ރާއްޖޭގެ މިނިވަންކަމަށް ކުރެވުނު ފިކުރީ ހަނގުރާމައިގާ ނުފެންނަ ޞަފުޙާތައް (9)

(9 ޖޫން 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

  

އިތުރުލިޔުން B

ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން ދެއްވާ ޚިޠާބު

1 ޖެނުއަރީ 1953

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މރ. އޭ. އެމް. އަމީންދީދީ!

ޢިއްޒަތްތެރި ސާޙިބާއެވެ!

އަދަބު އިޙުތިރާމާއި، ގާތް އެކުވެރިކަމުގެ އިޙުސާސްތަކާއެކު، ޢިއްޒަތްތެރި މަނިއްޕުޅާ މުޚާޠަބުކޮށް، މި މުނާސަބަތުގައި، އެއްޗެއް ދަންނަވާލުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނުކަމަށްޓަކައި އުފާކުރަމެވެ. މިއަދަކީ، ދިވެހި ތާރީޚުގައި، ކުލަގަދަކޮށް ލިޔެވޭނެ، ތާރީޚީ، އެންމެ މުހިންމު ދުވަސްތަކުން ދުވަހަކަށްވާނެކަމާމެދަކު  ޝައްކެއް ނެތެވެ. މިއަދަކީ، އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުން، ހިތާއި ނަފުސުން، ހިތުގެ އެންމެ އަޑިން، އިޚުލާޞްތެރިކަމާއެކު އެދިތިބި، އެބައިމީހުންގެ ހުވަފެން ޙަޤީޤަތަކަށްވާ ދުވަހެވެ. މިއަދަކީ، ދިވެހިރައްޔިތުން، އެބައިމީހުންގެ ލޯތްބާއި އިޙުތިރާމް ލިބިވަޑައިގެންވާ، މަތިވެރި ޒަޢީމަށް އަރުވާ މަޤާމުގެ އެންމެ މަތީ ފަޚުރާއި ޝަރަފު، ޤަބޫލުކުރައްވައި ބަލައިގެންނެވުމުގެ ހާއުހައުވެރިކަން، ދިވެހި ހިތްތަކަށް ގެނެސްދޭނެ ދުވަހެވެ.  މިއަދު، އަޅުގަނޑުމެން މިތަނަށް އެއްވެ، އުފާފައުޅުކުރަމުން މިގެންދަނީ، އަޅުގަނޑުމެންގެ ޤައުމު، ޤާނޫނީ ރަސްކަމަކުން، ޖުމްހޫރިއްޔާއަކަށް ބަދަލުވާތަން ދެކެ، އެކަން ހެކިވުމަށެވެ. މިއަދު، އަޅުގަނޑުމެން ތިޔަ ޢިއްޒަތްތެރި މަނިއްޕުޅަށް ކުރުނީސް މިކުރަނީ، ހަމައެކަނި މިއަދުގެ ބަޠަލަށްވީތީ އެކަންޏެއްނޫނެވެ. އަދި ކިއެއްތަ، އެޢާއިލާއަކަށްޓަކައި، މުޅިދިވެހި ޤައުމު ފަޚުރުވެރިވާފަދަ، އަގުހުރި ރަސްމަތިފުށުގެ ޢާއިލާއަކުން ވަޑައިގެންހުންނެވި، ރަސްމަތިފުށުގެ ބޭފުޅަކަށްވީތީވެސްމެއެވެ.

މިއަގުހުރި، ތާރީޚީ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޙައިޞިއްޔަތުން، އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުންގެ ފަރާތުން، އަދަބު އިޙުތިރާމާއެކު، ހިތުގެ އެންމެ ފުންމިނުން، މަނިއްޕުޅަށް، މަރުޙަބާއާއި ތަހުނިޔާ ދެންނެވުމަކީ، އަޅުގަނޑަށްލިބޭ ފަޚުރެކެވެ.

