ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް މަސައްކަތްކުރުމުގައި ދެމިހުންނާނަން: އދ. ގެ ސެކްރެޓަރީ ޖެނެރަލް

ފަލަސްޠީނާއި އިސްރާއީލާއި ދެމެދު "އަދުލުވެރި، ޝާމިލު، ދާއިމީ ސުލްހައެއް" ގާއިމުކުރުމަށާއި، "ފުރިހަމަ ސިޔާދަތު ލިބިގެންވާ، ބިންތައް ގުޅިފައިވާ، ޑިމޮކްރެޓިކް ދައުލަތެއް ފަލަސްޠީނުގައި ގާއިމުކުރުމަށް" މަސައްކަތްކުރުމުގައި ދެމިހުންނަވާނެ ކަމުގައި އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ގެ ސެކްެރެޓަރީ ޖެެނެރަލް އެންޓޯނިޔާ ގުޓަރޭޝް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ 1 އެޕްރީލް 2020 އާއި 31 މާރިޗު 2021 އާ ދެމެދު ފަލަސްޠީނަށް ލިބުނު އެހީތަކާ ބެހޭ ރިޕޯޓު އދ. ގެ އާއްމު މަޖިލީހުގެ މެންބަރު ގައުމަތަކަށް (193 ގައުމު) އަށް ހުށަހަޅުއްވަމުންެނެވެ.

"ސުލްހަވެރިކަމާ އަމާންކަމާއެކީ އެކުގައި ދެމިއޮންނާނޭ، އެއް ދައުލަތް އަނެއް ދައުލަތްް ގަބޫލުކުރާ ދެ ދައުލަތް އޮވެ، ޤުދްސަކީ އިސްރާއީލާއި ފަލަސްޠީނުގެ ވެރިރަށް ކަމުގައިވެ، އަދި ފަލަސްޠީނުގެ ބިމާ ބެހޭ އެެންމެ ފަހުގެ ނިންމުންތައް މަޝްވަރާގެ މަތިން ދާއިމީ ގޮތަކަށް ހައްލުވެގެން ނޫނީ ފަލަސްޠީނާއި އިސްރާއީލުގެ ރައްޔިތުންގެ އުއްމީދުތައް ހާސިލު ނުކުރެވޭނެ." ގުޓަރޭޝް ވިދާޅުވިއެވެ.

ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީ އާބާދީތައް ބިނާކުރުން ހުއްޓާލުމަށާއި، ދެ ދައުލަތު ހައްލުގެ އަސާސަކީ ޖޫން 1967 ގެ ކުރިން އޮތް އިސްރާއީލުގެ ސަރަހައްދުކަން ގަބޫލުކުރުމަށް އިސްރާއީލުން ދެކޮޅުހެދުމާ ގުޅިންގެން ސުލްހައިގެ ވާހަކަތައް 2014 ވަނަ އަހަރު މެދުކަނޑާލި ފަހުން އެ ވާހަކަތައް ފެށިފައި ނުވެއެވެ.

އޭރު ވެރިކަމުގައި ހުރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަން މިމަހުގެ 13 ވަނަ ދުވަހުގެރޭ ނިމުމަކަށް އައިސް، އިސްރާއީލުގައި އާ ކޯލިޝަން ސަރުކާރެއް އަޔަސް، ސެކްރެޓަރީ ޖެނެރަލް ގުޓަރަޭޝް އެވިދާޅުވާފަދަ ހައްލަކަށް މަގުފަހިވާނެ ކަމުގެ އެއްވެސް އުއްމީދެއް އަދި ނެތެވެ.

ނަތަންޔާހޫއަށް ފަހު އިސްރާއީލުގެ ބޮޑުވަޒީރުކަމާ ހަވާލުވި ނަފްތާލީ ބެެނެޓްއަކީ ކަނާތުފިޔަައިގެ ހަރުކަށި ސިޔާސަތަށް ތާއީދުކުރާ މީހެކެވެ. އަދި އޭނާގެ 'ޔަމީނާ' ޕާޓީއަކީ ހިފާފައިވާ ބިންތަކުގައި ޔަހޫދީ އާބާދީތައް ބިނާކުރުމަށް ތާއީދުކުރާ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމުވުމާ ކަނޑައެޅިގެން ދެކޮޅު ޕާޓީއެކެވެ.

ގުޓަރޭޝް އިއްެޔެ ހުށަހެޅުއްވި ރިޕޯޓުގައި ވާގޮތުން 2020 ވަނަ އަހަރު ފަލަސްޠީނުގެ 2 މިލިއަނެއްހާ މީހުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ލިބިފައި ނެތެވެ. އޭގެތެރޭން 1.4 މިލިއަން މީހުންނަކީ ޣައްޒާގެ ރައްޔިތުންނެެވެ. އަނެއް 6 ލައްކަ މީހުން ދިރިއުޅެނީ ހުޅަނގު އައްސޭރީގައެެވެ. މިއީ 2019 ވަނަ އަހަރަށް ވުރެ 3 ލައްކަ މީހުން އިތުރު އަދަދެކެވެ.

"ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ 1.8 މިލިއަން މީހުންގެ އިންސާނީ ބޭނުންތަކަށް އިޖާބަދިނުމުގެ ގޮތުން، އަސާސީ ކާބޯތަކެތީގެ ބާވަތްތައް ފޯރުކޮށްދިނުމަަށާއި، ސިއްހީ ޚިދުމަތާއި، ބޯފެނުގެ ޚިދުމަތް ދިނުމަށާއި، ނަރުދަމާގެ ޚިދުމަތް ދިނުމަށް 2021 ވަނަ އަަހަރު 417 މިލިއަން ޑޮލަރު ބޭނުންވާނެކަމަށް ބެލެވޭ." ގުޓަރޭޝް ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.