ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ދައުވާ ކުރަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ނިންމައިފިއެވެ.
ރައީސް ޔާމީނާ ދެކޮޅަށް ދައުވާ ކުރައްވަން ނިންމެވި މެމްބަރުންނަކީ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ދާދި ފަހުން ނިންމި މެމްބަރުންގެ ތެރޭގައި ހިމެނޭ ބަޔެއް މެމްބަރުންނެވެ. ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެގައި އެ މެމްބަރުން ވިދާޅުވީ ރައީސްއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރަން ނިންމީ އެ މެމްބަރުން އެގޮތަށް ނިންމެވީ ޕީޕީއެމް ދޫކޮށް ދިޔުމަކީ އެ މެމްބަރުން ހިންގި "ބަޣާވާތެއް" ކަމަށް ރައީސް ވިދާޅުވުމުން ކަމަށެވެ.
ރައީސްއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރައްވަން ނިންމެވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުޙަންމަދު ވަޙީދު އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ޙުސައިން އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙަންމަދު މުސްތޮފާގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙަންމަދު އަމީތު އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީއެވެ.
ދައުވާ ކުރަން ނިންމެވި މެމްބަރުންގެ ތެރެއިން ވައްޑޭ ވިދާޅުވީ މަޖިލީހުގެ ރައީސް ވަކިކުރަން އުޅުމަކީ ބަޣާވާތެއް ކަމަށް އެއްވެސް ޤާނޫނަކު ނެތް ކަމަށެވެ. ސައުދު ވިދާޅުވީ ބަޣާވާތް ކުރީ ޕީއޭއިން ޕީޕީއެމަށް އައި މީހުން ކަމަށެވެ. އަމީތު ވިދާޅުވީ ޕީޕީއެމުން މެމްބަރުންތަކެއް ވަކިވެގެން ދިޔުމަކީ ބަޣާވާތެއް ކަމަށް ރައީސް ވިދާޅުވިއިރު މީގެކުރިން އެހެން ޕާޓީ ތަކުން ވަކިވެގެން ޕީޕީއެމަށްވެސް 15 މެމްބަރުން ގޮސްފައިވާ ކަމަށެވެ. މުސްތޮފާ ވިދާޅުވީ ޕީޕީއެމްއިން ވަކިވެގެން ގޮސް އިދިކޮޅާ ގުޅުނު އެއްވެސް މެމްބަރަކީ ބާޣީއެއް ނޫން ކަމަށެވެ. ސައުދުﷲ ވިދާޅުވީ ގޮނޑި ގެއްލިފައިވާ ކަމަށް ގަބޫލުވެސް ނުކުރައްވާ ކަމަށެވެ.
ޕީޕީއެމް ދޫކޮށް އިދިކޮޅާ ގުޅުނު ގިނަ މެމްބަރުންތަކެއްގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަނުން ނިންމުމާއެކު އެ ދާއިރާ ތަކުގެ ބައި އިލެކްޝަނަށް ސަރުކާރާއި އިދިކޮޅު ފަރާތްތަކުންވެސް ދަނީ ކެމްޕޭން ކުރަމުންނެވެ.