދުކޮށްފައި ތިބި ތަމަޅައިންގެ ބައެެއް މީހުންނަކީ 1986 ވަނަ އޭނާ އުފަންވެވަޑައިގަތުމުގެވެސް ކުރިން ޖަލަށްލާފައި ތިބި މީހުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި، ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ޝަރީއަތްކުރުމަކާ ނުލައި ދިގުމުއްދަަތަކަށް ޖަލުގައި ބޭތިއްބުމަށް ގާނޫނު ތަންދިން ނަަމަވެސް ސަރުކާރުން މިހާރު މަސައްކަތްކުރަމުން ދަނީ އެފަދަ މީހުން ޖަލުން ދޫކުުރުމަށެވެ.
ދިގު މުއްދަތަކަށް ސްރީލަންކާ ސަރުކާރާ ހަނގުރާމަކުރަމުން ދިޔަ ތަމަޅަ ޓައިގަރުން ބަލިވީ 2009 ސަރުކާރުން ސިފައިންދިން ވަރުގަަދަ ހަަމަލާތަކަކަށް ފަހުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.