ފަލަސްޠީނުގެ 2 ލައްކައެއްހާ މީހުންނަށް ސިއްހީ އެހީތެރިކަން ބޭނުންވޭ: ޑަބްލިޔުއެެޗްއޯ

އިސްރާއީލުގެ އުދުވާނުގައި ޣައްޒާގެ ގިނަ އިމާރާތްތަކެއް ވަނީ ސުންނާފަތިވެފައި

އިސްރާއިލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތައް ކަމުގައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނު މީހުންގެ ތެރެއިން 2 ލައްކައެއްހާ މީހުންނަށް ސިއްހީ އެހީތެރިކަން ބޭނުންވާ ކަމަށާއި، މިއީ "ހައިރާންވާހާ ބޮޑު އަދަދެއް" ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

"ޑަބްލިޔުއެޗްއޯއިން މިދަނީ ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ތިބި (ސިއްހީ އެހީތެރިކަން) ބޭނުންވާ ދެ ލައްކައެއްހާ މީހުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތް އިތުރުކުރަމުން." ޑަބްލިޔުއެޗްއޯގެ އިރުމަތީ މެޑިޓަރޭނިއަން ސަރަހައްދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވެއެވެ.

"ހާލަތު ވަރަށް ނާޒުކު. ޑަބްލިޔުއެޗްއޯއިން ކަން ބޮޑުވޭ. އަދި އިންސާނީ އެހީއާއި ތަރައްގީއާއި ގުޅުންހުރި ކަންކަމަށް ބޭނުންވާ ތަކެތި އެއްވެސް ހުރަހެއް ނެތި ޣައްޒާއަށް ގެންދެވޭނެ ގޮތް ހެދުމަށާއި، އަދި ބޭނުންޖެހޭ ހާލަތްތަކުގައި ބޭސްފަރުވާއަށް ޣައްޒާއިން ބޭރަށް ބަލިމީހުން ގެންދެވޭނެ ގޮތް ހެދުމަށް ޑަބްލިޔުއެޗްއޯއިން ގޮވާލާ." އެ ބަޔާނުގައި ވެއެެވެ.

އިސްރާއީލުގެ 11 ދުވަހުގެ އުދުވާނުން ގެތަކާއި، މަދަރުސާތަކާއި، ހޮސްޕިޓަލުތަކާއި، ވަތުއޮނިގަނޑު (އިންފްރާސްޓްރަކްޗާ) ހަލާކުވެފައިވާ މިންވަރު ދެނެގަތުމަށް ޑަބްލިޔުއެޗްއޯއާއި ރެޑް ކްރޮސްގެ އޮފިޝަލުން ވަނީ ޣައްޒާއަށް ޒިޔާރަތްކޮށްފައެެވެ.

ޣައްޒާގެ ސިއްހީ އޮފިޝަލުން މައުލޫމާތުދޭ ގޮތުގައި 10 މޭ ގައި އިސްރާއީލުން ޣައްޒާއަށް ދޭން ފެށި އުދުވާނީ ހަމަލާތަކުގައި ފަލަސްޠީނުގެ 254 މީހުން ޝަހީދުވެފައި ވެއެވެ. އޭގެ ތެެރޭގައި 60 ކުޑަކުދިން ވެސް ހިމެނެއެވެ.

ޑަބްލިޔުއެޗްއޯއިން ފާހަަގަކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އެންމެ ފަހުގެ އުދުވާނުގެ ސަަބަބުން އިތުރު އެތައް ބައެއްގެ ގެދޮރު ގެއްލި، އިންސާނީ ކާރިސާގެ ހާލަތު ވަނީ އިތުރަަށް ގޯސްވެފައެވެ.  

"77 ހާހަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރަށުގެ އެހެން ތަންތަނަށް ދާން ޖެހިފައި. އަދި ސިއްހީ ޚިދުމަތްދޭ 30 ތަނެއް ވަނީ ހަލާކުވެފައި." ހިފާފައިފާ ފަލަސްޠީނުގެ ބިންތަކަށް ޑަބްލިއެޗްއޯއިން ކަނޑައަޅާފައި ހުންނަވާ މަންދޫބު ރިކް ޕީޕަކޯން އެ ޖަަމްއިއްޔާގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ކުރިއަށް އޮތް 6 މަސްދުވަހަށް ޣައްޒާއަށް ބޭނުންވާ ސިއްހީ ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ 7 މިލިއަން އެމެރިކާ ޑޮަަލަރު ހޯދުމަށް ފާއިތުވި މޭ މަހުގެ 20 ވަނަ ދުވަހު ޑަބްލިއުއެޗްއޯއިން ވަނީ އެހީދޭ ގަައުމުތަކަށް އިލްތިމާސްކޮށްފައެވެ. އޭގެތެރޭން މިއަދާ ހަމަށް އަދި ލިބިފައިވަނީ 2.3 މިލިއަން ޑޮލަރެވެ.

"ފަލަސްޠީނުގެ މީހުން ދިރިއުޅުމުގެ ހާލަތު ދަނީ ދުވަހުން ދުވަހަށް ދަށަށް. ހަނގުރާމައިގެ އަސަރުކޮށްފައިވާ ގިނަ ބަޔަކަށް ވަނީ އަވަސް އެހީ ބޭނުންވެފައި. އަދި ކޮވިޑް-19 ފަދަ އެހެން ސިއްހީ ނުރައްކާތަކަށް ހުށަހެޅުމުގެ ނުރައްކަލުގެ ތެރޭަގައި."  ޕީޕަކޯން ވިދާޅުވެފައި ވެއެެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވާ ގޮތުގައި މޭ މަހުގެ ނިޔަލަށް ފަލަސްޠީނުގެ ސަރަހައްދުތަކުގައި 3 ލައްކަ 37 ހާހަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ 3700 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.