އަޅުގަނޑުމެންގެ، ޤައުމުގެ ރަސްކަމުގެ ތަޚުތަކީ، އަގުހުރި އަދި ޢިއްޒަތްތެރި އެތައް ރަސްރަސްކަލުންނެއް، އެތަޚުތުގައި ރެދަލިކުރައްވައި، އަގުހުރި އެތައް ބަޠަލުންނެއްގެ ފުރާނަފުޅު، ޤައުމަށްޓަކައި ޤުރުބާން ކުރައްވާފައިވާ، މަތިވެރި ތަޚުތެއްކަމުގައި ދެންނެވުމުގެ ބޭނުމެއް ނެތެވެ. ދިވެހި ތަޚުތުގައި ރެދަލިކުރައްވާފައިވާ ރަސްރަސްކަލުންނާއި، ރަނިކަނބަލުންނަށް ބަލާއިރު، ދިވެހި ޤައުމު ދުށް، މިފަދަ އަގުހުރި އެތައް ބޭފުޅުންނެއް ޢަދަދު ކުރެވި ގުނިގެން ދެއެވެ. އުތީމު ރަދުން ނުވަތަ ބޮޑުތަކުރުފާނުގެ ނަންފުޅުން މަޝްހޫރުވެ ވަޑައިގެންނެވި، އައްސުލްޠާން މުޙަންމަދު ތަކުރުފާނު، އައްސުލްޠާން ޙަސަން ޢިއްޒުއްދީނު، އަދި އައްސުލްޠާން އިބްރާހީމް އިސްކަންދަރު ފަދަ ރަސްރަސްކަލުންގެ ޒިކުރާއަކީ، ތާއަބަދު އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅުނެގި، ތާޒާކަންމަތީ، ދެމިހުންނާނެ ޒިކުރާއެކެވެ.

އެއަގުހުރި އަބްޠާލުންގެ އަތްޕުޅުމަތީއޮތް މަތިވެރި ބާރުތައް، އަޅުގަނޑުމެންނަށް ލިބި، އަޅުގަނޑުމެންގެ އަތްމައްޗަށް ބަދަލުވެގެންދިއުމީ، މިޒަމާނަށް އެންމެ ފެތޭ، އަދި މިދުވަސްވަރާ އެންމެ ގުޅޭ ދުސްތޫރެވެ. އެއީ، ޤައުމަށްޓަކައި ޤުރުބާންވެވަޑައިގެން، ޤައުމަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ ނަޞްލަށް ނިސްބަތްވާ ބަޔަކަށް، އަޅުގަނޑުމެން ވީތީ އެކަންޏެއްނޫނެވެ. އެހެނަސް އެއަށްވުރެބޮޑަށް، އަޅުގަނޑުމެންގެ އަމިއްލަ ޙައްޤުގައި، މިފަސްގަނޑުގެ، އެންމެ މަތިވެރި ބާރުތަކަށް ނިސްބަތްވާ، މަތިވެރި މަޤާމު އަދާކުރެއްވުމަށް،  އެންމެ އައުލާކަންބޮޑީ، އަޅުގަނޑުމެންކަން، އަޅުގަނޑުމެންގެ އަމިއްލަ ނަފުސަށް، އަޅުގަނޑުމެން އަމިއްލަޔަށް ސާބިތުކޮށް ހެކިކޮށްދީފައިވާތީއެވެ. މިޤައުމު ދެކެމުން ހެކިވަމުން މިދަނީ، ޤައުމަށްޓަކައި އަޅުގަނޑުމެންނަށް، ވެވިގެންދާނެ އެންމެ މަތިވެރި ޤުރުބާނީއެވެ. އަޅުގަނޑުމެންގެ ދުޅަހެޔޮކަމާއި، އަގުހުރި ވަގުތާއި، ރެޔާއި ދުވާލު، ހަށިގަނޑުން އޮހޮރުވިގެންގޮސްފައިވާ އަގުހުރި ދާތަކުގެ އަގު ވަޒަންކުރަމުންނެވެ. އެހެންކަމުން، ޤައުމުގެ އެންމެ މަތީބާރުތަކަށް މަނިއްޕުޅު އިސްވެވަޑައިގަތުމަކީ، ޤައުމުގެ ޙާލުގެ ދުލުން މިއަދު ގޮވަމުންދާ، ރައްޔިތުންގެ އެންމެ މަތިވެރި ، އެދުމެވެ.

