ކޮވިޑް ފިޔަވަޅުތަކާ ޚިލާފުވެގެން 80،000 އަށްވުރެ ބޮޑެތި ޢަދަދުތަކުން ޖޫރީމަނާ ދައްކަންޖެހޭ މީހުން އެބަތިބި - ސަރުކާރު

ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ރައްކާތެރި ފިޔަވަޅުތަކާ ޚިލާފުވެގެން 80،000 އަށްވުރެ ބޮޑެތި ޢަދަދުތަކުން ޖޫރީމަނާ ދައްކަންޖެހޭ މީހުން މިހާރު އެބަތިބިކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރެއްވީ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒެވެ. މަބްރޫކް ވިދާޅުވީ ކޮވިޑްގެ ޙާލަތުން އަރައިގަތުމަށްޓަކައި ކުރާ މަސައްކަތުގައި އެންމެ ކަންބޮޑުވާ އެއްކަމަކީ އަޅުގަނޑުމެންގެތެރެއިން ބައެއް މީހުން އަމިއްލަ ދިފާޢުގައި ކުރަންޖެހޭ ކަންކަން ދޫކޮށްލުންކަމަށެވެ. އެގޮތުން މިޙާލަތުގައި ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވެގެން ގިނަބަޔަކު ޖޫރިމަނާކުރަންޖެހޭކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ތަކުރާރުކޮށް ޖޫރީމަނާ ކުރުމުގެ ސަބަބުން ޖޫރީމަނާގެ ގޮތުގައި ޖުމުލަ ދައްކަންޖެހޭ ޢަދަދު 80،000އިން މަތީގައި އުޅޭ މީހުން އެބަތިބިކަމަށެވެ. މިއީ ވިސްނާލަން ޖެހޭ ކަމެއްކަމަށާ، ޙާލަލު ކުޑަކޮށް ރަނގަޅުވެލާއިރަށް ފިޔަވަޅުތަކަށް ޢަމަލުކުރުން ދޫކޮށްލައި ފަރުވާކުޑަކޮށްލައިފިނަމަ އޭގެ ނަތީޖާ އިންތިހާއަށް ގޯސްވެދާނެކަން އެއީ ކޮންމެ މީހަކަށްވެސް އެނގޭނެކަމެއްކަމަށެވެ. މިފަދަ ދެރަކަންކަން ހުއްޓުވަން ދެން ޢަމަލުކުރަންވީ ކޮންގޮތަކަށްތީ މިއީ ވިސްނާލަންޖެހޭ ކަމެއްކަމަށް މަބްރޫކް ވިދާޅުވިއެވެ.

މެއި މަސް ފެށުނުފަހުން ރާއްޖޭގެ ކޮވިޑުގެ ޙާލަތު އިންތިހާއަށް ގޯސްވެގެން ދިޔައެވެ. މިބަލީގައި ނިޔާވާ މީހުންގެ ޢަދަދު ރެކޯޑް މިންވަރަކަށް މައްޗަށްގޮސް ޕޮޒިޓިވް ކޭސްތައް އަތްނުފޯރާ ފަށަށް އުފުލުނެވެ. އެއާއެކު ސަރުކާރުން ވަނީ ޙާލަތު އެންމެ ގޯސްވި، މާލެ ސަރަޙައްދުގައި ކާފިއު އިއުލާންކޮށް ގާތްގަނޑަކަށް ފުރަބަންދުކޮށްފައެވެ.

މިދިޔަ މެއި މަހުގެ 26ވަނަ ދުވަުންފެށިން ހަވީރު 16:00އިން ހެނދުނު 08:00އަށް މާލެ ސަރަޙައްދުގައި ކާފިއުގެ ހިންގައި އެނޫން ވަގުތުތަކުގައިވެސް ބޭރަށް ނުކުމެވޭނީ ޚާއްސަ ހުއްދައެއްގެ ދަށުންކަމަށް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.