ނަޝީދަށް ދިން ޙަމަލާގެ ތަޙްޤީޤަށް ބޮޑެތިކުރިއެރުންތަކެއް ލިބިއްޖެ - ފުލުހުން

މެއި މަހުގެ 6ވަނަ ދުވަހު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު ދިން ޓެރަރިސްޓު ޙަމަލާގެ ތަޙްޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޝިފާއު ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަޙްޤީޤަށް ޢާއްމުންގެ ފަރާތުންވެސް ވަރަށްބޮޑު އެހީތެރިކަމެއް ލިބެމުންދާކަމަށެވެ. މި ތަޙްޤީޤުގައި މިހާތަނަށް 150އަށްވުރެ ގިނަ ފަރާތްތަކުން ތަހުގީގަށް މައުލޫމާތު ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާތަނަށް  25އަށްވުރެ ގިނަ ތަންތަން ބަލައި ފާސްކުރެވިފައިވާ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާން ވިދާޅުވީ މިމައްސަލައިގެ ތަޙްޤިޤަށް ކުރިއަށްގެންދާ ކަންކަމުގެ އިތުރުން ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންދާ ޚާއްސަ އޮޕަރޭޝަންގެތެރެއިންވެސް ރައީސް ނަޝީދަށް ދިން ޙަމަލާއާ ގުޅުންހުރި ކަމެއް ފެނޭތޯ ބަލަމުންދާކަމަށެވެ.  ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށްގެންދާ އޮޕަރޭޝަނުގައި މިހާތަނަށް 14 މީހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޙަމަލާގެ ތަޙްޤީޤަށް ބޮޑެތި ކުރިއެރުންތަކެއް މިހާތަނަށް ލިބިފައިވާކަމަށް ފުލުހުން ހާމަކުރެއްވިޔަސް އެކަމުގެ މާބޮޑު ތަފްސީލެއް ނުދެއްވައެވެ. މިއީ ޓެރަރިޒަމްގެ މައްސަލައެއްގެ ތަޙްޤީޤުކަމަށްވާތީ ބައެއްކަންކަން މިވަގުތު ހާމަކުރައްވަން ޢުޒުރުވެރިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މިމައްސަލައިގެ ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތު ކުރުމަށްތަކައި މުހިންމު  ގިނަ ފޮރެންސިކް ހެކިތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިމައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވާ 4 މީހުން ފިޔަވައި އިތުރު ބަޔަކު ހައްޔަރުކޮށްފައިނުވާކަމަށާ، އެހެންނަމަވެސް މި ޙަމަލާގެ ފަހަތުގައި ތިބި މީހުން ހޯދޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިހަމަލާއަށް ޚަރަދުކުރި މީހުން ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ހަމަލާއާއި ގުޅިގެން މިހާތަަނަށް ހައްޔަރުކޮށްފައިވާ 4 މީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދާއި ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދާއި ލ.ގަން ، ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.