އދ. ގެ ސެކްރެޓަރީ ޖެނެރަލް ގުޓަރޭޝް ދެވަނަ ދަައުރަކަށް ހޮވިވަޑައިގެންފި

އެކުވެރި ދައުލަތް ތަކުގެ ޖަމްއިއްޔާ (އދ.، ޔުނައިޓެޑް ނޭޝަންސް) ގެ އާއްމު މަޖިލީހުން އެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓަރޭޝް ފަސް އަހަރުގެ ދެވަނަ ދައުރަކަށް އިންތިޚާބުކޮށްފިއެވެ.

1 ޖަނަވަރީ 2022 އިން ފެށިގެން ފަސް އަހަރު ދުވަހަށް ގުޓަރޭޝް އިންތިޚާބުކުރުމަށް 193 މެންބަރުން ހިމެނޭ އާއްމު މަޖިލީހަށް ހުށަހެޅުމަށް ސަލާމަތީ މަޖިލީހުން ހުށަހެޅީ އެ މަޖިލީހުގެ 15 މެންބަރުންގެ އިއްތިފާގުންނެވެ.

އާއްމު މަޖިލީހުގެ 75 ވަނަ ދައުރުގެ ރައީސު، ތުރުކީގެ ވޮލްކާން ބޮޒްކީރް އިއުލާންކުރެއްވި ގޮތުގައި ޕޯޗުގަލްގެ ޑިޕްލޮމޭޓް އެންޓޯނިޔޯ ގުޓަރޭޝް ދެވަނަ ދައުރަކަށް ހޮވަން ނިންމީ އާއްމު މަޖިލީހުގެ މެންބަރުންގެ ދެކޮޅު ހެދުމެއް ނެތި ފާސްކުރި ގަރާރަކުންނެވެ. ބޮޒްކީރް މިގަރާރު އިއްވެވުމާއެކު އާންމު މަޖިލީހުގެ މާލަމް ވަނީ އަތްތިލަބަޑީގެ އަޑުން ގުގުމައިގެން ގޮސްފައެވެ. ސަލަމާތީ މަޖިލީހުގެ އިއްތިފާގުން އުމުރުފުޅުން 72 އަހަރުގެ ގުޓަރޭޝް ސެކްރެޓަރީ ޖެނެރަލްކަމުގެ ދެވަނަ ދައުރަކަށް ހޮވުމަށް ނިންމި ގަރާރު އޭގެ ކުޑައިރެއް ކުރިން އާއްމު މަޖިލީހަށް އިއްވަަވައިދެއްވީ ސަލާމަތީ މަޖިލީހުގެ މިދައުރުގެ ރައީސު އަދި އެސްޓޯނިޔާއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ސުވެން ޖާގަންސަންއެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ގުޓަރޭޝްއަކީ ސެކްރެޓަރީ ޖެެނެރަލްކަމުގެ މަގާމު ވަރަށް ފުރިހަމައަށް އަދާކުރެއްވި ބޭފުޅެއް. އޭނާއަކީ 'ފާލަންތައް ބިނާކުރެއްވި' ބޭފުޅެއް. ދުނިޔޭގައި ހަމަނުޖެހުން ހިނގާ ސަރަހައްދުތަކާ މެދު އޭނާ ގެންގުޅުއްވާ ވިސްނުންފުޅުގެ ސަބަބުން، އޭނާއަށް ހުރިހާ ފަރާތަކާ ވާހަކަފުޅު ދެއްކެވޭ. އަދި އަހަރެން ގަބޫލުކުރާ ގޮތުގައި އޭނާ މަގާމުގައި ހުންނެވި ފަސް އަހަރު އޭނާވަނީ އޭނާއަކީ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންެެނެވުމަށް އެންމެ އެކަށޭނަ ބޭފުޅާކަން ސާބިތުކޮށްދެއްވާފައި." އާއްމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޖާގަންސަން ވިދާޅުވިއެވެ.

ގުޓަރޭޝް ދެވަނަ ދައުރަަކަށް ހޮވިވަޑައިގަތީ ދުނިޔޭގެ ކަންކޮޅުތަކުގައި ހަމަނުޖެހުންތައް އިތުރުވުމާއި، ތިމާވެށީގެ ހާލަތު ނާޒުކު ފައްތަރަކަށް ދިއުމާއި، ކޮވިޑް-19 ގެ ވަބާ ދުނިޔޭގައި ފެތުރި އެ ވަބާއިން ދުނިޔެ ސަލާމަތް ނުވެ އަހަރަކަށްވުރެ ގިނަ ދުވަސް ވެެގެން ދިއުން ފަދަ މައްސަލަތަކާ އދ. ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އޭނާ 31 ޑިސެންބަރު 2026 ގެ ނިޔަލަަށް މަގާމުގައި ދެމިހުންނަވާނެއެވެ.

ދެވަނަ ދައުރަކަށް ގުޓަރޭޝް ހޮވިވަޑައިގަތްކަން އިއުލާންކުރެއްވުމަށް ފަހު، އޭނާ ވަނީ އާއްމު މަޖިލީހުގެ ރައީސު ވޮލްކާން ބޮޒްކީރްގެ ކުރިފުޅުމަތީގައި މަގާމުގެ ހުވައިކުރައްވާފައެވެ.

އެންޓޯނިޔޯ މެނުއެލް ޑި އޮލިވޭރާ ގުޓަރޭޝް އުފަންވެވަޑައިގަތީ 30 އެޕްރީލް 1949 ގައި ޕޯޗުގަލްގެ ވެރިރަށް ލިޒްބަންގައެވެ.  1 ޖަނަވަރީ 2017 ގައި އދ. ގެ ސެކްރެޓަރީ ޖެނެެރަލްކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، 1995 އިން 2002 އަަށް ޕޯޗުގަލްގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އަދި 2005 އިން 2015 އަށް އދ. ގެ ހައިކޮމިޝަނާ ފޯ ރެފިއުޖީޒްގެ މަގާމު އަދާކުރައްވާފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.