ފާއިތުވި އަހަރު އެމިރޭޓްސްއަށް 5.5 ބިލިއަން ޑޮލަރުގެ ގެއްލުމެއް

މެދުއިރުމަތީގެ އެންމެ ބޮޑު އެއާލައިން އެމިރޭޓްސްއަަށް 5.5 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ވެފައިވާ ކަމަށް މިއަދު އެއެއާލައިނުން ބުނެފިއެވެ. މިއީ ފާއިތުވި 30 އަަހަރުދުވަހަށް ބަލާއިރު އެއެއާލައިނަށް އެއް އަަހަރުގެ ތެރޭގައި ވީ އެންމެ ބޮޑު ގެއްލުމެވެ. މި ބޮޑު ގެއްލުމާ ކުރިމަތިލާން ޖެހުނީ މުޅި ދުނިޔޭގައި ވެސް ކޮވިޑް-19 ގެ ހާލަތު އަހަރަކަށްވުރެ ދިގު މުއްދަތަކަށް ދެމިގެން ގޮސްފައިވުމާއެކު، ވައިގެ ދަތުރުފަތުރަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުންނެވެ.

އެމިރޭޓްސްއިން ބުނި ގޮތުގައި މި ގެއްލުމުން އަރައިގަތުމަށް އެ އެއާލައިނުގެ ވެރިފަރާތް ކަމުގައިވާ ދުބާއީގެ ސަރުކާރުން ވަނީ 3.1 ބިލިއަން ޑޮަލަރު ދީފައެވެ.

ދުބާއީގަައި މައި އޮފީސް ހުންނަ އެމިރޭޓްސްއިން ނެރުނު ބަޔާނުގައި އެމިރޭޓްސް ގްރޫޕުގެ ޗެއާމަން އަދި ޗީފް އެގްޒެކަޓިވް ޝައިޚް އަޙްމަދު ބިން ސަޢީދު އާލްމަކްތޫމް ވިދާޅުވިގޮތުގައި، ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރަށް އަޅާފައިވާ ހުރަަސްތަކުގެ ސަބަބުން ފާއިތުވި އަހަރު އެމިރޭޓްސްއަށް ވަނީ 20.3 ބިލިއަން ދިރްހަމް (5.5 ބިލިއަން އެމެރިކާ ޑޮލަރު) ގެ ގެއްލުމެއް ވަނީ ވެފައެވެ. މި ގެއްލުމާ އަޅާ ބަލާއިރު، 2019 ވަނަ އަހަރު އެމިރޭޓްސްއަށް ވަނީ 1.1 ބިލިއަން ދިރްހަމް (288 މިލިއަން އެމެރިކާ ޑޮލަރު) ގެ ފައިދާއެއް ވެފައެެވެ.

މީގެ ކުރިން އެމިރޭޓްސްގެ ވިޔަފާރީގައި ގެއްލުން ވެފައިވަނީ 1987-1988 މާލީ އަހަރުގައެެވެ.  އެއީ އެ އެއާލައިން އުފެދިގެން 3 އަހަރުވެސް ނުވަނީހެވެ.

ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރަށް އައި ހީނަރުކަމުގެ ސަބަބުން، އެމިރޭޓްސް އުފުލި ފަސިންޖަރުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ފާއިތުވި އަހަރު އެެއެއާލައިނުން ވަނީ 6.6 މިލިއަން ފަސިންޖަރުން އުފުލާފައެެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %66 ގެ ދަށްވުމެކެވެ.

ކޮވިޑް-19 ފެށުމުގެ ކުރިން އެމިރޭޓްސް އެއާލައިނުގައި 60 ހާސް މުވައްޒަފުން ތިއްބެވެ. އޭގެ ތެރޭގައި 4300 ޕައިލެޓުންނާއި، 22 ހާސް ކެބިން ކުރޫން ހިމެނެއެވެ. އެހެންނަަަމަވެސް، ގިނަ މުވައްޒަފުންތަކެއް ވަކިކުރުމަށް ފަހު މިހާރު އެއެއާލައިނުގައި ތިބީ 40 ހާސް މުވައްޒަފުންނެެވެ.

އެމިރޭޓްސް އެއާލައިނަކީ ދުނިޔޭގެ އެންމެ ބޮޑު ޖަމްބޯޖެޓް، އެއާބަސް އޭ-380 ގެ އެންމެ ބޮޑު ފްލީޓެއް އޮތް އެއާލައިނެެވެ. އެއެއާލައިނުގައި އޭ-380 ގެ 113 މަތިންދާބޯޓު އޮވެއެވެ. އޭގެ ތެރޭން ގިނަ މަތިންދާބޯޓުތައް ފާއިތުވި އަހަރު އުދުއްސާފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.