މިދިޔަ ބުދަދުވަހު ކޯވިޑް-19ގައި ނިޔާވި ކުޑަކުއްޖާ ފާޠިމަތު މިޝްކާ ނިޔާވުމުގައި ކަމާބެހޭ މުއައްސަސާތަކުގެ ދޮގު ހެދުމާއި އިންތިހާ ދަރަޖައިގެ ފަރުވާ ކުޑަކަމާއި އެމެޖެންސީ ޙާލަތުގައި ދޭންޖެހޭ ސަމާލުކަން ނުދީ އޮތްކަން ހާމަވެއްޖެއެވެ.
އުމުރުން އެންމެ 10 އަހަރުގެ މިޝްކާގެ ނިޔާވީ ބަލީގެ ޙާލަތު އެންމެ ބޮޑުވިވަގުތު އެމްބިއުލާންސްވެސް ނުފޮނުވައި އެތައް އިރެއް ހޭދަވެ، ހެލްތު މިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކުގެ އިހުމާލުން ފުރަތަމަ ފެންމަތިވީ މިޝްކާގެ ޢާއިލާގެ ކަންބޮޑުވުމާއެކުއެވެ. އެއާއެކު ހެލްތު މިނިސްޓަރު އަޙްމަދު ނަސީމަށް އެތައް ބައެއްގެ ފާޑުކިއުން އަމާޒުވެ މަޤާމުން އިސްތިއުފާދެއްވުމަށް އެތައްބަޔަކު އައީ އަޑުއުފުލަމުންނެވެ. ފްރެޝަރު ބޮޑުވުމުން މިނިސްޓަރުވަނީ މިޝްކާ ނިޔާވުމުގައި މުއައްސަސާތަކުގެ އިހުމާލު އޮތްކަމަށް ޤަބޫލުފުޅުކުރައްވާކަމަށް ވިދާޅުވެ އެކަން ބައްލަވަން ތަޙްޤީޤެއް ހިންގަވާފައެވެ.
އެތަހުޤީޤުން ހާމަވެފައިވަނީ މުއައްސަސާތަކުގެ އިންތިހާ ދަރަޖައިގެ ބޮޑު އިހުމާލާއި ދޮގުހެދުމެވެ. ދިވެހިރައްޔިތުންގެ ފުރާނައާ ގުޅިފައިވާ އެމެޖެންސީ ޙާލަތެއްގައިވެސް އެއްވެސް ސީރިއަސްކަމެއް ނެތި، ފަރުވާކުޑަކަމާއި ދޯދިޔާކަމުގައި ކަންކަން ހިންގިކަމެވެ.
ހެލްތު މިނިސްޓްރީން ހިންގި ތަޙްޤީޤުން ހާމަވެފައިވާގޮތުގައި މިޝްކާ ކޯވިޑް-19އަށް ޕޮޒިޓިވްކަން އެނގުނީ މޭމައިހުގެ 28 ވަނަދުވަހުކަމަށެވެ. ޢާއްމު އުސޫލުން ޕޮޒިޓިވްވާ މީހުންނަށް ޚާއްސަކޮށް ޢުމުރުން ދުވަސްވީ މީހުންނާއި ކުޑަމކުދިންނަށް އެޗްޕީއޭއިން ގުޅާފައި ޙާލުބަލާ އުސޫލުން ފުރަތަމަ މިޝްކާގެ ބެލެނިވެރިންނަށްވެސް ގުޅައި އެކުއްޖާގެ ޙާލު ބެލިއެވެ. އަދި ޑޮކްޓަރެއްގެ ލަފާ ހޯދަން ބޭނުންތޯ ބެލިއެވެ. މިޝްކާާގެ އާއިލާއިން ވަނީ ފުރަތަމަވެސް ޑޮކްޓަރަށް ދައްކަން ބޭނުންވާކަމަށާއި ޑޮކްޓަރެއްގެ އިރުޝާދު ހޯދަންވެސް ބޭނުންވާކަމަށް އެޗްޕީއޭގައި ބުނެފައެވެ. އެހެންނަމަވެސް މިމަހުގެ 2 ވީ ބުދަ ދުވަހު މިޝްކާ ނިޔާވެގެން ދިޔައިރުވެސް އެޗްޕީއޭއިން އެފުރުސަތު ފަހިކޮށްދީފައެއް ނުވެއެވެ. މިކަން ހެލްތު މިނިސްޓްރީގެ ތަހުޤީޤު ރިޕޯޓުގައި ހާމަކުރައްވާފައިވެއެވެ. މީގެއިތުރުން މިޝްކާގެ ބަލި ޙާލަތާއި އެކުއްޖާގެ ޢާއިލާއިން އެދޭ ކަންކަމާ ގުޅޭގޮތުން އާއިލާއިން ދިން މައުލޫމާތު އެޗްޕީއޭގެ ސިސްޓަމަށް އެންޓަރކޮށްފައިވެސް ނުވެއެވެ. އަދި ކޯވިޑް-19އަށް ޕޮޒިޓިވްވާ 15 އަހަރުން ދަށުގެ ކުދިންގެ އާއިލާއަށް ގުޅައި ކޮންމެދުވަހަކު މައުލޫމާތު ހޯދަން ކަނޑައަޅާފައި އޮންނަ އުސޫލުން މިޝްކާއާމެދު އެކަންވެސް ފުރިހަމަކޮށްފައި ނުވެއެވެ.
