ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް

އިސްރާއީލުގެ އާ ބޮޑުވަޒީރު ނަފްތާލީ ބެނެޓް

މެދުނުކެނޑި 12 އަހަރު ދުވަހު އިސްރާއީލުގައި ބޮޑުވަޒީރުކަން ކުރި ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އަތުވެއްޖެއެވެ. އޭނާގެ ވެރިކަން ނިމުމަކަށް އައީ ޔައިރް ލަޕިޑްގެ ޔެޝް އަދިތު ޕާޓީ އިސްވެ އޮވެ އެކުލަވާލި ކޯލިޝަނަށް އިސްރާއީލުގެ ގާނޫނުހަދާ މަޖިލިސް، ކްނެސެޓުން ރުހުން ދިނުމުންނެވެ. ކޯލިޝަނަށް ރުހުން ލިބިފައި ވަނީ އެންމެ ވޯޓެއްގެ އަޣުލަބިއްޔަތުންނެވެ. 120 މެންބަރުންގެ ތެރޭން ކޯލިޝަނަށް ވޯޓުދިނީ 60 މެންބަރުންެނެވެ. ނަތަންޔާހޫއަށް ލިބުނީ 59 ވޯޓެވެ.

ކޯލިޝަން އެކުލަވާލުމަށް ވެވުނު އެއްބަސްވުމުގެ ދަށުން އެ ކޯލިޝަނުގައި ލަޕިޑްެގެ ބައިވެރިޔާ، ޔަމީނާ ޕާޓީގެ ލީޑަރު ނަފްތާލީ ބެނެޓް ވަނީ ބޮޑުވަޒީރުކަށް އިސްކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން 4 އަހަރުގެ ދައުރުގެ ފުރަތަމަ 2 އަހަރު ބޮޑުވަޒީރުކަން ކުރާނީ ބެނެޓްއެވެ. އަދި ފަހު 2 އަހަރު ލަޕިޑްއެވެ.

ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެނައި ކޯލީޝަނުގައި 8 ޕާޓީ ހިމެެނެއެވެ. އެއީ ޔެޝް އަތިދް (17 ގޮނޑި)، ބްލޫ އެންޑް ވައިޓް (8 ގޮނޑި)، ޔިސްރާއީލް ބޭތެނޫ (ގޮނޑި)، ލޭބަރ ޕާޓީ (7 ގޮނޑި)، ޔަމީނާ (6 ގޮނޑި)، ނިއު ހޯޕް (6 ގޮނޑި)، މެރެޓްޒް (6 ގޮނޑި) އަދި ޔުނައިޓެޑް އަރަބް ލިސްޓް (4 ގޮނޑި) އެވެ.

ބަލި ގަބޫލުުކުރަން ބޭނުންނުވާ ނަތަންޔާހޫ ވަނީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ކޯލިޝަން ފޭލްކޮށްލެވޭތޯ މަސަައްކަތްކޮށްފައެވެ. އެގޮތުން ކޯލިޝަންގައި ހިމެނޭ ބައެއް މެންބަރުން އޭނާގެ ކޮޅަށް އަނބުރައިލެވޭތޯ ނަތަންޔާހޫ މަސައްކަތްކޮށްފައި ވެއެވެ.

އަލަށް ވެރިކަމާ ހަވާލުވި ކޯލިޝަންގައި ހިމެނޭ ޕާޓީތަކަކީ ތަފާތު ސިޔާސީ ފިކުރުގެ ޕާޓީތަކަށް ވެފައި، އެޕާޓިތައް އެއްގަލަކަށް އެރި މައިގަނޑު ސަބަބަކީ ނަތަންޔާހޫއާ ދެކޮޅުވުން ކަމަށްވާއިރު، މި ކޯލިޝަން ދެމި އޮންނާނީ ކިހާ ދުވަހަކު ކަމާމެދު ސުވާލު އުފެދެއެވެ. އަދި މި ކޯލިޝަނުން އިސްރާއީލަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެކަމާ މެދުވެސް މާބޮޑު ޔަގީންކަމެއް ނެެތެވެ.

އަލަށް ބޮޑުވަޒީރުކަމާ ހަވާލުވި ނަފްތާލީ ބެނެޓަކީ މިލިއަން ޑޮަލަަރުގެ ވިޔަފާރި ހިންގާ ވިޔަފާރިވެރިއެކެވެ. އަދި ސިޔާސީ ގޮތުން ބަލާއިރު ކަނާތު ފިޔައިގެ ހަރުކަށި ސިޔާސަތެއް ގެންގުޅޭ މީހެކެވެ. ކުރިން ނަތަންޔާހޫގެ ގާތް އެކުވެރިއެއްގެ ގޮތުގައި ހުރި ބެނެޓް ވަނީ ނަތަންޔާހޫގެ ވެރިކަމުގައި 5 މިނިސްޓްރީއެއްގެ މިނިސްޓަރުކަން ކޮށްފައެެވެ. އޭނާ އެންމެ ފަހުން ހުރީ ޑިފެންސް މިނިސްޓަރު ކަމުގައެވެ.

ނަތަންޔާހޫއަކީ އިސްރާއީލުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރި ބޮޑުވަޒީރެވެ. އޭނާ ވަނީ 1996 އިން 1999 އަށް އިސްރާއީލުގެ ބޮޑުވަޒީރުކަން ކޮށްފައެވެ. އަދި 2009 ވަނަ އަހަރު އެނބުރި އައި ގޮތަށް މެދުނުކެނޑި 12 އަހަރު އެ މަގާމު އަދާކޮށްފައެެވެ. އެހެނކަމުން އޭނާ ވަނީ ޖުމްލަ 15 އަހަރު ބޮޑުވަޒީރުކަން ކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.