ޖެނުއަރީ މަސް ނިމުމުގެ ކުރިން ބުރިޖުގެ ހުރިހާ ބީމުތައް ރާއްޖެ ގެނެވޭނެ- މުއިއްޒު

ބްރިޖްގެ ބީމްތައް ހެދުމުގެ މަސައްކަތް ޗައިނާގައި ކުރަމުންދާ މަންޒަރު- ފޮޓޯ ު ޓްވިޓާ- މުއިއްޒު

މާލެ އާއި ހުޅުމާލެ ގުޅުވައި ދިނުމަށްޓަކައި މާލެ އާއި ހުޅުލެއާ ދޭތެރޭގައި އަޅަމުން އަންނަ ބުރިޖުގެ ހުރިހާ ބީމުތަކެއް އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން ޗައިނާއިން ރާއްޖެ ގެނެވޭނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ މުޙަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ބުރިޖުގެ ބީމުތައް ޗައިނާގައި ތައްޔާރު ކުރަމުން އަންނަ ފޮޓޯތަކާއެކު ވިދާޅުވީ "ޖެނުއަރީ 2018 ނިމުމުގެ ކުރިން ހުރިހާ ބީމްތައް މާލެ ގެނެވޭނެ" ކަމަށެވެ.

ބްރިޖުގެ މައި ތަނބު ތަކުގެ ކޮންކްރީޓްގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ބުރިޖުގެ ސުޕަސްޓްރަކްޗާ އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ނިންމުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މިނިސްޓަރ މުއިއްޒު މީގެކުރިން ވިދާޅުވެފައި ވަނީ ބުރިޖުގެ މަސައްކަތް ކަނޑައެޅި ޝެޑިއުލަށް ވުރެވެސް އަވަހަށް ނިމެމުން އަންނަ ކަމަށެވެ.

ޗައިނާ ސަރުކާރުގެ ބޮޑު އެހީތެރިކަމަކާއެކު ކުރިޔަށްދާ ބްރިޖަށް ކިޔާނެ ރީތި ދިވެހި ނަމެއް ހޯދަންވެސް މިހާރު ވަނީ ދިވެހި ބަހުގެ އެކަޑަމީން އާންމުންނަށް ހުޅުވާލާފައެވެ. އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބުރިޖު ހުޅުވުމަށް މަސައްކަތް ކުރަމުންދާއިރު މިއީ 200 މިލިއަން ޑޮލަރު ޚަރަދުވާ ޕްރޮޖެކްޓެކެވެ. މީގެތެރެއިން 116 މިލިއަން ޑޮލަރު ޗައިނާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދިނުމަށް ފަހު 72 މިލިއަން ޑޮލަރުގެ ލޯނު އެހީވެސް ޗައިނާ ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. ދިވެހި ސަރުކާރުން ބުރިޖުގެ މަޝްރޫއަށް ޚަރަދު ކުރާނީ ބާރަ މިލިއަން ޑޮލަރެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.