ރައްކައުތެރި، ހަރުދަނާ ބިންގަލެއްގެ މައްޗަށް ބިނާވެގެންވާ، އަޅުގަނޑުމެންގެ އިޚުލާޞްތެރިކަމާއި، ކިޔަމަންތެރިކަމާ އަދި ލޯތްބާއި ފިކުރާ، ޚިޔާލާތު، މިތާރީޚީ މުނާސަބަތުގައި އަޅުގަނޑުމެންގެ ހަނދާނަކަށް ނުގެނެވޭނެއެވެ. މިހުރިހާކަމެއްގެ ފެށުން ގުޅިފައިވަނީ، އެބޭބޭފުޅުން މިޤައުމަށް ކޮށްދެއްވާފައިވާ މަތިވެރި ޚިދުމަތް، ދުލުން ބަޔާންކުރަން މިފަދަ ވަގުތަކަށް ދަތި، އަދި، އަޅުގަނޑުމެންގެ ހިތްތައް ޝުކުރުވެރިކަމުން ފުރިގެންވާ، މަނިއްޕުޅުގެ ލޮބުވެތި ކާފާފުޅު، އަލްއަމީރު އަޙްމަދު ދޮށިމޭނާ ކިލެގެފާނު، އަދި ހަމަ އެފަދައިން، މަނިއްޕުޅުގެ ލޮބުވެތި ބޮޑުބޭބޭފުޅު، އަލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނާއެވެ. މިޒަމާނުގެ ދިވެހިރާއްޖޭގެ މޭސްތިރިންނަކީ، އެބޭބޭފުޅުންނާއި، މަނިއްޕުޅު ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. މަނިއްޕުޅަކީ، އައްސުލްޠާނު ޙަސަން ޢިއްޒުއްދީނުފަދަ، އަގުހުރި ރަސްރަސްކަލުން، އެދަރިކޮޅަކުން އުފަންވެވަޑައިގެންފައިވާ، ހުރާ ދަރިކޮޅުގެ އަގުހުރި ދަރިއެއްކަން، އަޅުގަނޑުމެންގެ ހަނދާނަށް ގެންނަމުއެވެ.

އެހެންނަމަވެސް، މަނިއްޕުޅަށް ލިބިވަޑައިގެންވާ ލިޔާޤަތާއި ޤާބިލިއްޔަތުގެ މައްޗަށް، އަޅުގަނޑުމެންގެ ހިތްތަކުގައިވާ މަތިވެރި އިތުބާރާއި ޔަޤީންކަމަކީ، މަނިއްޕުޅުގެ ކާބަފައިންގެ ފަރާތްޕުޅުން ލިބިވަޑައިގެންފައިވާ އެއްޗެއްކަމުގައި ދެންނެވުމަކީ، މަނިއްޕުޅަށާއި ޚުދު އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ފަރާތުން ކުރެވޭ ބޭއިންޞާފެއްކަމުގައި މެނުވީ ނުވާނެއެވެ. ތެދުތެދަށް ދަންނަވާނަމަ، އަޅުގަނޑުމެންގެ ލޯތްބާއި އިޙުތިރާމާއި ޤަދަރު، މަނިއްޕުޅު މިލްކު ކުރައްވައިފީމުއެވެ. އަޅުގަނޑުމެންގެ ދިގު ތާރީޚުގައި ޤައުމު އުފައްދާފައިވާ އަގުހުރި، ޙަޤީޤީ ބަޠަލެއްގެ ގޮތުން، މަނިއްޕުޅުގެ ނަފުސުގެ ޙައްޤުގައި، އަޅުގަނޑުމެންގެ ބަރޯސާ އާއި ޔަޤީންކަން މަނިއްޕުޅުވަނީ ޙާޞިލު ކުރައްވާފައެވެ.

