ޕާކިސްތާނުގެ ސިންދް ޕްރޮވިންސުގެ ދަރްކީ އަަވަަށުގައި އެކްސްޕްރެސް ދެ ރޭލު ޖެހިގެން ހިނގި އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު 40 އަށް އަރައިފިއެވެ. މި ހާދިސާގައި 120 މީހުންނަށް އަނިޔާވެފައި ވާއިރު، އަދިވެސް މިއްލަތު އެކްސްޕްރެްްސް ރޭލުގެ ހަލާކުވެފައިވާ ބައިތަކުގެ ތެރޭގައި ވިއްސަކަަށް މީހުން ތާށިވެފައި ތިބިކަމަށް ވެއެވެ. ފުރަތަމަ ލިބުނު ޚަބަރުތައް ބުނި ގޮތުގައި ހާދިސާގައި މަރުވީ 30 މީހުންނެވެ. އަދި ޒަޚަމްވީ 80 މީހުންެނެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ޕާކިސްތާނުގެ އެންމެ ބޮޑު ރަށް ކަރާޗީގެ އުތުރުން 440 މޭލު ދުރުގައި އޮންނަ ދަރްކީ އަވަށުގައެވެ.
ޕާކިސްތާނު ރޭލްވޭގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ކަރާޗީން ސަރްގޯދާއަށް ދަތުރުކުރަމުން ދިޔަ މިއްލަތު އެކްސްޕްރެސް ރޭލު ދަގަނޑުން ނައްޓާއި އޭގެ ބައިތައް ކައީރިގައި އޮތް ރޭލު ދަގަނޑުގެ މައްޗަށް ފުރޮޅާލީއެވެ. އަދި އެ ރޭލު އެހެން އޮއްވައި ރާވަލްޕިންޑީން ކަރާޗީއަށް ދަތުރުކުރި ސަރް ސައްޔިދު އެކްސްޕްރެސް އޭގައި ޖެހި އެކްސިޑެންޓްވީއެވެ. މިއްލަތު އެކްސްޕްރެސްގެ 6 ބައި ދަގަނޑުން ނައްޓާފައި ވާއިރު، 5 ބައި ވަނީ ފުރޮޅާލާފައެވެ. އަދި އޭގައި ޖެހުނު ސަރް ސައްޔިދު އެކްސްޕްރެސްގެ 2 ބައި ދަގަނޑުން ނައްޓާލައި، 3 ބައި ވަނީ ފުރޮޅާލާފައެވެ.
ދަރްކީ ފުލުހުންގެ އިސް އޮފިސަރެއް ކަމުގައިވާ ޢުމަރު ޠުފައިލް ވިދާޅުވި ގޮތުގައި މަރުވި މީހުންގެ އަދަދު މިހާތަނަށް 40 އެރިނަމަވެސް، ރޭލުގެ ވަރަށް ބޮޑަށް ހަލާކުވެފައިވާ ބައިތަކުގެ ތެރޭގައި ތާށިވެފައި ތިިބި މީހުން އަދި ފެނުމަކީ އެކަށީގެންވެއެވެ.
"ރޭލުގެ އެއް ބައި އޮތީ އިންޖީނުގެ ދަށުގައި. އެތަނުގައި ތާށިވެގެން މަރުވެފައިވާ ތިން މީހެއްގެ ހަށިގަނޑު އަހަރުމެންނަށް ފެނޭ." "އަދި އެހެން ދިމާއަކުންވެސް ދެ މީހެއްެގެ ހަށިގަނޑު ވަނީ ފެނިފައި. އެެހެންކަމުން މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ ބިރު އަހަރުމެންނަށް އެބައޮތް." ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވިއެވެ.
ރޭލްވޭ އޮފިޝަލުން ވިިދާޅުވި ގޮތުގައި އެކްސިޑެންޓް ވީއިރު ދެ ރޭލުގައި 1100 ފަސިންޖަރުން ތިއްބެވެ.
ޕާކިސްތާނުގައި ދޭތެރެ ދޭތެރެއިން ރޭލު އެކްސިޑެންޓު ހިނގައެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2013 ވަނަ އަހަރާ 2019 ވަނަ އަހަރާ ދެމެދު ހިނގި ރޭލު އެކްސިންޑުތަކުގައި 150 މީހުން މަރުވެފައި ވެއެވެ. 2012 އާއި 2017 އާ ދެމެދު 757 ރޭލު އެކްސިޑެންޓު ހިނގާފައިވާކަަމަށް ރޭލްވޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ، އެވްރެޖްކޮށް އަހަރަކު 125 އެކްސިޑެންޓެވެ.