އިބްރާހީމް ރައީސީ އީރާނުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިފި

އީރާނުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިބްރާހީމް ރައީސީ

އީރާނުގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު އެގައުމުގެ ޖުޑިޝަރީގެ ކުރީގެ ވެރިޔާ އިބްރާހީމް ރައީސީ ކާބިޔާބުރައްވައިފިއެވެ. ހުޅަނގު ގައުމުތަކާމެދު ހަރުކަށި ސިޔާސަތެއް ގެންގުޅުމަށް ތާއީދުކުރައްވާ ރައީސީ ހޮވިވަޑައިގަންނަވާނެ ކަަމަށް ކުރިންވެސް އޮތީ ހީކުރެވިފައެވެ. އަދި އޭނާއަކީ އީރާނުގެ ދީނީ ޒައީމު އާޔަތުﷲ ޢަލީ ޚާމަނައީ އެންެމެ ބޭނުންފުޅުވި ކެންޑިޑޭޓެވެ.

އިންތިޚާބުުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިޚާބުގައި ލާފައިވާ 28.6 މިލިއަން ވޯޓުގެ ތެރޭން 17.8 މިލިއަން ވޯޓު ހޯއްދަވާފައެވެ. އެއީ ވޯޓުގެ %62 އެވެ.

އިންތިޚާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު ލިބިވަޑައިގަތް 4 ކެންޑިޑޭޓުންގެ ތެރޭން ރައީސީއާ އެންމެ ގާތުން ވާދަކުރެއްވި ރިވޮލިއުޝަނަރީ ގާޑްސްގެ ކުރީގެ ކޮމާންޑާ އިން ޗީފް މުހްސިން ރިޒާއީ އަށް ލިބިވަޑައިގަތީ 3.3 މިިލިއަން ވޯޓެވެ. މެދުމިނުގެ ހަރަކާތް ތަމްސީލުކުރެއްވި ސެންޓްރަލް ބޭންކްގެ ކުރީގެ ވެރިޔާ ޢަބްދުއްނާސިރު ހިއްމަތީއަށް 2.4 މިލިއަން ވޯޓު ލިބިވަޑައިގަތް އިރު، އެންމެ މަދުން ވޯޓު ލިބިވަޑައިގަތީ ގާނޫނުހަދާ މަޖިލީހުގެ ކުރީ މެންބަރު އަމީރު ޙުސައިން ޣާަޒީޒާދާއަށް ލިބިވަަޑައިގަތީ 1.4 މިލިއަން ވޯޓެވެ.

އިއްޔެ ނިމިދިޔަ ރިޔާސީ އިންތިޚާބަކީ ވޯޓުލާން ނުކުތް މީހުން އެންމެ މަދު އެއް އިންތިޚާބެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން ވޯޓުލުމުގެ ހައްގު ބޭނުންކޮށްފައި ވަނީ އެ ހައްގު ލިބިފައިވާ މީހުންގެ ދެބައިކުޅަ އެއްބަަޔަށްވުރެ މަދު މީހުންނެވެ.

އިބްރާހީމް ރައީސީ ރިޔާސީ އިންތިޚާބު ކުރެއްވުމާއެކު ރަޝިޔާގެ ރައީސު ވްލާޑިމީރް ޕުޓިންއާއި އިރާގުގެ ރައީސު ބަރްހަމް ޞާލިޙު ވަނީ އޭނާއަށް ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސު ޙަސަން ރޫޙާނީ ވިދާޅުވީ އިންތިޚާބު ކާމިޔާބުކުރެއްވި ބޭފުޅަކު މިހާރު އެނގިފައިވާ ކަމަށާއި 45 ދުވަސް ފަހުން އިބްރާހީމް ރިޔާސީއާ މަގާމު ހަވާލުކުރައްވާނެ ކަމުގައެވެެ.

ދީނީ ޒައީމު އާޔަތުﷲ ޚާމަނީ، ރައީސީއަށް މަރުހަބާ ކިއުއްވަމުން ވިދާޅުވެފައި ވަނީ ރައްޔިތުން ކާމިޔާބު ލިބިއްޖެކަމަށާއި، އީރާނުގެ ދުޝްމަނުންގެ ރޭވުންތައް ނާކާމިޔާބުވެއްޖެ ކަމުގައެވެ.

1960 ވަނަ އަަަހަރު މަޝްހަދަށް އުފަންވެވަޑައިގަތް އިބްރާހީމް ރައީސީއަކީ ހަރުކަށި އުސޫލަތަކަށް ތާއީދުކުރައްވާ ދީނީ ސިޔާސީ ބޭފުޅެކެވެ. އޭނާ ޝަރުއީ ދާއިރާއާ ގުޅިވަޑައިގަތީ 1980 ވަނަ އަހަރުގައެވެ. 1994 އާ ހަމައަށް އޭނާ މަސައްކަތްކުރެއްވީ ޕްރޮސެކިއުޓަރެއްގެ ގޮތުގައެެވެ. ދީނީ ޒައީމު އާޔަތުﷲ ޚާމަނީ އޭނާ ޖުޑިޝަރީގެ ވެރިއަކަށް އައްޔަންކުރެއްވީ 2019 ވަނަ އަހަރުއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.