ޒަމާންތަކަކަށް ދެމިގެންދިޔަ، ޤާނޫނީ ރަސްކަމަކުން ޖުމްހޫރިއްޔާއަކަށް، މިޤައުމު ބަދަލު ވުމުގައި، މަނިއްޕުޅަށާއި އަޅުގަނޑުމެންނަށް، ފުރިހަމަ އިތުބާރާއި ޔަޤީންކަން ލިބިގެންވާކަމުގައި، މަނިއްޕުޅަށް ކަށަވަރުކޮށް އަރުވަމެވެ. މާތް ﷲ ގެ ވާގިފުޅާއެކު، އަޅުގަނޑުމެންގެ ހިތްތަކުގައި، މި ޅަ ޖުމްހޫރިއްޔާގެ މައްޗަށް އެއްވެސް ބިރުވެރިކަމެއްގެ އިޙުސާސެއް، އަދި ހާސްކަމެއް ނެތެވެ. އަދި އަޅުގަނޑުމެންގެ ރައީސްގެ ޒަޢާމަތުގެ މައްޗަށް، ހަމައެކަނި އޮތީކީ، ޙަޤީޤީ އިޚުލާޞްތެރިކަމާއި އިތުބާރުގެ ޔަޤީންކަން އެކަންޏެއްނޫނެވެ. އަދި ކިއެއްތަ، ހުރިހާކަމެއްގެ މައްޗަށް، ޙުއްބުލްވަޠަންގެ ލޯބި، އެމަނިއްޕުޅުގެ ހިތްޕުޅުގައި އިސްކުރައްވާފައިވާ، ތަޖުރިބާކާރު، ހިންގުންތެރި ޒަޢާމަތެއްގެ ކަށަވަރުކަންވެސް މެއެވެ. ކޮންމެ ގޮތަކަށް ހިންގޭ ސަރުކާރެއް އަޅުގަނޑުމެން އިޚުތިޔާރު ކުރި ނަމަވެސް، މަނިއްޕުޅު، އެވެރިކަމެއްގެ ޒަޢާމަތުގައި ހުންނަވައިފިނަމަ، މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅާއި ވާގިފުޅާއެކު، އަޅުގަނޑުމެންގެ ޤައުމު، އާ އުސްމިންތަކަކަށް ވާޞިލުކޮށްދެއްވާނެކަން ، އަޅުގަނޑުމެންގެ އަމިއްލަ ނަފުސަށް ކަށަވަރު ކުރަމުއެވެ.

ދެންނެވުމުގެ ބޭނުމެއް ނެތެވެ. ދިވެހިރައްޔިތުންގެ ހިތްތައް މިދަނީ، ހާއުހައުވެރިކަމުގެ ޖަޒުބާތުން ފުރި އުތުރެމުންނެވެ. ޒަމާންތަކަކަށް ދެމިގެން ގޮސްފައިވާ ދިވެހި ރަސްކަން، އިތުރަށް ދެމިދިއުމަށް އެދިވަޑައިގެން ހުންނެވި ޙާލުކޮޅުގައިވެސް، ޤައުމުގެ އާދޭހުގެ އަޑު އައްސަވާ، ޤައުމުގެ ހުންގާނުގައި ހިއްޕެވުމަށް މަނިއްޕުޅު، ނިންމެވި ނިންމެވުމަށްޓަކައެވެ.

މި ލޮބުވެތި ޤައުމުގެ ފުރަތަމަ ރައީސަށް ވެވަޑައިގަތުމަށް، މަނިއްޕުޅު ނިންމެވި ނިންމެވުމާ ހިސާބުން، މުޅި ޤައުމަށް ތިޔަގެނެސްދެއްވީ، ރައްކާތެރިކަމާއި ހާއުހައުވެރިކަމުގެ ކަށަވަރުކަން ކަމުގައި ދަންނަވާލުމުގެ އިޒުނަ ދެއްވުން އެދެމެވެ. ޤައުމުގެ ކުރިއެރުމާއި ރައްޔިތުންގެ ހެވާއި ލާބަޔަށް، މަނިއްޕުޅު ކޮށްދެއްވާފައިވާ އިޚުލާޞްތެރި ޚިދުމަތްޕުޅު، އަޅުގަނޑުމެން ދިވެހިންގެ ހިތްތަކުގައި ވަނީ ބިންވަޅު ނެގިފައިކަމުގައި، އިތުރަށް ދަންނަވާލުމުގެ އިޒުނަވެސް ދެއްވާށެވެ ! އަދި އެކަންކަމަކީ، ވެހޭ ވާރެޔަކުން އަދި ދޭއަތްވަކުން ކިލަނބުވެ ފުހެވިގެންދާނެ ކަންކަމެއްނޫނެވެ. ރައްޔިތުންގެ ލާބަޔާއި މަންފާއާއި، ޤައުމުގެ ކުރިއެރުމާ އަދި ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި، މަނިއްޕުޅު ކޮށްދެއްވާފައިވާ އަގުނުކުރެވޭފަދަ ޚިދުމަތްޕުޅަކީ، ދިވެހި ދަރިންގެ ހިތްތަކުން ދުވަހަކުވެސް ފިލައިދާނެ އެއްޗެއްނޫނެވެ.

