ކުރިޔަތް އޮތްތަނުގައިވެސް ފުރާނައަށް ގެއްލުންވާފަދަ ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއަށް ހަ އަހަރު ފުރުން ފާހަގަކޮށް ހދ. ކުޅުދުށްފުށީގައި ރޭ އޮތް ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވާފަދަ ހަމަލާއެއް ކުރިޔަށް އޮތް ތަނުގައި އަންނާނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށާއި ނަމަވެސް "އަނެއްކާވެސް އަޅުގަނޑު ފުރާނައަށް ނުރައްކާވާ ފަދަ ގެއްލުންދޭނެ ކަންނޭނގެ" ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ކުރިމަތިވެވަޑައިގެންނެވި އެންމެ އުދަނގޫ އަދި އެންމެ ބޮޑު ގެއްލުމަކީ އެމަނިކުފާނު އަވަހާރަކޮށްލަން ބަޔަކު އުޅުމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ޕާޓީ ދޫކުރައްވައި ވަޑައިގަތުމާއި، ޕީޕީއެމްގެ ތެރޭގައި އުފެދުނު ސިޔާސީ ކޯޅުންތަކެވެ. އެހެންވެ ދެންވެސް ލިބިވަޑައިގަންނަވާނެ އެންމެ ބޮޑު ގެއްލުމަކަށް ވާނީ މަޖިލީހުގެ މެމްބަރުން ތަކެއް އަނެއްކާވެސް ވަކިވުން ކަމަށް ވިދާޅުވިއެވެ.
" މިއިމްތިހާނުވެސް އަޅުގަނޑު ކުރާނެ ކަންނޭނގެ އަދިވެސް، އަދިވެސް އަޅުގަނޑު ސިހުމެއް ނުވާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވެރިކަމުގައި މިވީ ދުވަސްތަކުގައި މަދުވި އެއްޗަކީ އިޚްލާސްތެރިކަން ކަމަށެވެ. އަދި އެމަނިކުފާނުގެ ލޯފުޅުން އުފާވެރިކަމުގެ ކަރުނަ ފާއްދާލަނީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެވޭތީ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ލޮލުން ފެން ފާއްދާލަނީ އުފާވެރި ކަމާވެސްއެކީ، އުފާވެރި ކަމަކީ ކަންތައްތަކެއް ކޮށްދެވޭނެކަން ގަބޫލުކޮށް އުންމީދު ތަކެއް ރައްޔިތުން އަޅުގަނޑާ ގުޅުވާތީ،" ރައީސް ވިދާޅުވި އެވެ.