މިޝަކާ މަރަށް ތެޅުނުއިރު، އެޗްޕީއޭއިން ހެދީ ދޮގު
ކުޑަކުޑަ މިޝްކާގެ ޙާލު ގޯސްވާ ފެށުމުން ޢާއިލާއިން ވަގުތުން އެޗްޕީއޭގެ ކޯލް ސެންޓަރަށް ގުޅައި މަޢުލޫމާތު ދިނެވެ. އަދި އަވަސް އެހީއާއި ފަރުވާއަށް އެދުނެވެ. މިކަން އެޗްޕީއޭގެ ރެކޯޑުތަކުން ފެންނަން ހުރިކަން ހެލްތު މިނިސްޓްރީގެ ރިޕޯޓުން ހާމަވެއެވެ. މި ކޯލަށް ޖަވާބުދީ މިޝްކާގެ ޙާލު އޮޅުންފިލުވައި އެޗްޕީއޭގެ ފަރާތުން ޑޮކްޓަރެއްގެ ލަފާ ދިނެވެ.
އެހެންނަމަވެސް ހާލު މާގޯސްވެ މިޝްކާއަށް ނޭވާލާން އުނދަގޫވާތީ ޢާއިލާއިން ކޯލް ސެންޓަރަށް އަނެއްކާވެސް ގުޅައި އެކަން ރިޕޯޓުކުރިއެވެ. މިޝްކާއަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެކަމާއި ހަށިގަނޑަށް ވަމުންދިޔަ ހުރިހާގޮތެއް އަމިއްލައަށް ކިޔައިދޭން ދަތިކަންވެސް ހާމަކުރިއެވެ. މި މައުލޫމާތުތައް އެޗްޕީއޭއިން ނަގާފައިހުރިކަން އެތަނުގެ ރެކޯޑުތަކުން ދައްކައެވެ. ކުއްޖާ ސީރިޔަސް ޙާލަތަކަށް ގޮސްގެން ދިން މިމަޢުލޫމާތު އެމްބިއުލާންސް އެކްޓިވޭޓްކުރަންޖެހޭ ހިސާބުތަކަށް، އެމަޢުލޫމާތު އެއްކުރި ޑޮކްޓަރު ފޮނުވުމުންވެސް މިޝްކާ ފަރުވާއަށް ގެންދަން އެމްބިއުލާންްސް ދާން އަންގާފައި ނުވާކަން ހެލްެތު މިނިސްޓްރީގެ ރިޕޯޓުން އެގެއެވެ.
ތަކުރާރުކޮށް އެތައްފަހަރަކު މިޝްކާގެ ޢާއިލާއިން އެމްބިއުލާންސްއަށް ގުޅުމުން އެމްބިއުލާންސް ފޮނުވާފައިވާކަމަށް ބުނެ އެޗްޕީއޭގެ ކޯލް ސެންޓަރުން ހެދީ ކަނޑައެޅިގެން ދޮގުކަން ހެލްތު މިނިސްޓްރީގެ ރިޕޯޓުގައި ވެއެވެ. އެންމެފަހުން އެމްބިއުލާންސް ފޮނުވީ ޢާއިލާގެ މީހަކު ނުކުމެ، ދަރުބާރުގެއަށް ގޮސް އެމަޢުމޫމާތުދީ އާދޭސްކޮށްގެންނެވެ. އޭރު އެމްޕިއުލާންސަށް އެދުނުތާ 2 ގަޑިއިރާއި 26 މިނެޓު ވެއްޖެއެވެ.
އޭރު ކުޑަކުޑަ މިޝްކާގެ ނޭފަތުން ލޭއައިސް އެކުއްޖާވަނީ ޚަބަރު ހުސްވެފައެވެ. އަންނާނެހާއިރަކުން އައި އެމްބިއުލާންސްގެ މީހުން އެކުއްޖާއަށް ޕީސީއާރުވެސް ދިނެވެ. އެހެންނަމަވެސް އޭރު އޮތީ ވާނެއެއްޗެއް ވެފައެވެ. ކުއްޖާ ނިޔާވީ އައިޖީއެމްއެޗްގެ އެމެޖެންސީއަށް ގެންގިސް ފަރުވާދެނިކޮށެވެ.
dhenves ihumaalu oiy kamakah nuvaane