އަޅުގަނޑުމެންގެ ހިތްތަކުގައި މަނިއްޕުޅުގެ މައްޗަށް އޮތް އިތުބާރާއި ޔަޤީންކަމަށް، އިތުރު ބާރެއްލައި، ކަށަވަރުކުރުމުގެ އިޒުނަދެއްވުން އެދެމެވެ. އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް، ދީނާއި ޤާނޫނަށް ޙުރުމަތްތެރިކޮށްހިއްތެވުމާއެކު، ވާޖިބަށް ޒިންމާދާރު ވެވަޑައިގަންނަވާނެ ރައީސެއް އަޅުގަނޑުމެންނަށް ލިބިއްޖެއެވެ. އަޅުގަނޑުމެންގެ ފަރާތުން މަނިއްޕުޅަށް ލިބިވަޑައިގަންނަވާނީ، ހިތްހަމަޖެހުމާއެކު، އެއްބާރުލުމާއި، މަނިކުފާނު ދައްކަވާ މަގުން ކަސިޔާރުނުވެ ހިނގައިދިއުމަށް، އަބަދުވެސް، ތައްޔާރަށް ތިބިކަމުގެ ޔަޤީންކަމެވެ. އަޅުގަނޑުމެންގެ ހަށިގަނޑުގައި ދައުރުވާ އެންމެފަހު ލޭތިއްކަށް ދަންދެން، ހިތާއި ނަފުސުން، ލެޔާއި ފުރާނައިން، މަނިއްޕުޅަށްޓަކައި، އަދި މި ޤައުމަށްޓަކައި ޤުރުބާންވުމަށް، ފަހަށް ނުޖެހޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ.

ޢިއްޒަތްތެރި ސާހިބާއެވެ ! ޝައްކެއްނެތެވެ. މަނިއްޕުޅުގެ ފަރާތްޕުޅުން މިޤައުމަށް ލިބިގެންމިދާ އަގުނުކުރެވޭފަދަ ޚިދުމަތްޕުޅާއި، ރައްޔިތުންގެ ކުރިއެރުމާ އަދި އެބައިމީހުންގެ ލާބަޔާއި މަންފާއަށްޓަކައި، ޙާޞިލުކުރައްވަމުން ތިޔަގެންދަވާ ކާމިޔާބީތަކުގެ ތަފުޞީލަށް ދާންވެއްޖެނަމަ، އަޅުގަނޑުމެންގެ މިއަދުގެ ތާރީޚުގެ ޞަފުޙާތައް، އަޅުގަނޑަށް އެ ހުޅުވާލެވެނީއެވެ. އަޅުގަނޑުމެންނަށް މިއަދު ލިބިފައިމިވާ ރައްކައުތެރި މާޙައުލާއި، ތަރައްޤީއާއި ތަމައްދުންގެ ކުރިއެރުންތަކާއި، ޚާއްޞަކޮށް، އަޅުގަނޑުމެންގެ ތަޢުލީމާއި، ތާރީޚާޢީ ސަގާފަތަށްޓަކައި، އަޅުގަނޑުމެން ފަޚުރުވެރިވެ، ދަރާފައިވަނީ ހަމަ އެންމެ ފަރާތަކަށެވެ. އަޅުގަނޑުމެންގެ ހިތްތަކުގައި ޙުއްބުލްވަޠަންގެ ރޫޙު އުފައްދަވައި، ޤައުމަށްޓަކައި ޤުރުބާންވުމުގެ ޢަޒުމް އަށަގެންނުވީ، މަނިއްޕުޅު ނޫން ދެވަނަ އެހެން ފަރާތެއްނޫންކަމުގައި އަޅުގަނޑު ދަންނަވައިފިނަމަ، އަޅުގަނޑަށް ހުށަހަޅާ، އެބަޔާންކުރެވުނީ ކަމުގެ ސާފު ޙަޤީޤަތެވެ. މިނިވަން ދިދައެއްގެ ހިޔާވަހިކަމުގެ ދަށުގައި ދިރިއުޅުމާއި، ޤައުމީ މިނިވަންކަމުން ލިބިދޭ ފަޚުރުވެރިކަމުގެ ޙަޤީޤީ އިޙުސާސްތައް، އަޅުގަނޑުމެންނަށް ދަސްކޮށްދެއްވައި، އުނގަންނަވައިދެއްވީ، މަނިއްޕުޅެވެ.

މުޅި ޤައުމުގެ އެންމެހައި ރައްޔިތުންގެ ލޯތްބާއި އިޙުތިރާމް، އަދި ހެޔޮއެދުމާއި ތަހުނިޔާ، ޤަބޫލުފުޅު ކުރެއްވުން އެދި،  ވަރަށް އަދަބުވެރިކަމާއެކު، މަނިއްޕުޅުގެ ޢިއްޒަތްތެރި އަރިހުގައި ދެންނެވުމުގެ ޝަރަފު، އަޅުގަނޑު، ލިބިގަންނަމެވެ.

މިޤައުމަށްޓަކައި ލޭފޮދު އޮހޮރުއްވައި ޤުރުބާންވެވަޑައިގެންނެވި އަބްޠާލުންތަކެއްގެ ހަށިކޮޅުތައް، އެތައް ޒަމާނަކުއްސުރެ ފަސްދާނުލެވިފައިވާ މިފަސްގަނޑުގައި، އެފެދުނު ޤައުމީ ޒަޢީމެއްގެ ގޮތުގައްޔާއި، ޤައުމުގެ ބައްޕައެއްގެ ގޮތުގައި، މި ޤައުމު މަނިއްޕުޅައްޓަކައި ފަޚުރުވެރިވެ، އަދަބު ތަޢުޟީމާއެކު، އިޙުތިރާމު އަދާކުރާކަމުގައި،  އަޅުގަނޑުމެން ޔަޤީންކޮށް އަރުވަމެވެ. މިއަދު، މަނިއްޕުޅުގެ އަޑުފުޅަކީ ޤައުމުގެ އަޑެވެ. މަނިއްޕުޅަކީ، މިލޮބުވެތި ވަޠަނެވެ. މިލޮބުވެތި ވަޠަނަކީ މަނިއްޕުޅެވެ.

ކާމިޔާބީގެ އިތުރު، އުސް ހަރުފަތްތަކަށް އަޅުގަނޑުމެން ވާޞިލުވުމުގައި، މަނިއްޕުޅަށް ދުޅަހެޔޮ ޙަޔާތްޕުޅެއް މިންވަރު ކުރައްވައި، ޢުމުރުފުޅު ދިގުކުރެއްވުންއެދި، ކީރިތި ﷲގެ މަތިވެރި ޙަޟުރަތަށް، އަޅުގަނޑުމެން ދުޢާ ދަންނަވަމުއެވެ.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އެބޭފުޅަކަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވާ، އަޅުގަނޑުމެންގެ ޢިއްޒަތްތެރި ނައިބު ރައީސް، މރ. އިބްރާހީމް މުޙަންމަދުދީދީ އަށް، ޤައުމުގެ ނަމުގައި، މަރުޙަބާއާއި ތަހުނިޔާ އަރިސްކުރަމެވެ. މި ލޮބުވެތި ފަސްގަނޑަށް އުފަން، ދިވެހި ރައްޔިތުންގެ ޚިދުމަތުގައި ދެމިހުންނެވި، ފަޚުރުވެރި، އަގުހުރި ދިވެހިދަރިއެއްގެ ޙަޤީޤީ ތަޞައްވުރުގައި، އަޅުގަނޑުމެން، އެމަނިއްޕުޅުވެސް ބަލައިގަންނަމުއެވެ. މި ޤައުމުގެ ފުރަތަމަ ނައިބު ރައީސްގެ ގޮތުގައި، އެމަނިއްޕުޅު އަޅުގަނޑުމެންނަށް ލިބުނުކަން އެއީ، އަޅުގަނޑުމެންގެ ނަޞީބެވެ. ހިތުގެ އެންމެ އަޑިން، އެމަނިއްޕުޅަށް، މަރުޙަބާއާއި ތަހުނިޔާ ދަންނަވައި، އަޅުގަނޑުމެންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން، އެމަނިއްޕުޅާއެކުގައިވާކަން، ކަށަވަރުކޮށް އަރުވަމެވެ.

ކީރިތި ﷲ، މަނިއްޕުޅަށް، އުފާވެރި، ދުޅަހެޔޮ، ދިގު ޢުމުރުފުޅެއް މިންވަރު ކުރައްވާށިއެވެ ! އަދި މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގެ އަލިމަގުގައި، އަޅުގަނޑުމެންގެ ޤައުމު ކުރިޔަށް ގެންދެވުމުގެ ހެޔޮތައުފީޤު، ކީރިތި ﷲ، މަނިއްޕުޅަށް އިރާދަ ކުރައްވާށިއެވެ !

މަނިއްޕުޅަށް އެންމެ ކިޔަމަންތެރި ޚާދިމުގެ ޝަރަފުލިބިގެންވާ ނިކަމެތި ޚާދިމު

(ސޮއި)  މޫސާ ޙަސަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.